ލާމަރުކަޒީ ރާއްޖެ ހިންގޭނެ ހަމައެކަނި ޕާޓީއަކީ އެމްޑީޕީ: ރައީސް ނަޝީދު

އެމްޑީޕީން ކުރިއަށްގެންދާ އެޖެންޑާ 19 ރަށަށް ޕްރޮގްރާމުގެ ތެރެއިން ރައީސް ނަޝީދު ހއ. ހޯރަފުށީގެ ރައްޔިތުންނާ ވާހަކަ ދައްކަވަނީ-- ފޮޓޯ/އެމްޑީޕީ

ލާ މަރުކަޒީ ގޮތުން ރާއްޖެ ތަރައްގީ ކުރުމުގެ ކަންކަން އެމްޑީޕީ ނޫން ބަޔަކަށް ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް "އެޖެންޑާ 19 ރަށަށް"ގެ ނަމުގައި ތިލަދުންމަތީގެ ރަށްތަކަށް ކުރަމުންދާ ދަތުރުގެ ތެރެއިން އެ އަތޮޅު ހޯރަފުށީގެ ރައްޔިތުންނާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ ފިޔަވައި އިތުރު އެއްވެސް ޕާޓީއަކަށް "އެޖެންޑާ 19" ތަންފީޒު ނުކުރެވޭނެ ކަމަށެވެ.

"މިއީ އެހެން ބަޔަކަށް ކޮށްދެވޭނެ ކަމެއް ނޫން. ޕީޕީއެމަކަށް ވެސް ޖުމްހޫރީ ޕާޓީއަކަށް ވެސް އަދި އެހެން ޕާޓީއަކަށް ވެސް މި މަސައްކަތެއް ނުކޮށްދެވޭނެ. އަދި މިހާރު ޕީޕީއެމް ހަތަރު ބަޔަކަށް ބައިވެގެން ދެން އެ އުފެދޭ ހަތަރު ޕާޓީއަށް ވެސް. މީގެ ތެރެއިން އެއް ކަމެއް ވެސް އެ ބޭފުޅުންނަށް ކޮށްދޭކަށް ނުވެސް އެނގޭނެ، އެ ވިސްނުމެއް ނުވެސް ހުންނާނެ." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީގެ ވިސްނުމަކީ ކައުންސިލްތަކަށާއި ރައްޔިތުންނަށް ބާރުދިނުން ކަމަށާއި ނަމަވެސް އިދިކޮޅު ޕާޓީތަކުގެ ވިސްނުމަކީ ބާރު އެއްކުރުމުގެ ވިސްނުން ކަމަށެވެ.

"މާލެ ކައިރީގައި ތަންކޮޅެއް ހިއްކާލާފައި ހަނަފަސް ބިމަކަށް ރާއްޖޭގެ ހުރިހާ ރައްޔިތުން އަޅާލުން. އެއްފަސް ކުރުން އެ ބޭފުޅުން ކުރައްވަމުން ގެންދެވި ކަމަކީ. ރަށްރަށުގެ ކައުންސިލްތައް ހަލާކު ކުރަމުން، ރަށްރަށުގެ ރަށްވެހިކަން ރޫޅާލަމުން. [އެބޭފުޅުންގެ] އަމާޒަކީ މި ރަށްތައް ނެތި، ރަށްތައް އުވާލެވި، މާލެއަށާއި މާލެ ސަރަހައްދަށް ހުރިހާ އެންމެން ޖަމާކުރުން." ނަޝީދު ވިދާޅުވި އެވެ.

ހޯރަފުށީ ރައްޔިތުންނާ ވާހަކަ ދައްކަވަމުން މި ސަރުކާރުން ވެފައިވާ ވައުދުތަކާއި ގެނެސްދޭން ބުނި ބަދަލުތަކުގެ ތެރެއިން މިހާތަނަށް ފުރިހަމަ ކުރެވުނު ކަންތައްތަކުގެ ހުލާސާއެއް ވެސް ރައީސް ނަޝީދު ވަނީ ހިއްސާ ކުރައްވާފަ އެވެ.

އެގޮތުން ޝަރުއީ ނިޒާމު ހަރުދަނާ ކުރުމާއި އާމްދަނީ ޓެކްސް ނެގުމުގެ ގާނޫނާއި ލާމަރުކަޒީ ގާނޫނުގެ މަސައްކަތްތަކަކީ މިހާރު ކޮށް ނިމިފައިވާ މަސައްކަތްތައް ކަމަށް ނަޝީދު ފާހަގަ ކުރެއްވި އެވެ.

އެމްޑީޕީން ތިލަދުންމަތީ ދަތުރުގެ ތެރެއިން ކުރިއަށްގެންދާ އެޖެންޑާ 19 ރަށަށް ޕްރޮގްރާމުގައި ތިލަދުންމަތީގެ ރަށްތަކަށް ޒިޔާރަތްކޮށް ދޮރުން ދޮރަށް ޒިޔާރަތް ކުރުމުގެ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދާނެ އެވެ.

ހޯރަފުށީގައި އެމްޑީޕީން ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގައި ރައީސް ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވި-- ފޮޓޯ/ އެމްޑީޕީ

ކުރިއަށް އޮތް ކައުންސިލްތަކުގެ އިންތިހާބަށް އެމްޑީޕީން ކެމްޕޭން ދަތުރުތަކެއް ކުރަމުން އަންނައިރު، އެ ޕާޓީގެ ޕްރައިމަރީ އޮންނާނީ މި މަހުގެ 31 ވަނަ ދުވަހުގަ އެވެ. އަދި ކައުންސިލް އިންތިހާބު ބާއްވާނީ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އެވެ.

comment ކޮމެންޓް