ހައްގު މިންވަރު ނުލިބެނީ ކޯލިޝަން ސަރުކާރާ ހެދި: ރައީސް ނަޝީދު

ރައީސް ނަޝީދު އިހަވަންދޫގައި ވާހަކަ ދައްކަވަނީ -- ފޮޓޯ: އެމްޑީޕީ

ކޯލިޝަނުގެ ސަބަބުން އެމްޑީޕީގެ މެންބަރުންނަށް ހައްގު މިންވަރު ނުލިބޭކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެރިކަން ކުރާ ކޯލިޝަނަށް ފާޑު ވިދާޅުވެއްޖެ އެވެ.

"އެޖެންޑާ 19 ރަށަށް" މިނަމުގައި ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް ހއ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިހަވަންދޫ އަށް ވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއް އޮތްނަމަވެސް ،އެމްޑީޕީގެ މެންބަރުންނަށް އޭގެ ހިތްހަމަޖެހުން ނުހޯދޭތަން ފެންނަމުންދާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެ ހިތްހަމަ ޖެހުން ނާންނަ ސަބަބަކީ، އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ސަރުކާރު ގެނައުމަށް އެކުލަވާލާފައިވާ ކޯލިޝަނެވެ.

"އަޅުގަނޑުމެންނަށް އެބަފެނޭ، އަޅުގަނޑުމެންނަށް އެބަ ވިސްނޭ ސަރުކާރު، އެމްޑީޕީގެ ސަރުކާރު އުފެދިގެން އައުމާ އެކުގައި އަދި މި ރަށްތަކުގައިވާ އެމްޑިޕީގެ މެންބަރުންނަށް އޭގެ ފުރިހަމަ ހިތްހަމަ ޖެހުމެއް ހޯދިގެން ލިބިގެން ނާންނަތަން. ހިތްހަމަ ޖެހުމެއް ލިބިގެން މި ނާންނަނީ، އަޅުގަނޑަށް ފެންނަތަނުގައި އޭގައިވާ ސިއްރަކީ އިއްތިހާދު. މި ޕާޓީގެ މެންބަރުންނަށްވެސް އަދި މި ޕާޓީގެ މަސައްކަތުގައި މިއޮއްހާ ޒަމާނު އުޅުނު މީހުންނަށް ހައްގުވާ މިންވަރު، އެމީހުންނަށް ލިބެންޖެހޭ ބައި ނުލިބި މި ދަނީ އެބައި އެހެން ތަންތަނަށް އަޅަންޖެހޭ މިންވަރުން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

މި ސަރުކާރު އުފެދިފައިވަނީ އެމްޑީޕީ އާއި އަދާލަތު ޕާޓީ އަދި ޖުމްހޫރީ ޕާޓީ އާއި ރައީސް މައުމޫނުގެ އެމްއާރުއެމް ގުޅިގެންނެވެ.

"އެއީ ސަރުކާރު އުފެދުނު ގޮތް. ސަރުކާރަށް އަޅުގަނޑުމެން އައީ މިދެންނެވި ނިޒާމުގެ ތެރެއިން އެހެން ޕާޓީތަކާ ގުޅިގެން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރު ގެނައުމަށް ރައްޔިތުން ވޯޓު ދިން ނަމަވެސް އެއީ ރައްޔިތުން ބޭނުންވާ ގޮތް ނޫންކަން މަޖިލިސް އިންތިހާބުން ފެނިގެން ދިޔަ ކަމަށެވެ.

"އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އަޅުގަނޑުމެން ދިޔައީ އަޅުގަނޑުމެން އެކަނި. އެއިންތިހާބުގެ ނަތީޖާ މާ ސާފުކޮށް ކިޔައިދިން ރާއްޖޭގެ ރައްޔިތުން އެދި ގޮވަނީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އަށް ކަން،" މަޖިލީހުގެ ރައީސް ވިދާޅުވި އެވެ.

އެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ 87 ގޮނޑީގެ ތެރެއިން 65 ގޮނޑި އެމްޑީޕީއަށް ލިބުނުކަން ފާހަގަ ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެ ޕާޓީއަށް ގެއްކުނު ގޮނޑިތައް ގެއްލުނީވެސް މަދު ވޯޓެއްގެ ތަފާތުން ކަމަށެވެ.

"ނުލިބި ދިޔަ ގޮނޑިތަކުގައިވެސް ނުލިބި ވަނީ ކުޑަ މިންވަރެއްގެ ވޯޓު ނުލިބިގެން. އެ އިންތިހާބުން ސާފުވެއްޖެ ރައްޔިތުން ތިބި ގޮތް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުން ނެތް ގޮތަކަށް ރާއްޖޭގެ ވެރިކަމެއް ނޯންނާނެ ކަމަށެވެ.

"ރައްޔިތުންގެ ފިކުރު ރައްޔިތުންގެ ހިޔާލު އޮތްގޮތަކަށް މި ރާއްޖޭގެ ވެރިކަން ތަރުތީބު ވެގެން ދާންޖެހޭނީ. އަޅުގަނޑު ދެކޭގޮތުގައި ގައިމުވެސް އެމްޑީޕީގެ ވެރިކަމެއް ތަރުތީބުވެގެން އަންނާނީ މި ދެންނެވި މަގުގައި،" ކޯލިޝަނެއް އޮތުން މުހިއްމު ނޫންކަން ދޭހަވާގޮތަކަށް ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކައުންސިލް އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރުމުގެ އެންމެ މުހިއްމު ބޭނުމަކީ އެޕާޓީގެ "އެޖެންޑާ 19" ރަށްރަށުގައި ތަންފީޒު ކުރުމެވެ. އެ އެޖެންޑާ ހިންގުމަށްޓަކާ ބޭނުންވާނެ މަޝްރޫއުތައް އެމްޑީޕީ ނޫން އެހެން ޕާޓީއަކަށް އެކުލަވައިނުލެވޭނެ ކަމަށް އެމްޑީޕީގެ ރައީސް ނަޝީދު ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމަށް އިޝާރާތް ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެ ސަރުކާރުގައި ލާމަރުކަޒީ ނިޒާމު އެއްކޮށް ހަލާކުކޮށްލާފައިވާ ކަމަށެވެ. ކައުންސިލްތަކުގެ ބާރު ކަނޑުވާލާ، ހުރިހާ ކަމެއް މާލެއަށް ބަރޯސާ ކުރުވި ކަމަށާއި، ރަށްރަށުގައި ކުރެވެން ހުރި ކަންތައް މަދު ކުރި ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީ އިން މަސައްކަތް ކުރަނީ ލާމަރުކަޒީ ނިޒާމު ވަރުގަދަކޮށް ހަރުދަނާ ކުރުމަށް ކަމަށެވެ.

"މި ވަކާލާތެއް އެހެން ބަޔަކަށް ނުކުރެވޭނެ. އެމީހުންނަކަށް ނޭނގޭނެ. އަދި ހިންގާން މިއުޅޭ މަސައްކަތްތަކަށްވެސް ސަރުކާރާއެކުގައި އެހެން ޕާޓީތަކަކަށް ނުހިންގޭނެ. އެ ޕާޓީތަކުގައި އެ ވިސްނުމެއް ނެތް. އެއީ އެ ޕާޓީތައް ހިންގާންވެސް އެ ބޭފުޅުން ގަސްދުކުރާ ގޮތެއްވެސް ނޫން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ސަރުކާރު ދެމިއޮންނާނީ އިއްތިހާދުގެ އިންތިޒާމުގެ ތެރޭގައިތޯ ނުވަތަ އެމްޑީޕީގެ ރިޔާސަތެއްގެ ގޮތުގައިތޯ ކައުންސިލް އިންތިހާބުގެ ނަތީޖާ އިން އެނގޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"މި ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހުގެ ޒައާމަތުގައި ހިނގާ ސަރުކާރުގެ ގޮތުގައިތޯ. އަޅުގަނޑުމެން ހަމަ ކަށަވަރުންވެސް އެދެނީ ރާއްޖޭގެ ގިނަ ބައިވަރު ރައްޔިތުން އެދޭގޮތަށް ކަންތައް ވެގެންދިޔުން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގެ އިންތިހާބުތަކުގެ ނަތީޖާ އިން ރައްޔިތުން ތިބީ އެމްޑީޕީގެ ފިކުރާ އެކުގައި، އެޕާޓީ އިން ވަކާލާތުކުރާ ކަންތަކާ އެކުގައި ކަން އެނގޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

comment ކޮމެންޓް