ކުޅުދުއްފުށީ ފެން ޕްލާންޓުން އަލުން މަސައްކަތް ފަށައިފި

ކުޅުދުއްފުށީގައި ގާއިމްކުރި ބޮޓްލިން ޕްލާންޓް--- ފޮޓޯ: ކުޅުދުއްފުށީ އޮންލައިން

އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް (އައިބީއެމް) އިން ހދ. ކުޅުދުއްފުށީގައި ގާއިމްކުރި ފެން އުފައްދާ ބޮޓްލިން ޕްލާންޓްގެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު އަލުން މަސައްކަތް ފަށައިފިއެވެ.

އެ ޕްލާންޓްއިން ފެން އުފައްދަން ފެށީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ. ނަމަވެސް އޮގަސްޓް މަހު މެޝިނަށް ދިމާވި މައްސަލަތަކަކަށް ފަހު ފެން އުފެއްދުން އޮތީ ހުއްޓިފައެވެ.

އައިބީއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އަންވަރު "ސަން" އަށް މިއަދު ވިދާޅުވީ ފެން ޕްލާންޓްގެ މަސައްކަތް ލަސްވީ އެ މެޝިންތައް މަރާމާތުކުރުމުގައި ދިމާވި ދަތިތަކާ ހުރެ ކަމަށެވެ.

" މެޝިންތައް ސަޕްލައިކޮށްދިން ކުންފުނިތަކާ ވާހަކަ ދައްކައިގެން އެތަންތަނުގެ އިންޖިނިއަރުން އައިސް މަރާމާތުކުރީ ނޮވެމްބަރުގައި. ދެން ފުޑް އެންޑް ޑްރަތް އޮތޯރިޓީން ބަލަން ޖެހޭ ކަންތައްތައް ބެލުމަށް ފަހު ހުއްދަ ދިނީ ޑިސެމްބަރުމަހު" އަންވަރު ވިދާޅުވިއެވެ.

ފެން ޕްލާންޓްގެ މަސައްކަތް ފެށިނަމަވެސް އެތަނުން ވިޔަފާރީގެ ގޮތުން ފެން ވިއްކަން ދުވަސްތަކެއް ނަގާނެކަމަށް އޭނާ ވިދާޅުވިއެވެ.

އެ ޕްލާންޓުން ތިން ސައިޒެއްގެ ފެން ފުޅި ކުރިން އުފެއްދިއެވެ. އޭގެ ތެރޭގައި 330 މިލި ލީޓަރު، 500 މިލިލީޓަރު އަދި 1.5 ލީޓަރުގެ ފެން ފުޅި ހިމެނެއެވެ.

comment ކޮމެންޓް