ރަށްރަށުގައި ހިމަބިހި ފެތުރޭތޯ ބަލަނީ

ހިމަބިހި ---

މާލެ ސަރަހައްދުން ހިމަބިހީގެ ތިން ކޭހެއް ފެނިފައިވާއިރު އެ ބަލި ރަށްރަށުގައި ފެތުރޭތޯ ބަލަން ފަށައިފިއެވެ.

ހިމަބިހީގެ ހާލަތާ ގުޅޭގޮތުން ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަންތަނާ ހެލްތު މިިނިސްޓްރީން މުއާމަލާތްކޮށް، އެއްވެސް ރަށަކުން އެއްވެސް މިންވަރަކަށް ހިމަބިހީގެ އަލާމާތްތައް ފެނޭތޯ ބެލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

"އަދި މިހާތަނަށް ބެލި ބެލުމުން ރާއްޖޭގެ އެހެން އެއްވެސް ހިސާބަލުން މި ބަލީގެ އަލާމާތެއް ފެނިފައެއް ނުވޭ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މާދަމާގެ ނިޔަލަށް ރާއްޖޭގެ ސިއްހީ ހިދުމަތްދޭ ތަންތަން މެދުވެރިކޮށް، ރަށްރަށުގައި އެއްގޮތަކަށްވެސް ވެކްސިން ނުދީ ތިބި ފަރާތްތައް އަލުން ކަށަވަރު ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން އަލުން ޔަގީން ކުރާނަން ކިހާ މިންވަރަކަށް ތޯ، ކޮންބަޔަކަށްތޯ [ވެކްސިން ނުދީ ތިބީ]. މިހާރު ހުރި މައުލޫމާތާ އެއްވެސް ތަފާތެއް ހުރިތޯ ބަލާ، އެކުލަވާ މިލަނީ ވެކްސިން ނުދީ ތިބި ފަރާތްތަކުގެ މައުލޫމާތު. އެފަރާތްތަކުގެ މައުލޫމާތު އަޅުގަނޑުމެން މާދަމާގެ ނިޔަލަށް އެއްކުރާނަން،" މިނިސްޓަރު ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރު އަމީން ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށަކުން އެއްކުރާ މައުލޫމާތުތަކާއެކު އެމީހުންނަށް ވެކްސިން ދިނުމަށް ކުރަންޖެހޭ ކަންތައްތައް ކުރައްވާނެ ކަމަށެވެ.

"ވެކްސިން ދިނުމުގެ ނިޒާމުގެ ތެރެއިން އަޅުގަނޑުމެން އިލްތިމާސް ކުރަން މިހާރުވެސް ވެކްސިން ދިނުމުގެ ކަންތައް ކުރިއަށް ގެންދަން،"

މިނިސްޓަރު ވިދާޅުވީ ދެ ލައްކަ މީހުންނަށް ދެވޭ ވަރަށް ރާއްޖެއަށް ވެކްސިން ގެނައުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ތިން މަހަށް ކުރިއަށްގެންދާ ވެކްސިން ޕްރޮގްރާމެއް ފަށާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިހާތަނަށް ތިން މީހެއްގެ ގައިން ހިމަބިހި ފެނިފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ މިމަހުގެ އަށްވަނަ ދުވަހު ބަލި ފެނުނު އުމުރުން ތިން އަހަރުގެ ކުއްޖާ އާއި އއްިޔެ މި ބަލި ފެނުނު 30 އަަހަރުގެ މީހާގެ އިތުރުން ބައްޔަށް ޝައްކު ކުރެވިގެން ޓެސްޓު ކުރި މީހެކެވެ. އޭނާ ބައްޔަށް ޕޮޒިޓިވް ވިކަން ހެޗްޕީއޭއިން ވަނީ ޔަގީންކޮށްދީފައެވެ.

comment ކޮމެންޓް