ހިމަބިއްސަށް ތުހުމަތު ކުރެވުނު ކުއްޖާ ނެގެޓިވް، ހުރީ ވެކްސިން ޖަހާފައި

އައިޖީއެމްއެޗް: އެ ހޮސްޕިޓަލުގައި ތެލެސީމިއާ ކުއްޖަކު ޑެންގޫ ޖެހިގެން ވަނީ މަރުވަފައި -- ސަން ފައިލް ފޮޓޯ

ހިމަބިއްސަށް ތުހުމަތު ކުރެވިގެން ޓެސްޓު ކުރި 17 އަހަރުގެ ފިރިހެން ކުއްޖާ ބައްޔަށް ނެގެޓިގް ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެެ.

މިނިސްޓްރީން އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެކުއްޖާގެ ޓެސްޓުތައް ނެގެޓިވް ކަމަށާއި، އެއީ ވެކްސިން ޖަހާފައިވާ ކުއްޖެއް ކަމަށެވެ.

ރާއްޖެއިން ނައްތާލެވުނު ހިމަބިހި އަލުން ފެތުރެމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ވަނީ ރަސްމީކޮށް އިއުލާނުކޮށްފައެވެ. ހެލްތު މިނިސްޓްރީން ހިމަބިހި ފެތުރޭކަން އިއުލާނުކުރި އިރު، މިހާތަނަށް ކުޑަ ކުއްޖަކާއި މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.

އެންމެ ފުރަތަމަ ބައްޔަށް ޕޮޒިޓިވްވި ތިން އަހަރުގެ ކުއްޖާގެ ކޭސް ފެންމަތިވީ މި މަހުގެ އަށް ވަނަ ދުވަހު އެވެ. އެކުއްޖާއަށް އައިޖީއެމްއެޗްގައި ފަރުވާދިނުމަށްފަހު، ކުއްޖާގެ ހާލު ރަނގަޅުވެ، އަދި އޭނާގެ ފަރާތުން ބަލި ފެތުރޭ މުއްދަތު ފާއިތުވެފައިވާތީ އެކުއްޖާ މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފައެވެ.

އެޗްޕީއޭއިން ބުނީ އެކުއްޖާއަކީ ނުވަ މަހުގައާއި 18 މަހުގައި ދޭންޖެހޭ މީސްލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ނުވާ ކުއްޖެއް ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދެން ހިމަބިއްސަށް ޕޮޒިޓިވް ވެފައި ވަނީ ހުޅުމާލެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ 30 އަހަރުގެ ދިވެހި ޑޮކްޓަރެކެވެ.

ހުޅުމާލެ ހޮސްޕިޓަލަކީ ތިން އަހަރުގެ ކުއްޖާގެ ގައިން ބަލި ފެތުރުމުގެ ފުރުސަތު އޮތް މުއްދަތުގައި އެކުއްޖާ އެންމެ ގިނައިން ޒިޔާރަތް ކުރި ތަނެވެ. އެކުއްޖާ ވަނީ އެ މުއްދަތުގައި ތިން ފަހަރެއްގެ މަތިން ހުޅުމާލެ ހޮސްޕިޓަލަށް ގޮސްފައެވެ.

އެ ތަންތަނަށް އެ ގަޑިތަކުގައި ދިޔަ މީހުންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ހަމަ ނުކުރާ މީހުން 21 ދުވަހުގެ ތެރޭގައި ހުން އައުމާ އެކު ހަމުގައި ބިހި ނަގައިފި ނަމަ ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އެކަމަށް ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށެވެ. އެގޮތުން ހިމަބިހި އެންމެ ފުރަތަމަ ފެނުނު ސަރަހައްދުތަކަށް ހެލްތުގެ ޓީމުތައް ގޮސް މިއަދު ހަވީރު 4:00 ގައި ވެކްސިން ދޭން ފަށާނެ ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ.

"ހުޅުމާލޭގައި ބަލި އެންމެ ފުރަތަމަ ފެނުނު ސަރަހައްދުތަކަށް އެޗްޕީއޭގެ ޓީމުތައް ގޮސް ވެކްސިން ދިނުމުގެ ކަންތައް ކުރާނެ،" ހެލްތު މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީން ވިދާޅުވީ، ހިމަބިހިން ރައްކާތެރިވުމަށް އޮތް ގޮތަކީ ވެކްސިން ދިނުން ކަމަށެވެ. މިނިސްޓަރު ވަނީ ވެކްސިން ދިނުމަށް އިންކާރު ކުރާ ފަރާތްތަކަށް ވެކްސިން ޖެހުމަށް އިލްތިމާސް ކުރައްވައިފަ އެވެ. ވެކްސިން ނުޖަހާ ކުއްޖަކު ސުކޫލަށް ފޮނުވައިގެން ނުވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވެކްސިން ނުދޭ ކުދިން ފާހަގަކޮށް، ވެކްސިން ދިނުމުގެ މަސައްކަތް ކުރަމުންދާ ކަންވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

comment ކޮމެންޓް