ފޮޓޯ ސްޓޫޑިއޯއެއް ހިންގުމުގައި އެންމެ 10 އަހަރުގެ ތާއިން!

ތާއިން: އުމުރުން އެންމެ 10 އަހަރު، ބައްޕަގެ ފޮޓޯ ސްޓޫޑިއޯ ހިންގުމުގައި --- ފޮޓޯ/ ތިއްތި ފޮޓޯ

ގއ. ވިލިގިއްޔަށް އުފަން ތާއިން ތަމްހީނު، އޭނާގެ ބައްޕައާއެކު ކެމެރާ ކޮޑުގައި އަޅުވައިގެން ފޮޓޯ ނަގަން ނުކުތީ އުމުރުން އެންމެ ހަތް އަހަރުގަ އެވެ. މިހާރު އޭނާއަކީ ބައްޕަގެ އެ މަސައްކަތުގައި މުހިއްމު ބައިވެރިއެކެވެ. ބައްޕަގެ ފޮޓޯގްރަފީ ވިޔަފާރީގައި އޭނާގެ އަމިއްލަ މަސައްކަތުން ވަނީ ކުރިއެރުންތަކެއް ހޯދައިދީފަ އެވެ. ފޮޓޯ ނެގުމާއި، ފޮޓޯ އެޑިޓް ކުރުމާއި، ޕްރިންޓް ކުރުމުން ފެށިގެން ގޮސް، އެ މަސައްކަތުގައި ހުރިހާ ކަމެއް އޭނާއަށް ވަނީ ދަސްވެފަ އެވެ. ބައްޕަގެ ފިޔަވަޅުމަތިން ދަސްކުރި އެ މަސައްކަތުގައި އޭނާ ގިރާ ނުކުރާ އެއްވެސް ދިމާލެއް މިހާރަކު ނެތެވެ. މިހާރު އުމުރުން 10 އަހަރުގެ ހުނަރުވެރި ތާއިން އެހުރީ އެ ވިޔަފާރީގެ މުގުލުގަ އެވެ.

“ގްރޭޑް އެކަކުން ފެށިގެން ބައްޕިއާއެކު ފޮޓޯ ނަގަން ދަން. އެހެން ދަމުން ދަމުން ގޮސް ދަސްވީ ފޮޓޯ ނަގަން. ބައްޕި އަބަދުވެސް ކިޔައިދޭނެ. ފޮޓޯ ނަގާ ނިންމާފައި ބުނާނެ މިހެން ނެގީމަ ރީތިވާނޭ. ރަނގަޅު ކުރަން ޖެހޭ ކަންތައް ކިޔައިދޭނެ،" ތާއިން ފޮޓޯގްރަފީ ދާއިރާއަށް ނިކުމެވުނު ގޮތް ހިއްސާ ކުރަމުން ބުންޏެވެ.

ތާއިން ބައްޕައާއެކު: އުމުރުން އެންމެ 10 އަހަރުގެ ތާއިން އަކީ މިހާރު ބައްޕަގެ ވިޔަފާރީގެ މުގޫ --- ސަން ފޮޓޯ

ތާއިން ބުނި ގޮތުގައި އޭނާ އެންމެ ނަގާ ހިތް ވަނީ އިންޑޯ ފޮޓޯގްރަފީ އެވެ. ފަސޭހަވެފައި އޭނާއަށް އެ މަސައްކަތް މާ ބޮޑަށްވެސް ކަމުދާ ކަމަށް ތާއިން ބުންޏެވެ. މިދިޔަ ޗުއްޓީގައި މުޅިން ވެސް އޭނާ އުޅުނީ ބައްޕަގެ ސްޓޫޑިއޯގައި ފޮޓޯ ނެގުމުގަ އެވެ. ތާއިންގެ މުޅި ދުވަސް ހޭދަވަނީ އެކަމުގަ އެވެ.

"އެއްވެސް ކަސްޓަމަރެއް ނުބުނޭ ތާއިން ނަގާ ފޮޓޯ ހަޑިއޭ. މުޅިންވެސް ޕޮޒިޓިވް ކޮމެންޓް އަންނަނީ. އެންމެވެސް ބުނަނީ ވަރަށް ބޮޑަށް ކަމުދެއޭ ނަގާ ފޮޓޯ. އެއީ ލިބޭ ވަރަށް ބޮޑު އުފަލެއް،" ތާއިން ބުންޏެވެ.

ތާއިން ފޮޓޯ ނަގެމަށްފަހު، ކަސްޓަމަރަކަށް ފޮޓޯ ދައްކާލަނީ: ތާއިން ބުނަނީ ކަސްޓަމަރުންގެ ކޮމެންޓް ވަރަށް ޕޮޒިޓިވް ކަމަށް --- ސަން ފޮޓޯ

ތާއިންގެ ބައްޕަ، ވިލިނގިލީ ކައުންސިލްގެ ކުރީގެ ނައިބު ރައީސް ތަމްހީން ހަސަން ވިދާޅުވީ، ތާއިން އަކީ އޭނާ ފަހުރުވެރިވާ ފަދަ ދަރިއެކެވެ. އޭނާގެ މަސައްކަތުގެ އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ ދަރިފުޅުގެ ފަރާތުން ކަމަށް ވެސް ތަމްހީން ވިދާޅުވި އެވެ.

"މިދިޔަ ޗުއްޓީ ބަންދުގައި ސުޓޫޑީއޯ ހިންގީ މުޅިންވެސް ތާއީން. އެކަމުގައި އޭނާ މުޅިންވެސް އުޅުނީ. ބޭރުން ނަގާ ކުއްޖަކަށް ވުރެ ތާއިންގެ މަސައްކަތް މާބޮޑަށްވެސް ފުރިހަމަވެފައި ހިތްހަމަޖެހޭ. އިކުޕްމަންޓަށްވެސް ތާއިންގެ ފަރުވާތެރިކަން މާ ބޮޑު،" ވިލިނިގިއްޔާ ޖެހިގެން އޮންނަ ކޫއްޑޫގައި މިހާރު ވަޒީފާ އަދާ ކުރަމުން އަންނަ ތާއިންގެ ބައްޕަ ވިދާޅުވި އެވެ.

މިހާރު ޗުއްޓީ ނިމި، ސްކޫލް ހުޅުވުނު ނަމަވެސް އަދިވެސް ހުސްވަގުތުތަކުގައި ތާއިން އަންނަނީ ސްޓޫޑީއޯގެ މަސައްކަތްތައް ކުރަމުންނެވެ. އެއީ ތާއިން މިކަމަށް ހުންނަ ލޯތްބެއްގެ ބޮޑު ކަމުންނެވެ.

ތާއިންގެ ބައްޕަ ތަމްހީން ވިދާޅުވި ގޮތުގައި، އެންމެ ކުޑަ އިރުއްސުރެ ވެސް ތާއިން ހުންނަނީ ކައިރީގައި ބައްޕަގެ މަސައްކަތް ބެލުމަށެވެ. ތާއިންގެ ޝައުގުވެރިކަން މި މަސައްކަތަށް ހުރުމުން ތާއިން އަތަށް ކެމެރާ ދީ ދަސްކޮށްދޭން ފެށީ ކަމަށް ތަމްހީން ވިދާޅުވި އެވެ. އެއީ، އެއްވެސް ގޮތަކަށް ބައްޕަ ބޭނުންވެގެން ކުރަން ފެށި ކަމެއް ނޫން ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

"ތާއިންގެ ހުރި ޝައުގުވެރިކަމެއްގެ ސަބަބުން މިކަމުގައި އޭނާއަށް ކުރިއަށް ދެވުނީ. މިހާރު ތާއިން ދާނެ ބޮޑެތި އައުޓްޑޯ ޝޫޓުތަކަށްވެސް. އަބަދުވެސް އޭނާ ގޮވައިގެން މިހާރު ދަނީ،" ހުރި ހަމައެކަނި ފިރިހެން ދަރިއާ ގުޅޭ ގޮތުން ތަމްހީން ވިދާޅުވި އެވެ.

ތާއިންގެ ބައްޕަ ތަމްހީން ހަސަން: މިއީ ތާއިން ނަގާފައިވާ ފޮޓޯ އެއް.

ތާއިންގެ ހުވަފެނަކީ ބޮޑުވެގެންވެސް މި ދާއިރާއިން ކުރިއަށް ދިޔުމެވެ. ބައްޕަ ބޭނުން ވަނީ ތާއިން މިކަން ހޮބީއެއްގެ ގޮތުގައި ކުރާށެވެ. ނަމަވެސް ތާއިން ބޭނުންނަމަ މި ދާއިރާއިން ވެސް ކުރިއަށް ދިޔުމުގެ ފުރުސަތު އޮންނާނެ ކަމަށް ބައްޕަ، ތަމްހީން ވިދާޅުވި އެވެ.

"އެކަން އެއީ ތާއިން އަމިއްލައަށް ނިންމަން ޖެހޭ ކަމެއް،" ތަމްހީން ވިދާޅުވި އެވެ.

comment ކޮމެންޓް