ބާސާއާ އެކު ހޭދަކުރީ ދަތި އުނދަގޫ ދުވަސްތަކެއް: ވަލްވާޑޭ

ބާސެލޯނާގެ ކުރީގެ ކޯޗު އާނެސްޓޯ ވަލްވާޑޭ --- ފޮޓޯ// ޖޮން ފިޝާ

ބާސެލޯނާގެ އައު ކޯޗަކަށް ރެއާލް ބެޓިސްގެ ކުރީގެ ކޯޗު ކީކޭ ސެޓިއެން ރޭ ހަމަޖެއްސި އިރު، އެ ކުލަބާ އެކު ހޭދަކުރި ދުވަސްތައް ތަހައްމަލު ކުރަން ޖެހުނީ ދަތި ހާލުގައި ކަމަށް އެ ޓީމުގެ ކޯޗުކަމުން ރޭ ވަކިކުރި އާނެސްޓޯ ވަލްވާޑޭ ބުނެފި އެވެ.

ވޭތުވެ ދިޔަ ދެ އަހަރުގެ ސްޕެނިޝް ލީގު ބާސާއަށް ހޯދައިދިން ވަލްވާޑޭގެ މަގާމާއި މެދު ސުވާލުތަކެއް އުފެދިފައި އޮންނަތާ ދުވަސްތަކެއް ވީ އިރު ބާސެލޯނާގެ ބޯޑުން މި ނިންމުން ނިންމީ ހަތަރު ގަޑިއިރަށް ވުރެ ގިނައިރު ކުރި މަޝްވަރާތަކަށް ފަހު އެވެ. ބާސާގެ ކޯޗްގެ މަގާމުގައި 2003 ވަނަ އަހަރު ހުރި ލުއިސް ވެންހާލް ވަކި ކުރީ ސީޒަންގެ މެދުތެރެއިންނެވެ. އޭގެ ފަހުން ވަލްވެރުޑޭ އާ ދެމެދު އައްޔަން ކުރި ހުރިހާ ކޯޗުންވެސް ވަނީ އެއްބަސްވުން ފުރިހަމަ ކޮށްފަ އެވެ.

ބާސެލޯނާއިން މި ފަހަރުގެ ސީޒަނުގައި ލީގުގެ އެއްވަނައިގައި އޮތެއް ކަމަކު ޖުމުލަކޮށް ސީޒަނުގައި ދައްކާފައިވަނީ ދަށް ކުޅުމެކެވެ. ގިނަ ޓީމުތައް ގާތުން އެއް ގޯލުގެ ތަފާތުން މޮޅުވި އިރު ތާވަލުގެ އެންމެ ފުލުގައި އޮތް އެސްޕަންޔޯލް އަތުން ވެސް ވަނީ ދާދި ފަހަކުން ބަލިވެފަ އެވެ. އަދި ސައުދީގައި ކުރިއަށް ދިޔަ ސްޕެނިޝް ސުޕާ ކަޕުގެ ސެމީ ފައިނަލުގައި އެތުލެޓިކޯ މެޑްރިޑް އަތުން ބަލިވުމުން ޓީމުގެ މައްސަލަތައް ފަޅައިގެން ދިޔައިރު ހުރިހާ ޒިންމާތަކެއް ނަގަން ޖެހުނީ ކޯޗެވެ.

"އަހަރެން ބާސާއާ އެކު ހޭދަކުރަމުން އައި ދަތި އުނދަގޫ ދުވަސްތަކަށް މިވަނީ ނިމުމެއް އައިސްފަ. މި ވޭތުވީ ދެ އަހަރަކީ ކެތްތެރިވެގެން ހުންނަން ޖެހުނު އުނދަގޫ އިމްތިހާނެއް،" ވަލްވާޑޭ މަގާމުން ވަކިކުރުމާ ގުޅިގެން ނޫސްވެރިންނާ ބައްދަލުކޮށް ބުންޏެވެ.

އޭނާ ބުނީ ބާސެލޯނާއާ ހަވާލުވީ އިރު ވެސް ކުރިމަތިވާނެ ޕްރެޝަރު ވިސްނުނު ކަމަށެވެ. އެކަމަކު ޖުމުލަކޮށް ބާސެލޯނާގައި ހޭދަކުރި ދުވަސްތަކަކީ ކާމިޔާބު ދުވަސްތަކެއް ކަމަށް އޭނާ ބުންޏެވެ. އެގޮތުން ލީގުގައި ލިބުނު ތަށި ތަކަކީ އެކަން ރަމްޒްކޮށްދޭނެ ކަމެއް ކަން އޭނާ ފާހަގަ ކުރި އެވެ.

ވަލްވޭޑޭގެ ބަދަލުގައި ބާސެލޯނާ އިން އެންމެ ފުރަތަމަ ގެންނަން މަސައްކަތްކުރީ ގަތަރުގެ އައް ސާދު އަށް ކޯޗުކޮށްދޭ ކުރީގެ ކުޅުންތެރިޔާ ޒަވީ ހެނާންޑޭޒް އެވެ. އެކަމަކު ޒަވީ ބޮޑަށް ބޭނުންވަނީ މި ސީޒަނަށް ފަހު އެ މަގާމާ ހަވާލުވާށެވެ. ނުވަތަ ވަލްވޭޑޭ އަމިއްލަ އަށް އެ މަގާމުން އިސްތިއުފާ ދީފިނަމަ ހަވާލުވާށެވެ. އެހެން ކަމުން ބާސެލޯނާއިން ނިންމީ ސެޓިއެންއަށް މަގާމު ހަވާލު ކުރުމަށެވެ.

comment ކޮމެންޓް