ހިމަބިއްސާ ބެހޭ ގޮތުން އެނގެނީ ކިހާވަރަކަށް؟

ރާއްޖެއިން ހިމަބިހި ނައްތާލެވިފައިވާކަން ފާހަގަކޮށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން ދޭ ސެޓްފިކެޓު ލިބިފައިވަނީ 2017 ވަނަ އަހަރު އެވެ. ގައިންގަޔަށް އަރާ ގިނަ ބަލިތަކެއް ވެކްސިން ދީގެން ކޮންޓްރޯލުކޮށް، ގިނަ ބަލިތަކެއް އެއްކޮށް ނައްތާލެވިފައިވަނީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ގިނަ ބަޔެއްގެ ބުރަ މަސައްކަތުން ރައްޔިތުންގެ ބޮޑު އެއްބާރުލުމަކާ އެކު އެވެ.

ނަމަވެސް މީގެ ކުރިން ނައްތާލެވިފައިވާ ބައެއް ބަލިތައް އަނެއްކާވެސް ރާއްޖެއިން ފެންނަން ފަށައިފި އެވެ. މީގެ މައިގަނޑު އެއް ސަބަބަކީ ބަލިން ރައްކާތެރިވުމަށްދޭ ވެކްސިން ދިނުން ހުއްޓާލާ މީހުން މުޖުތަމައުގައި އިތުރުވުމެވެ. ދީނީ އަދި އެހެން ވެސް ޕްރޮޕެގެންޑާތަކުގެ އަވާގައި ޖެހި ވެކްސިން ނުޖަހާ މީހުން މަދުން ނަމަވެސް ރާއްޖެއިން ފެންނައިރު، އޮތް އެންމެ ބޮޑު ބިރަކީ ނައްތާލެވިފައިވާ ބަލިތައް އަލުން މުޖުތަމައަށް އައުމެވެ.

ހިމަބިހިން ރައްކާތެރިވުމަށް މީސްލްސް ވެކްސިން ދޭން ފަށާފައިވަނީ 1983 ވަނަ އަހަރު އެވެ.

ރާއްޖެއިން ހިމަބިހި ނައްތާލެވުނުކަމުގެ ލިޔުން ލިބުނު ނަމަވެސް 2017 އަދި 2018 ވަނަ އަހަރުވެސް ހިމަބިހީގެ އެއް ކޭސް ރާއްޖެއިން ފެނިފައިވެއެވެ. އޭގެ ފަހުން މިމަހުގެ އަށްވަނަ ދުވަހު ތިން އަހަރުގެ ތުއްތު ކުއްޖެއްގެ ގައިން ހިމަބިހި ފެނިފައިވެއެވެ. އޭގެ ފަހުން އުމުރުން 30 އަހަރުގެ މީހެއްގެ ގައިންވެސް ހިމަބިހި ފެނި އޭނާ އަށް ދަނީ އައިޖީއެމްއެޗުގައި ފަރުވާ ދެމުންނެވެ.

ހިމަބިހި ނުވަތަ މީސްލްސް އަކީ ގައިގަން ގަޔަށް އަރާ ވައިރަލް ބައްޔެކެވެ. މި ބަލި ޖެހެނީ ބަލިޖެހިފައިވާ މީހެއްގެ ކެއްސާ ކިނބިހިއެޅުން ފަދަ ކަމެއް ކުރުމުގެ ތެރެގައި ސަލާމަތުން ހުރި މީހެއްގެ ގަޔަށް ބަލީގެ ވައިރަސް ވާސިލްވުމުންނެވެ.

ހިމަބިއްސަކީ ސީރިއަސް އަދި ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެކެވެ. މި ބަލީގެ ސަބަބުން ސިކުނޑިއަށްވެސް އަސަރުކުރެ އެވެ. ނިޔުމޯނިޔާ، ބޭރަށް ހިންގުން، ފޮލުގެ ފެނުން ގެއްލުން އަދި ކަންފަތުގެ ބަލިތަކަކީ ހިމަބިހީގެ ސަބަބުން ކުރިމަތިވާ މައްސަލައެކެވެ.

ހިމަބިހި ޖެހިފައިވާ މީހެއްގެ ފަރާތުން ފެންނަ އަލާމާތްތަކަށް ބަލާއިރު، ގަދަޔަށް ހުން އައުމާއި ލޯރަތްވެ، ލޮލުން ފެން އައުން، ނޭފަތުން އަރިދަފުސް އައިސް ގައިގައި ކުދި ބިހިތަކެއް ނެގުން ހިމެނެއެވެ. މީގެ އިތުރުން އަނގައިގެ ތެރޭގައި ކުދިކުދި ހުދު ތިކިތަކެއް ކަހަލަ ބިހި ނެގުން ފަދަ އަލާމާތްތައް ބަލި ޖެހިފައި ތިބޭ މީހުންގެ ފަރާތުން ފެންނާނެއެވެ.

ހިމަބިއްސާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ފަރާތުން ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ މުސްތޮފާ ވިދާޅުވީ ހުންއައުމާ އެކު ހަމުގައި ބިހި ހުރިނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދަން އިލްތިމާސް ކުރައްވާ ކަމަށެވެ.

އެފަދަ އަލާމާތްތައް ފެންނަނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށާއި، ސްކޫލަށް އަދި އޮފީހަށް ނުދިޔުމަށް ކަމާ ބެހޭ ފަރާތްތަކުން އިލްތިމާސް ކުރެއެވެ. ބަލިޖެހިފައިވާ މީހެއްގެ ކިބައިން އެހެން މީހަކަށް ބަލި ފޯރުމުގެ ފުރުސަތު އޮންނާނީ ބަލީގެ ސަބަބުން ނަގާ ރޭޝްތައް ހަށިގަނޑުގައި ނެގުމުގެ ހަތަރު ދުވަސް ކުރިން އަދި އޭގެ ހަތަރު ދުވަސް ފަހުންނެވެ.

ހިމަބިހި ޖެހުމުން އެންމެ ބޮޑު ނުރައްކަލެއް އޮތީ އުމުރުން ފަސް އަހަރުން ދަށުގެ ކުދިންނާއި، ކެންސަރު ފަދަ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ، ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށި މީހުންނެވެ. މީގެ އިތުރުން ވެކްސިން ނުޖަހާތިބި މާބަނޑު މީހުންނަށްވެސް މި ބަލި ޖެހިދާނެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފައިވާގޮތުން މިދިޔަ 2018 ވަނަ އަހަރު އެކަނިވެސް ހިމަބިހީގެ ސަބަބުން 140،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ. މީގެ ތެރޭގައި އެންމެ ގިނައީ އުމުރުން ފަސް އަހަރުން ދަށުގެ ކުދިންކަން އެ ޖަމްއިއްޔާ އިން ފާހަގަ ކުރެއެވެ. އެ ޖަމްއިއްޔާ އިން ފާހަގަކުރާގޮތުގައި 2000 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ހަމައަށް މީސްލްސް ވެކްސިންގެ ސަބަބުން އެ ބަލީގައި މަރުވާ މީހުންގެ އަދަދު ވަނީ 73 ޕަސެންޓު ދަށް ކުރެވިފައެވެ.

ތަރައްގީވަމުން އަންނަ ގައުމުތަކާޢި އެފްރިކާ އަދި އޭޝިއާގެ ގިނަ ގައުމުތަކެއްގައި މި ބަލި އަދިވެސް ފެތުރެމުންދާއިރު "ދަ މީސްލްސް އެންޑް ރުބެއްލާ އިނިޝިއޭޓިވް" ގެ ނަމުގައި މީސްލްސް އަދި ރުބެއްލާ ނައްތާލުމަށް 2001 ވަނަ އަހަރު ވަނީ ބޮޑު ކެމްޕެއިނެއް ފަށައިފައެވެ. އެ ކެމްޕެއިނާއެކު މީސްލްސް ވެކްސިންދޭ މިންވަރު އިތުރުވިއެވެ.

ރާއްޖޭގައި ހިމަބިހީގެ ވެކްސިން އުމުރުން ނުވަ މަހުގަ އާއި 18 މަހުގައި ދެއެވެ. ބަލިން ރައްކާތެރިވުމަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަކީ މުހިއްމު ކަމެކެވެ. ދެ ޡޯޒް ފުރިހަމަ ނުކުރާ މީހުންނަށް ވެކްސިން ދިނުމުގެ ކަންތައް ސިއްހީ ހިދުމަތްދޭ ތަންތަނުގައި ހަމަޖައްސާފައިވާއިރު ވެކްސިން ދިނުމުގެ ގައުމީ ކެމްޕެއިނެއް ފަށަން ނިންމާފައިވާކަން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިއްޔެ ފާހަގަ ކުރެއްވިއެވެ.

ވެކްސިން ނުޖަހާ ތިބުމުގެ ސަބަބުން މުޅި ގައުމު ނުރައްކަލުގެ ތެރެއަށް ދިއުމަށް ދޫކޮށްލެވޭކަށް ނެތްކަމަށް ވިދާޅުވެ ހެލްތު މިނިސްޓަރު އިއްޔެ ވިދާޅުވީ ވެކްސިން ނުދޭ ކުދިން ފާހަގަކޮށް، ވެކްސިން ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

https://sun.mv/130116

comment ކޮމެންޓް