ޓީސީ ބަލިކޮށް އީގަލްސް ދެވަނައިގައި ދެވަނަ ބުރު ނިންމާލައިފި

ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޓީސީއާއި އީގަލްސް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ// އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގެ ފަހު މެޗުގައި މިއަދު ހަވީރު ކްލަބް އީގަލްސް އިން ޓީސީ ސްޕޯޓްސް ކްލަބް ފަސޭހަކަމާ އެކު ބަލިކޮށް ދެވަނައިގައި ހަމަޖެހިލައިފި އެވެ.

ޓީސީއިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް ކަޕުގައި ބައިވެރިވުމާ ގުޅިގެން ފަސް ކުރި މެޗުގައި މިއަދު ހަވީރު އީގަލްސް އަތުން ބަލިވީ 0-3 ގެ ނަތީޖާއަކުންނެވެ. މިއަދުގެ މޮޅާ އެކު އީގަލްސްއިން ވަނީ ދެވަނައިގައި ފަސް ޕޮއިންޓްގެ ލީޑެއް ނަގައިފަ އެވެ. މިއަދުގެ މެޗުން މޮޅުވެ ދެވަނައަށް އެރުމުގެ ފުރުސަތު ނަގާލި ޓީސީ އޮތީ ތިންވަނައިގަ އެވެ.

މިއަދުގެ މެޗަށް ދެ ޓީމުން ވެސް ނުކުތީ އައު އަހަރާ އެކު ހުޅުވުނު ޓްރާންސްފާ މާކެޓުގައި ސޮއި ހޯދި ކުޅުންތެރިންނާ އެކު އެވެ. އެގޮތުން އީގަލްސް އިން ވަނީ މިއަދުގެ މެޗުގެ ފުރަތަމަ އެގާރައިގައި ފ. ނިލަންދޫ ސްޕޯޓްސް ކްލަބުން އެޓީމާ ގުޅުނު ޖަޕާން މިޑްފީލްޑަރު ޓޮޝީކީ އޮކަމޯޓޯ ފުރަތަމަ އެގާރައިގައި ހިމަނައިފަ އެވެ. އަދި ށ. ފޯކައިދޫ ފުޓްބޯޅަ ޓީމުން އީގަލްސް އަށް ބަދަލުވި ހަސަން ނަޒީމް (ޗޯޓު) ބެންޗުން ފެށި ނަމަވެސް އޭނާ ވެސް ވަނީ ފަހު ހާފުގައި ކުޅެން ނުކުމެފަ އެވެ.

އަދި އެހެންމެ ޓީސީގެ ފުރަތަމަ އެގާރައިގައި ވަނީ އެޓީމާ އަލުން ގުޅުނު އަލީ އަޝްފާގް (ދަގަނޑޭ) ހިމަނައިފަ އެވެ. މީގެ ކުރީ ސީޒަނުގައި ޓީސީއިން ލީގުގެ ޗެމްޕިއަންކަން ހޯދި އިރު ގިނަ ގޯލުތަކެއް ޖަހައި މޮޅު ކުޅުމެއް ދެއްކި ދަގަނޑޭ މި ސީޒަން ފެށީ ގްރީންސްޓްރީޓާ އެކު އެވެ. އޭނާ އަލުން ޓީސީއަށް ބަދަލުވީ އޭއެފްސީ ކަޕާއި ދިމާކޮށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ކަމަށް ބެލެވެ އެވެ. ފޯކައިދޫން ޓީސީއާ ގުޅުނު ހަލީލް ގަމާލް ބެންޗުގައި އިންއިރު، އަލީ ޝާމިސް (ތޮއްޕޭ) ހުރީ ސަސްޕެންޝަނުގަ އެވެ.

މިއަދުގެ މެޗު ފަށައިގެން ދެ ޓީމުން ވެސް ހަމަހަމަ ކުޅުމެއް ދެއްކި އިރު 16 ވަނަ މިނަޓުގައި އީގަލްސްގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) ދިން ޕާހަކުން އެ ޓީމަށް ލީޑު ނަގައިދިނީ އަހުމަދު ރިޒުވާން (ރިޒޭ) އެވެ. ރިޒޭގެ ގޯލާ އެކު ޓީސީއަށް ހަމެޖެހި ނުލެވި އުޅެނިކޮށް މެޗުގެ އޮއެވަރު މުޅިން ބަދަލުވީ އޭގެ އިރަކޮޅެއް ފަހުން އެ ޓީމުގެ ޑިފެންޑަރު ސާދު ނިޒާރުއަށް ރެފްރީ ދެއްކި ރަތް ކާޑަކުންނެވެ. ސާދުއަށް އެ ކާޑު ދެއްކީ އީގަލްސްގެ ޒުވާން ފޯވާޑް ހަސަން ރާއިފް އަހުމަދު (ހަންނަ) އަށް ގޯލު ޖަހަން ހުސްކޮށް ލިބުނު ފުރުސަތުގައި ފައުލު ކުރުމުންނެވެ.

ސާދުގެ ކާޑަށް ފަހު އެއް ކުޅުންތެރިއަކު މަދުކޮށް ޓީސީން މެޗުގެ ބޮޑުބައި ކުޅެން ޖެހުމުން އީގަލްސްއިން ވަނީ އެކަމުގެ ފައިދާ ނަގައި ޓީމު ކުރިއަށް ޖައްސައިގެން ކުޅެ ގިނަ ހަމަލާތަކެއް އުފައްދާފަ އެވެ. އެގޮތުން އެ ޓީމުން ވަނީ ދެވަނަ ހާފުގެ ކުރީ ކޮޅު ސެންޓޭގެ ގޯލުން ލީޑު ފުޅާކޮށް މެޗު ޔަގީން ކުރުމާ ގާތަށް ޖެހިލައިފަ އެވެ. އެކަމަކު އެއަށްފަހު ޓީސީން ކުޅުން ރަނގަޅުކޮށް ހަމަލާތައް އިތުރު ކުރުމުން މެޗު ވަނީ އިތުރަށް ހޫނުވެފަ އެވެ.

އެ ދަނޑިވަޅުގައި ރެފްރީ ވަނީ އީގަލްސްގެ ޓޮޝީކީ އަށް ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކައިފަ އެވެ. އަދި 82 ވަނަ މިނެޓުގައި އީގަލްސްގެ އޮފިޝަލް އަހުމަދު ނިމާދް ވެސް ރެފްރީ ވަނީ ބެންޗުން ފޮނުވާލައިފަ އެވެ. އީގަލްސްގެ ތިން ވަނަ ގޯލު މެޗުގެ އިތުރު ވަގުތުގައި ރިޒޭ ދިން ބޯޅައަކުން ޖެހީ ޗޯޓު އެވެ. އަރިމަތިން ރިޒޭ ތިރިތިރިން ނަގައިދިން ބޯޅަ ޗޯޓު ގޯލަށް ފޮނުވާލީ ހަމަޖެހިލާފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ރިޒޭ އެވެ.

ލީގުގެ ތިން ވަނަ ބުރުގެ ކުޅުން ފަށާނީ އަންނަ އަންގާރަ ދުވަހު އެވެ. އަންގާރަ ދުވަހު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ އާއި ފޯކައިދޫ އެވެ. ލީގުގެ ތިންވަނަ ބުރުގައި ވާދަކުރާނީ ހަ ޓީމެވެ. ދެވަނަ ބުރުގައި ފުލަށް ދިޔަ ތިން ޓީމަށް އެފްއޭއެމުން ވަނީ ޖާގަ ނުދޭން ނިންމައިފަ އެވެ.

comment ކޮމެންޓް