ސާބިއާގެ ޑިފެންޑަރު ޕީޓާ ޕްލެނިޗް މާޒިޔާއަށް

ސާބިއާގެ ޑިފެންޑަރު ޕީޓާ ޕްލެނިޗް މާޒިޔާއަށް ސޮއި ކުރުމަށް ބޭއްވި ހާއްސަ ހަފްލާގެ ތެރެއިން --- ފޮޓޯ// މާޒިޔާ

ސާބިއާގެ ފުރަތަމަ ޑިވިޝަނުގައި ކުރިން ކުޅެ އޭޝިއާ ބައްރުގެ ޓީމުތަކުގެ ވެސް ތަޖުރިބާ ހުރި ޑިފެންޑަރު ޕީޓާ ޕްލެނިޗް މާޒިޔާއަށް ސޮއިކޮށްފިއެވެ.

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާއިން މިހާރު ވެސް ބޮޑު ލީޑެއް ނަގާފައިވާ އިރު އެއްވަނަ ގާތްގަނޑަކަށް ވަނީ ޔަގީންވެފައެވެ. އެއްވަނައިގައި 11 ޕޮއިންޓްގެ ލީޑެއްގައި މާޒިޔާ އޮތް އިރު، ލީގުގައި މިހާރު ކުރިއަށްދާ އިރު ތަށި ޔަގީން ކުރުމަށް ތިންވަނަ ބުރުގައި އެ ޓީމުން ބާކީ އޮތް ފަސް މެޗުން ހޯދަން ޖެހޭނީ އެންމެ އަށް ޕޮއިންޓްއެވެ. އެކަމަކު ކުރިއަށް އޮތް އޭއެފްސީ ކަޕަށް ތައްޔާރުވުމުގެ ގޮތުން އެ ޓީމުން އަންނަނީ ޓީމު ވަރުގަދަ ކުރުމަށް ހުނަރުވެރި ކުޅުންތެރިންތަކެއް ގެންނަމުންނެވެ.

ސާބިއާގެ ޑިފެންޑަރު ޕީޓާ ޕްލެނިޗް މާޒިޔާއަށް ސޮއި ކުރުމަށް ބޭއްވި ހާއްސަ ހަފްލާގެ ތެރެއިން --- ފޮޓޯ// މާޒިޔާ

އެގޮތުން އައު އަހަރާ އެކު ހުޅުވުނު ޓްރާންސްފާ މާކެޓުގައި މާޒިޔާއިން ވަނީ މިހާތަނަށް ހަތަރު ކުޅުންތެރިން ގެނެސްފަ އެވެ. އެއީ ޓީސީ ސްޕޯޓްސް ކްލަބަށް ކުރިން ކުޅުނު ގައުމީ ޓީމުގެ މިޑްފީލްޑަރު އިބްރާހިމް އަައިސަމް އަދި މުހައްމަދު ސާމިރު އަދި އަފްގާނިސްތާން ގައުމީ ޓީމުގެ ޑިފެންޑަރު މުހައްމަދު ޝާރިފްގެ އިތުރުން ރޭ އެ ޓީމަށް ސޮއި ކުރި ޕްލެނިޗް އެވެ.

އޭޝިއާ ގައުމުތަކުގައި މީގެ ކުރިން ކުޅެފައިވާ ޕެލްނިޗް ވަނީ މިދިޔަ އަހަރުގެ ފަހު ކޮޅު ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް ކަޕުގައި އިންޑިއާގެ ޗިޓަގޮން އަބަހާނީ އަށް ކުޅެފަ އެވެ. އެކަމަކު އެ ޓީމާ އެކު އޭނާ ކޮންޓްރެކްޓް އާ ނުކުރީ ބޭނުންވާ ވަރުގެ ހުށަހެޅުމެއް ނުލިބުމުންނެވެ.

އުމުރުން 30 އަހަރުގެ ޕްލެނިޗް ވަނީ މީގެ ކުރިން ލުބުނާނުގެ ނެޖްމާ އާ އެކު 2017 ވަަނަ އަހަރުގެ އޭއެފްސީ ކަޕްގައި ވެސް ވަނީ ކުޅެފަ އެވެ. އޭގެ ފަހުން އޭނާ ފެނުނީ އިންޑޮނީޝިއާގެ ސުޕަ ލީގުންނެވެ. އޭނާ ކުޅުނީ ސުޕަ ލީގުގެ ޕީއެސްއައިއެސް ސެމަރަން އަށެވެ. އަބަހާނީ އަށް ކުޅުމުގެ ކުރިން އޭނާ ވަނީ ބޮސްނިއާ ދެވަނަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ ސްލޯގާ އަށް ކުޅެފަ އެވެ.

އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ދެ ވަނަ ބުރުގައި މާޒިޔާ ކުޅޭނީ ބަންގްލަދޭޝް އަބަހާނީ ލިމިޓެޑް ޑާކާއާ އެވެ. އަންނަ މަހު 5 ވަނަ ދުވަހު ޑާކާގައި އަދި 12 ވަނަ ދުވަހު މާލޭގައި ކުޅޭ ދެ ލެގުން ކުރި ލިބިއްޖެ ނަމަ މާޒިޔާ އަށް ޕްލޭއޮފުން ފުރުސަތު ލިބޭނެ އެވެ. ޕްލޭއޮފުގައި މާޒިޔާ ވާދަކުރަން ޖެހުމުގެ ފުރުސަތު ބޮޑީ އިންޑިއަން ސުޕަ ލީގުގެ ބެންގަލޫރު އެފްސީއާއެވެ.

comment ކޮމެންޓް