ފޭރެން އުޅުނު ފުލުސް މީހާއާއި ބިދޭސީ މީހާ ދޫކޮށްލައިފި

ކުށުގެ ވެށިން އަތުލައިގަތް މީހަކު ފުލުހުން ހައްޔަރުކޮށްގެން ގެންދަނީ-- ސަން ފައިލް ފޮޓޯ

ބިދޭސީއެއްގެ އަތުން ފޭރެން އުޅުނު މައްސަލައެއްގައި ހައްޔަރުކުރި ދެމީހުން މިއަދު ދޫކޮށްލައިފި އެވެ.

ބަންގްލަދޭޝަން ރައްޔިތެއްގެ އަތުން ވޯކް ޕާމިޓާއި ފައިސާ ފޭރެން އުޅުނުކަމުގެ ތުހުމަތުގައި ޖެނުއަރީ 12 ވަނަ ދުވަހުގެ ރޭ 6:45 ހާއިރު ހައްޔަރު ކުރީ 26 އަހަރުގެ ދިވެހި ފިރިހެނަކާއި 28 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.

ހައްޔަރު ކޮށްފައިވާ ދިވެހި މީހާއަކީ ފުލުހުންގެ ވަޒީފާގައި ޕޮލިސް ލާންސް ކޯޕްރަލްއެއްގެ މަގާމުގައި މަސައްކަތް ކުރަމުންދާ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މިއަދު ބުނީ އެ ދެމީހުން ބަންދުގެ މުއްދަތު ޖަހަން ގެންދިއުމުން، ޝަރުތުތަކަކާއެކު އެ ދެމީހުން ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވާ ކަމަށެވެ.

ފޭރުމުގެ ތުހުމަތުގައި ހައްޔަރުކުރި ފުލުސް މީހާ ވަނީ އޭނާގެ ވަޒީފާގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފައެވެ. އަދި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށާއި މައްސަލައިގެ ޖިނާއީ ތަހުގީގެއް ވެސް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ފޭރުމުގައި ދެން ހިމެނޭ ބަންގްލަދޭޝް މީހާއަކީ އިމިގްރޭޝަން ގާނޫނާ ހިލާފަށް ރާއްޖޭގައި ދިރިއުޅޭ މީހެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ފޭރުމުގެ ޖުމުލަ 483 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅާފަ އެވެ. އަދި މިއަހަރުގެ މިހާތަނަށް ހިނގި 13 ދުވަހުގެ މުއްދަތުގައި ފޭރުމުގެ އަށް މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވެ އެވެ.

comment ކޮމެންޓް