ފިލިޕީންސްގައި އަލިފާން ފަރުބަދައެއް ގޮވުމުގެ އިންޒާރު

މެނީލާ ރަށް ބޭރުގައި ހުރި ތާލް އަލިފާން ފަރުބަދައިން ދުން އަރަނީ --- ފޮޓޯ : ސީއެންއެން

ފިލިޕީންސްގެ ވެރިރަށް މެނީލާ ކައިރީގައި ހުންނަ އަލިފާން ފަރުބަދައެއް ގޮވުމުގެ ނުރައްކާ އޮތްކަމުގެ އިންޒާރު ދީފިއެވެ.

މެނީލާގެ 60 ކިލޯމީޓަރު ދެކުނުގައިވާ ތާލް ލޭކްގެ މެދުގައި އޮންނަ ތާލް އަލިފާން ފަރުބަދައަކީ އެގައުމުގައިވެސް ހުރި އެންމެ އެކްޓިވް އެއް އަލިފާން ފަރުބަދައެވެ.

އެކަމާ ގުޅިގެން ފިލިޕީންގެ ސަލާމަތީ ބާރުތަކުން ވަނީ އަލިފާން ފަރުބަދައިގެ އަސަރު ކުރާނެކަމަށް ބެލެވޭ، ފަރުބަދައިގެ ވަށައިގެން 17 ކިލޯމީޓަރުގެ ރޭޑިއަސްގެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ރައްކާތެރި ސަރަހައްދަކަށް ބަދަލުވުމަށް އެދިފައެވެ. މީގެ ތެރޭގައި 12.8 މިލިއަން މީހުންގެ އާބާދީއެއް އޮންނަ މެޓްރޮޕޮލިޓަން މެނީލާގެ ސަރަހައްދުތައްވެސް ހިމެނެއެވެ.

ފިލިޕީންސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އެންޑް ސައިޒްމޯލޮޖީން ބުނެފައިވަނީ މިހާރުވެސް އެ އަލިފާން ފަރުބަދައިން އަލިފާން (ލާވާ) ފައިބައި، އަދި ދުންވެސް ނުކުންނަމުންދާ ކަމަށެވެ. އަދި މިކަމާ ގުޅިގެން އެލާޓް ލެވެލްވެސް ވަނީ މަތިކޮށްފައެވެ.

އަލިފާން ފަރުބަދައިގެ އަސަރު ކުރާނެ ކަމަށް ބެލެވޭ ސަރަހައްދު --

އަލިފާން ފަރުބަދައާ އެލާޓް ލެވެލްގެ އެންމެ މަތީ މިންގަނޑަކީ ލެވެލް ފަހެކެވެ. އެއީ އަލިފާން ފަރުބަދަ ގޮވައި ގަލާއި އަލިފާން އެކި ސަރަހައްދުތަކަށް ބުރައިގެން ދާނެ ކަމަށް ލަފާކޮށް ނެރޭ އެލާޓެވެ. މިވަގުތު އެލާޓް ލެވެލް ހުރީ ހަތަރެއްގައެވެ.

ކުރިއަށް އޮތް ހަތަރު ވަރަކަށް ދުވަހުގެ ތެރޭގައި އަލިފާން ފަރުބަދަ ގޮވާނެ ކަމަށް ސައިޒްމޮލޮޖީ އިންސްޓިޓިއުޓުން ލަފާކުރެއެވެ.

އަލިފާން ފަރުބަދައިގެ ދުމުގެ ސަބަބުން ނުރައްކާ ވެދާނެކަމަށް ބުނުމުން މިހާތަނަށް 16،400 މީހުން ވަނީ ވަގުތީ ހިޔާތަކަށް ބަދަލުވެފައެވެ.

އަލިފާން ފަރުބަދައިގެ ނުރައްކާތެރިކަން އޮތް ސަރަހައްދުގައި ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަނީ --- ފޮޓޯ : ސީއެންއެން

ޔުނިވާސިޓީ އޮފް ހޮންގްކޮންގްގެ އާތު އެންޑް ޕްލެނެޓަރީ ސައިންސް ޑިވިޝަންގެ ޑިރެކްޓަރު ޖޯސެފް މިކޭލްސްކީ ވިދާޅުވީ އަލިފާން ފަރުބަދައިން މެގްމާއާއި ލާވާ ފޭބި ނަމަވެސް އޭގެ އެންމެ ނުރައްކާތެރި އެއްޗަކީ ފަރުބަދައިން ނުކުންނަ އަޅި ކަމަށެވެ.

"އަލިފާން ފަރުބަދަ ގޮވުމުން އޭގެ ދުމުގެ އަސަރުކޮށް އަޅިތައް އެތައް ސަތޭކަ ކިލޯމީޓަރަކަަށް އެންމެ ގަޑިއިރެއްގެ ތެރޭގައި ފެތުރޭނެ،" އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން ތާލް އަލިފާން ފަރުބަދަ ގޮވި އިރު މާ ބައިވަރު އަލިފާން ނުފޭބި ނަމަވެސް، އެ ފަރުބަދައިގެ ހަރަކާތްތަކުގެ ސަބަބުން އޭގެ ވަށައިގެންވާ ލޭކްއާއި އެ ލޭކްއާ ގުޅިފައިވާ ކޯރުތަކަށް ނުރައްކާތެރި ގޭހާއި އެކި މާއްދާތައް އެޅުމުގެ މައްސަލަ ދިމާވެއެވެ.

comment ކޮމެންޓް