ޒުވާނުން ޓްރެފިކް ގަވާއިދުތަކަށް ބޯ ލަބަން ޖެހޭ: ނައިބު ރައީސް

ޓްރެފިކް ޕޮލިހަކު މަގުމަތި ބަލަހައްޓަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަގުމަތީ ދުއްވާއެއްޗެހި ދުއްވުމުގައި ޒުވާނުން އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ ގަވާއިދުތަކަށް ބޯލެބުމަށް ކަމަށް ވިދާޅުވެ، ނައިބު ރައީސް ފައިސަލް ނަސީމް އެކަމަށް ޒުވާނުންނަށް އިލްތިމާސް ކުރައްވައިފި އެވެ.

ލާމަސީލު ޒުވާނާ ޕްރޮގްރާމު ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ޒުވާނުންގެ އިހުމާލުން ހިތާމަވެރި ކަންތައްތައް ދިމާވަމުންދާ ކަމަށެވެ.

"ޒުވާނުންގެ ވަރަށް ގިނަ ކުދިން އެކްސިޑެންޓުވުމާ ކަނޑުމަތީގެ ހާދިސާ ތަކުގައި ދުނިޔެ ދޫކޮށްފައިވޭ. ދުނިޔޭގައި އުޅުމުގައި ނުކުޅެދުންތެރިންނަށް ވެފައިވޭ،" ނައިބު ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ޒުވާނުންނަށް އިލްތިމާސްކޮށް ނަސޭހަތްތެރިވާން އޮތީ، މަގުމަތީ އުޅުމުގައި އަދި ހިނގާ އުޅުމުގައިވެސް ފަރުވާތެރިކަމާއެކު އެހެންމީހުންނަށް އިސްކަން ދީގެން ވީހާވެސް ބޮޑަށް އެކަންތައްތަކަށް ފަރުވާތެރިވާށޭ. މަގު ހުރަސްކުރާ ފަރާތްތަކަށް ތަންދޭއިރު، މަގު ހުރަސްކުރާ ފަރާތްތަކުންވެސް ވީހާވެސް ބޮޑަކަށް ސަމާލުވެ އުޅަދުތަކަށް ބަލައިގެން އުޅުމަކީ މިކަންތައްތަކުން ސަލާމަތްވެވެން އޮތް ގޮތަކީ،"

ކަނޑުމަތީގެ ހާދިސާތަކަށް އިޝާރާތް ކުރައްވާ ނައިބު ރައީސް ވިދާޅުވީ ކުދިކުދި ޑިންގީތަކުގައްޔާއި ކުދި އުޅަނދުތަކުގައި ދަތުރުކުރާއިރު ގާނޫނާއި ގަވައިދަށް ހުރުމަތްތެރިކޮށް ހިތުމަކީ މިއަދު ފުންކޮށް ވިސްނަން ޖެހިފައިވާ ކަމެއް ކަމަށެވެ.

comment ކޮމެންޓް