ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލިސް އެކުލަވާލައިފި

ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުގައި ހިމެނެނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޒް މުހއްމަދު ނިޔާޒް އަދި ސިވިލް ކޯޓުގެ އިސް ގާޒީ އަލްއުސްތާޒް އަބްދުﷲ އަލީ --

ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން، 2020 ވަނަ އަހަރަށް ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހެއް އެކުލަވާލައިފި އެވެ.

މި ވަނަ އަހަރަށް އެކުލަވާލި ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުގައި ހިމެނެނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީ އެވެ.

ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލިސް އެކުލަވާލަން ޑީޖޭއޭއަށް ލާޒިމު ކުރަނީ ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ގާނޫނަށް ގެނައި ދެވަނަ އިސްލާހުންނެވެ. އެ މަޖިލީހަށް ހުށަހެޅޭ މައްސަލަތަކުގެ އިދާރީ އިންތިޒާމްތައް ހަމަޖައްސައި، އިދާރީ ގޮތުން މަޖިލިސް ކުރިއަށްދާނެ ގޮތް ކަނޑައަޅާފައި ވަނީ ޑީޖޭއޭއިން އެކަމަށް ހަދާފައިވާ ގަވައިދަކުންނެވެ.

ފަނޑިޔާރަކު މަގާމުން ވަކިކުރަން ރައްޔިތުން މަޖިލީހަށް ހުށަހެޅުމަށް ނިންމާ ނިންމުންތައް ފިޔަވައި، ފަނޑިޔާރަކާ ގުޅޭ ޝަކުވާއެއް ބަލައި، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމާ ނިންމުންތައް އިސްތިއުނާފު ކުރަން ހުށަހަޅަން ޖެހޭނީ އެ މަޖިލީހަށެވެ.

ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުގެ ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން މި މަޖިލިސް އެކުލެވިގެންވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އުއްތަމަފަނޑިޔާރާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި އެ ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ހިމެނޭ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކާއި، ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި އެ ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ހިމެނޭ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކާއި އަދި ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސާވިސަސް ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި ނުހިމެނޭ ފަނޑިޔާރެއް ހިމެނޭ ގޮތަށް ތިން ފަނޑިޔާރުންގެ މައްޗަށެވެ.

comment ކޮމެންޓް