ފޯކައިދޫ ބަލިކޮށް މާޒިޔާއިން ސްޓައިލުގައި ތިންވަނަ ބުރު ފަށައިފި

މާޒިޔާއާއި ފޯކައިދޫ މިއަދު ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ// އެފްއޭއެމް

ދިވެހި ޕްރިމިއާ ލީގުގެ ފަހު ބުރުގެ ފުރަތަމަ މެޗުގައި މިއަދު ފޯކައިދޫ އަތުން ތަފާތު ބޮޑު މޮޅެއް ހޯދައި މާޒިޔާއިން 11 ޕޮއިންޓަށް ލީޑު ފުޅާކޮށްފި އެވެ.

އެއްވަނައިގައި ބޮޑު ފަރަގެއްގައި އޮވެ ދެވަނަ ބުރު ނިންމާލި މާޒިޔާއިން މިއަދުގެ މެޗުގައި ފޯކައިދޫ ބަލިކުރީ 0-7 ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު މާޒިޔާ އެއް ވަނައިގައި އޮތީ 44 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އީގަލްސް އޮތީ 33 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި ޓީސީ އޮތީ 28 ޕޮއިންޓާ އެކު އެވެ. ހަތަރު ވަނައިގައި އޮތް ގްރީން ސްޓްރީޓްސްގެ އޮތީ 26 ޕޮއިންޓެވެ. ފަސް ވަނައިގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް 21 ޕޮއިންޓާ އެކު އޮތްއިރު، މިއަދުގެ މެޗުން ބަލިވި ފޯކައިދޫ އަށް ވަނީ 20 ޕޮއިންޓް ލިބިފަ އެވެ.

މާޒިޔާއާއި ފޯކައިދޫ މިއަދު ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ// އެފްއޭއެމް

ލީގުގެ ތިން ވަނަ ބުރުގައި ގަދަ އަށް ޓީމު ކުޅޭ ގޮތަށް ކުރިން ނިންމާފައި އޮތް ނަމަވެސް ގަވާއިދު ބަދަލުކޮށް ފަހު ބުރުގައި ގަދަ ހަ ޓީމު ކުޅޭގޮތަށް އެފްއޭއެމުން ވަނީ ނިންމާފަ އެވެ. އެއީ ކްލަބްތަކަށް މާލީ ގޮތުން ދިމާވެފައިވާ މައްސަލަތަކުގެ ސަބަބުން ސީޒަން ދިގުލައިގެން ދާން ބައެއް ކްލަބްތަކުން ބޭނުންނުވާތީ އެވެ. އަދި ބައެއް ކްލަބްތަކުން ސީޒަން އަވަހަށް ނިންމާލަން ބޭނުންވި އެއް ސަބަބަކީ އެއް ވަަނައިގައި އޮތް މާޒިޔާ އަތުލެވޭނެ ކަމުގެ މާ ބޮޑު ޔަގީންކަމެއް ނެތުމެވެ.

މިއަދުގެ މެޗުގައި މާޒިޔާއިން ވަރުގަދަ ސްކޮޑަކާ އެކު ފެށި ނަމަވެސް ފޯކައިދޫގެ މުހިއްމު ތިން ކުޅުންތެރިއަކު ދާދި ފަހުން ޓީސީއަށް ބަދަލުވުމާ ގުޅިގެން އެ ޓީމުން މިއަދުގެ މެޗާ ކުރިމަތިލީ ޓީމަށް އަލަށް ގެނައި ބައެއް ކުޅުންތެރިން ވެސް ޓީމުގައި ހިމަނައިގެންނެވެ.

މިއަދުގެ މެޗު ފެށިގެން ފޯކައިދޫއަށް މާޒިޔާ ހިފަހައްޓާލެވުނީ އެންމެ 18 މިނަޓު ވަންދެނެވެ. އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ގެ ގޯލުން މާޒިޔާ ފޯކައިދޫގެ ގޯލު ހުޅުވާލުމަށްފަހު ދިޔައީ ފުލުފުލުގައި ހަމަލާތައް އުފައްދަމުންނެވެ. އެކަމަކު އެ ހާފުގައި އެ ޓީމަށް ލިބުނު ގިނަ ފުރުސަތުތައް ދިޔައީ ބޭނުން ނުކުރެވި އެވެ. މާޒިޔާއިން ދެވަނަ ގޯލު ޖެހީ ހާފު ނިމެން ކުޑައިރަކޮޅަކަށް ވެފައި ވަނިކޮށް ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.

ފުރަތަމަ ހާފުގައި ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ނުހިފުނު ނަމަވެސް ދެވަނަ ހާފުގައި މާޒިޔާއިން ވަނީ ފަސް ގޯލު ޖަހައިފަ އެވެ. ދެވަނަ ހާފު ފެށިގެން 59 ވަނަ މިނަޓުގައި އެ ޓީމުގެ ބިދޭސީ ފޯވާޑް ކޯނެލިއަސް ސްޓެވާޓް (ކޯނޭ) ވަނީ މާޒިޔާގެ ލީޑު ފުޅާ ކޮށްދީފަ އެވެ. އަދި ޖެހިގެން އައި މިނަޓުގައި ވެސް އޭނާ ވަނީ އިތުރު ގޯލެއް ޖަހައި މާޒިޔާއަށް މެޗު ޔަގީންކޮށްދީފަ އެވެ.

ފުލުފުލުގައި މާޒިޔާ ޖަހަމުން ދިޔަ ގޯލުތަކާ އެކު ފޯކައިދޫގެ އުންމީދު ކެނޑި ކުޅުމަށް މަޑުޖެހުމެއް އައުމުން އޭގެ ފައިދާ މާޒިޔާއިން ވަނީ ފުރިހަމައަށް ނަގައިފަ އެވެ. އެގޮތުން 81 ވަނަ މިނަޓުގައި ގޯލެއް ޖަހައި ކޯނޭ އޭނާގެ ހެޓްރިކް ފުރިހަމަ ކުރި އިރު މެޗު ނިމުމުގެ ކުރިން މުހައްމަދު އިރުފާންއާއި (އިރޭ) އާއި ހުސައިން ނިހާން (ނިހާޓް) ވަނީ ގޯލު ޖަހައިފަ އެވެ.

ލީގުގައި މިހާތަނަށް މާޒިޔާ ކުޅުނު 16 މެޗުގެ ތެރެއިން އެ ޓީމު ވަނީ 13 މެޗުން މޮޅުވެފަ އެވެ. ދެ މެޗުން އެއްވަރުވިއިރު، ބަލިވީ އެންމެ މެޗަކުންނެވެ. ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލު ކުރާނީ ގްރީންސްޓްރީޓްސްއާއި ދަ ގްރާންޑޭ އެވެ.

comment ކޮމެންޓް