އިސްޓިކާ ޖެހުމަކީ އަދަބެއް، ހައްލެއް ނޫން!

ވެލާނާގެ ސަރަހައްދުގެ ޕާކިންގް ޒޯނެއް-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގައި އުޅަނދެއް ޕާކް ކުރާނެ ޒޯނެއް ހޯދުމަކީ އެންމެ އުނދަގޫ ކަންތަކެވެ. ވެރިރަށް މާލެ އުޅަނދުތަކުން ފުރިބާރުވެ، މި މައްސަލަ މި ވަނީ ގޯހުން ގޯހަށް ގޮސްފަ އެވެ. މި މައްސަލައަށް ހައްލުތަކެއް ހޯދަން ސަރުކާރުތަކުން އެކި ކަންކަން ކުރި ނަމަވެސް، ހޯދަން އުޅޭ "ހައްލު" ގޮސް ނިމެނީ އެއް ދިމާލަކަށެވެ. ނުގަވާއިދުން ޕާކް ކުރާ އުޅަނދުތަކުގައި އިސްޓިކާ ޖެހުމާ ހަމައިން މައްސަލަ ނިންމާލަނީ އެވެ. ނަމަވެސް މިއީ މި މައްސަލައަށް އޮތް ހައްލެއް ހެއްޔެވެ؟ ޕާކް ކުރާނެ ތަންތަން ނެތް މި މާލޭގައި ޕާކް ކުރާނެ ތަނެއް ނުދައްކާ އިސްޓިކާ ޖެހުމުން ނިކުންނަންނީ ހައްލެއް ނޫނެވެ. އޭގެ ބަދަލުގައި ސަރުކާރުތަކަށް ކުރިމަތިވަނީ ރައްޔިތުންގެ ނުރުހުމެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު، ނިމިދިޔަ 2019 ވަނަ އަހަރުގެ ތެރޭގައި ގަވާއިދާ ހިލާފަށް ޕާކުކޮށްގެން 36،963 އުޅަނދުގައި ވަނީ އިސްޓިކާ ޖަހައި ޖޫރިމަނާކޮށްފަ އެވެ. ހަމަ ޔަގީނުން ވެސް ކޮންމެ މަހަކު އެތައް ލައްކަ ރުފިޔާއެއް އިސްޓިކާގެ ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބޭނެ އެވެ. އެކަމަކު އިސްޓިކާ ޖަހައިގެން ކިތަންމެ ގިނައިން ދައުލަތަށް ފައިސާ ލިބުނަސް، ވެހިކަލް ތޮއްޖެހި މާލެ ފުރުމުގެ މައްސަލައަށް ހައްލެއް ހޯދައެއް ނުދެވެ އެވެ. ޕާކް ކުރާނެ އާ ތަންތަނެއް ނުދެއްކެ އެވެ. މި ހުރިހާ ސަބަބަކާ ހުރެ ރައްޔިތުން ތުހުމަތު ކުރަނީ، ސައިކަލްގައި އިސްޓިކާ ޖަހަނީ ޖޫރިމަނާގެ ގޮތުގައި ވަކި އަދަދަކަށް ދައުލަތަށް ފައިސާ ހޯދަން އަންދާޒާކޮށްފައިވާތީ އެ މަގުސަދު ހާސިލް ކުރުމަށް ކުރާ ކަމެއް ކަމަށެވެ.

މިއަހަރުގެ ބަޖެޓުގައި ވެސް ޓްރެފިކް ޖޫރިމަނާތަކުން 31 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ކީރިތި ގުރުއާނާ ބެހޭ މަރުކަޒު ސަރަހައްދުގައި ގަވައިދާ ހިލާފަށް ޕާކްކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވާހަކައިގެ އަނެއް ކޮޅުވެސް އޮތީ އެވެ. މި ސަރުކާރުގެ ވެރިކަމާ ހަވާލުވެގެން ފުރަތަމަ ދުވަސްކޮޅުގައި ޕާކިންގް އިސްޓިކާ ޖެހުން މުޅިން ހުއްޓާލި އެވެ. ސަބަބަކަށްވީ، ރިޔާސީ ވައުދަކަށް އެކަން ވުމާއި، އެކަމުގެ ސަބަބުން ރައްޔިތުން ތަހައްމަލު ކުރަމުން އައި ދަތިތަކަށް ލުޔެއް ހޯދައިދިނުމެވެ. ނަމަވެސް އެއާއެކު ދެން ފެނުނީ ޕާކު ކުރުމުގައި ހައްދުން ނައްޓައިގެން ދިޔަ ތަނެވެ. އެ މީހަކު ހިތަށް އެރި ގޮތަކަށް ސައިކަލްތައް ޕާކްކުރަން ފެށީ އެވެ.

ކިޔަވާ ސްކޫލެއް، މިސްކިތެއް، މީހެއްގެ ގެއެއް، އޮފީހެއްގެ ދޮރުމަތިތޯ ނުބަލައި ހިތު ހުރި ތަނަކަށް ޕާކަށް ޖަހަން ފެށި އެވެ. ނަތީޖާއަކަށް ވީ އެކަމުގެ އުނދަގޫ ހަތަރު ފުރޮޅުލީ އުޅަނދުފަހަރަށާއި ހިނގާ މީހުންނަށް ކުރަން ފެށުނެވެ. އަނެއްކާ ވެސް ޕާކިންގް އިސްޓިކާ ޖަހަން ސަރުކާރަށް މަޖުބޫރި ވި އެވެ.

ގިނަ އަދަދެއްގެ އާންމުން މިކަމާ ރުޅިގަދަވެ، އޭރު ނުރުހުން ފާޅު ކުރި ނަމަވެސް އިސްޓިކާ ޖެހުން ހުއްޓާލުމަކީ ހައްލެއް ކަމަށް ދައުލަތަށް ނުފެނުނެވެ. އާންމުންގެ ޝަކުވާ އަކީ އިސްޓިކާ ޖެހުމަށް ވުރެ ބޮޑަށް، ފުލުހުން އެކަން ތަންފީޒު ކުރުމުގައި ގެންގުޅޭ ވަށާ ނުޖެހޭ އުސޫލުތަކެވެ.

ޕާކު ކުރުމަކީ ދަންތުރައެއްގައި ޖެހުން ފަދަ ކަމެއް!

ސްޓިކާ ޖެހުމުގެ މައްސަލައިގައި އާންމުން ކުރާ އެންމެ ބޮޑު އެއް ޝަކުވާއަކީ ޕާކް ކުރާނެ ސަރަހައްދެއް ނުދައްކައި ސްޓިކާ ޖަހާކަމުގެ ޝަކުވާއާއި ވަރަށް ބޮޑަށް ތޮއްޖެހިފައި އޮންނަ ސަރަހައްދުތަކުގައި އިސްޓިކާ ޖަހަން ފުލުހުން ހަރަކާތްތެރިވާ ކަމުގެ ޝަކުވާ އެވެ. މިއީ ކޮންމެ ވެސް ވަރެއްގެ ހަގީގަތެއް ވެސް އޭގައި ހިމެނޭ ޝަކުވާތަކެކެވެ.

މިސާލަކަށް ރަސްމީ ދުވަސްތަކުގައި ވެލާނާގެ ސަރަހައްދަކީ ސަރުކާރުގެ އެތައް އޮފީސްތަކެއްގެ މުވައްޒަފުންނާއި އެތައް ސަތޭކަ އާންމުން ސަރުކާރުގެ ހިދުމަތްތައް ލިބިގަތުމަށް ދާ ސަރަހައްދެކެވެ. ކަން އޮތީ މިގޮތަށް ކަމާއި އެ ސަރަހައްދުގައި ޕާކް ކުރަން ހުރި ޖާގައަށް ވުރެ ގިނައިން މީހުން އެތަނަށް ދާ ކަން އެނގިހުރެ ވެސް އިސްޓިކާ ޖެހުމަށްޓަކައި ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރި ނުވާ ދުވަހެއް ނުދެ އެވެ. ގަވާއިދުން ޕާކް ކުރެވޭނެ ގޮތެއް ނެތް އެ ސަރަހައްދުގައި ފުލުހުން އިސްޓިކާ ޖެހުމަކީ އާންމުންގެ ނަޒަރުގައި ވަރަށް ވެސް ދެކޮޅު ނުޖެހޭ ކަމެކެވެ.

ވެލާނާގެ ސަރަހައްދުގެ ޕާކިންގް ޒޯނެއް-- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ވެލާނާގެ ސަރަހައްދު ހީވަނީ މީދާ ހިފަން ދަތި ޖަހާފައި އޮންނަ ސަރަހައްދެއް ހެން. ހީވަނީ އަހަރެމެން އާންމުން މިއީ މީދާތަކެއް ހެން. ވަރަށް ބަލާފައި އިތުރު ގޮތެއް ނެތިގެން މާތް ކަލާނގެއާ ވަކީލުކޮށްލާފައި މި ޕާކަށް ޖަހަނީ. ޖަހާފައި ނިކުންނައިރު ދަތީގައި ޖެހިފައި (އިސްޓިކާ ޖަހާފައި) އޮންނަނީ." އާންމުންގެ މީހަކު ސޯޝަލް މީޑިއާގައި ޝަކުވާކުރި އެވެ.

މަޖީދީ މަގަކީ ވެސް މިކަމުގައި ރަނގަޅު އެއް މިސާލެވެ. ކާރުބާރުބޮޑުވެ، މަގު ބުލޮކްވާ މައްސަލަ ބޮޑުވެގެން ގޮސް މަޖީދީ މަގުގެ ބޮޑު ބައެއްގައި ޕާކު ކުރުން ވަނީ މަނާކޮށްފަ އެވެ. ރަސްމީ ދުވަހެއް ނުރަސްމީ ދުވަހެއް ކިޔާނެ ކަމެއް ނެތެވެ. މިއީ ކޮންމެ ދުވަހަކު ހާހުން ގުނާލެވޭހާ ގިނަ އާންމުން ބާޒާރުކުރަން ނިކުމެ އުޅޭ މަގެކެވެ.

މިހާރު މަޖީދީ މަގުގައި ޕާކު ކުރުމަށް ގެނައި "ހަރުދަނާ" ބަދަލުގެ ސަބަބުން ފިހާރައަކަށް ވަންނަން ސައިކަލު ޕާކު ކުރުމަށް އެތައް ވަގުތެއް ހޭދަވެ އެވެ. ނިކަން އަވަހަށް ފިހާރައަށް ވަދެ ނިކުންނާނަމޭ ހިތާ ފިހާރަ ދޮރުމަތީގައި ޕާކުކޮށްލާފައި ވަދެ، ފިހާރައިން ނިކުންނައިރު ހުންނަނީ އިސްޓިކާ ޖަހާލާފަ އެވެ. އެކަމަކު މަޖީދީ މަގުން ބާޒާރު ކުރަން އަންނަ މީހާ ސައިކަލް ޕާކް ކުރަން އެ ސަރަހައްދުތަކުން ތަނެއް ދެއްކިފައެއް ނެތެވެ. އެކަމަކުވެސް ޕާކިން އިސްޓިކާ ޖަހަން ފުލުހުން ތިބެނީ ހިފާލައިގެންނެވެ.

ޕާކިންގް ޒޯން ހެދުން، ފޫނެތް ފަޔަށް ފެން ފުރުން ފަދަ ކަމެއް

ފުލުހުންގެ އަމަލުތައް މިހެން ހުރި ނަމަވެސް، ބައެއް ސަރަހައްދުތަކުގައި މި ސަރުކާރުން ޕާކިންގް ޖާގަ ނުދައްކައެކޭ ވެސް ބުނެވޭކަށް ނެތެވެ. މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި މާލޭ ސިޓީ ކައުންސިލުން ވަނީ މުޅިން އަލަށް 11 ޕާކިންގް ޒޯނު ހަދައިފަ އެވެ. އެއީ ގާތްގަނޑަށް 80 - 400 އާ ދެމެދުގެ އަދަދަކަށް ސައިކަލު ޕާކު ކުރެވޭ ޒޯނުތަކެކެވެ.

ދެން އޮތީ ކޮންމެ އަހަރަކު މުޅިން އަލަށް މަގުތަކަށް އިތުރުވާ ސައިކަލު ތަކެވެ. އެކަމަށް ހުއްޓުމެއް ނައުމެވެ. ސިޓީ ކައުންސިލުން އެއްކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މަހެއްގެ މައްޗަށް އެވަރެޖްކޮށް 600 އެއްހާ ސައިކަލު މުޅިން އަލަށް ރަޖިސްޓްރީ ކުރެ އެވެ. މަހެއްގެ މައްޗަށް 600 ގެ މަގުން ބަލައިފިނަމަ، އެއީ އަހަރެއްގެ މައްޗަށް 7200 ސައިކަލު މުޅިން އަލަށް މާލޭގެ މަގުތަކަށް އިތުރުވެ އެވެ.

ޕާކިންގް ޒޯންތަކާއި ޕާކިންގް ސިސްޓަމްތައް ކިތަންމެ ވަރަކަށް އެޅިޔަސް މިވަރަށް އާ ސައިކަލު ރަޖިސްޓްރީ ކުރާނަމަ ޕާކިންގް ޒޯނުތައް ހެދުން ވާނީ ފޫނެތް ފަޔަށް ފެން ފުރުން ފަދަ ކަމަކަށެވެ. އަލަށް ހަދާ ޒޯނުތަކުން އުފެދޭ ޖާގައަށް ވުރެ ގިނައިން ކޮންމެ މަހަކު އާ ސައިކަލު އިތުރުވަނީ އެވެ. އެކަމަކު ޕާކިން ޒޯން ހަދަން މި މާލޭގައި އެވަރަށް ހުސްތަނެއް ނެތެވެ.

އާ ޕާކިންގް ޒޯނުތައް ހެދުމުން ބައެއް އާންމުން އުފެއްދި ސުވާލަކީ އެ 11 ޒޯނު ހެދީ ކިތައް ޒޯނު ނެގުމަށް ފަހުގައި ހެއްޔެވެ؟ ބައެއް ޒޯނުތަކަކީ މަގުމަތީގައި ހުރި ޕާކިން ޖާގަ ނެގުމަށްފަހު އުފެއްދި ޒޯނުތަކެވެ. ނަމަވެސް މި ތަރުތީބު ކުރުމުން ވެސް އާ ޖާގަ އުފަންވެ އެވެ.

ކާނިވާ ސަރަހައްދުގައި ހަދާފައިވާ ޕާކިން އޭރިއާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިން ސޯސަން މަގުގެ އޭޑީކޭ ހުންނަ ސަރަހައްދުގައި ޕާކު ކުރަން އުޅެން ޖެހުނީ ހާލެއްގަ އެވެ. މަގުމަތީގައި ޒޯނު ހަދާފައި އޮތް ނަމަވެސް، އެ ސަރަހައްދަކީ ހޮސްޕިޓަލަކާއި ޔުނިވާސިޓީގެ ގޮތްޕެއްގެ އިތުރުން އޮފީސްތަކާއި ފިހާރަތައް ވެސް ހުންނަ ސަރަހައްދެއް ކަމަށްވުމާއެކު ޕާކު ކުރަން އަންނަ ކޮންމެ މީހަކަށް އެކަން ކުރާނެ ގޮތެއް ނޯވެ އެވެ.

މިދިޔަ އަހަރުގެ ތެރޭގައި ސިޓީ ކައުންސިލުން އެ ސަރަހައްދަށް ގެނައި ބަދަލަކީ ސޯސަން މަގުގެ ބޮޑު ސަރަހައްދެއްގައި ޕާކު ކުރުން މަނާ ކުރުމަށްފަހު، ކުރީގެ ނާސަރީ ހުރި ބިމުގައި ޕާކިންގް ޒޯނެއް ތަރައްގީ ކުރީ އެވެ. މީގެ ކުރިން ވެސް އެ ސަރަހައްދަށް ގޮސް އުޅުނު އެންމެން މިހާރު ސައިކަލު ޕާކަށް ޖަހަން ޖެހޭނީ އެ ޒޯނަށެވެ. ނަމަވެސް މެންދުރުގެ އެންމެ ބާރުބޮޑުވާ ވަގުތުގައި ވެސް އެ ޒޯނުން ޖާގައެއް ނުލިބި ނުދެ އެވެ.

ސޯސަންމަގުގައި ކުރިން ހުރި ކުރީގެ ނާސަރީ ހުރި ބިމުގައި އަލަށްހެދި ޕާކިންގ ޒޯން--- ސަން ފޮޓޯ/ މުޒައްޔިން

ޕާކިން ޒޯނު ހަދައިގެން މި މައްސަލައަށް ލުޔެއް ހޯދައިދިނުމަށް ސިޓީ ކައުންސިލުން މަސައްކަތް ކުރާ މިންވަރު އެނގެނީ، ސަހަރާތަކުން ގަބުރު ކޮނެ، ބިން ހުސްކޮށްގެން ވެސް ޕާކިންގް ޒޯން ހަދަން ކައުންސިލުން ބޭނުން ވުމުންނެވެ.

މާފަންނު ސަހަރާގެ ހުޅަނގު ދެކުނު ކަންމަތިން މަޖީދީ މަގަށްވާ ގޮތަށް ބޮޑު ސަރަހައްދެއް ހުސް ކުރުމަށްފަހު ޕާކިންގް ޒޯނެއް މީގެ ކުރިންވެސް ހެދި އެވެ. އަދި މައްޗަންގޮޅި ސަހަރާގެ ހުޅަނގު ފަރާތުން ބިމެއް ހުސްކޮށްގެން ވެސް ޕާކިންގް ޒޯނެއް ހަދާފައިވެ އެވެ.

މާފަންނު ސަހަރާއިން ބިމެއް ހުސްކޮށްގެން އެޅި ޕާކިންގް ޒޯނު-- ފޮޓޯ/ސިޓީ ކައުންސިލް

ޝަކުވާ ކުރާ ފަރާތްތަކުން ބަލަނީ ޒޯނުތަކުގެ އަދަދެވެ. އެމީހުންގެ ވާހަކަ ހުންނަނީ "ސޯސަން މަގުގައި އެއް ޒޯނު އެޅީ، ހައެއްކަ ޒޯނު ނެގުމަށްފަހު" އޭ ބުނާ ކަހަލަ ގޮތަކަށެވެ. ނަމަވެސް އަޅާ ކިޔުމުގައި ބަލަންވީ ޒޯނުތަކުގެ އަދަދަކަށް ނޫނެވެ. ބަލަންވީ އެ ޒޯނުތަކުގައި ޕާކު ކުރުމުގެ ޖާގަ އިތުރުވާ މިންވަރަށެވެ. އަދި އެކަމުން އާންމުންނަށް ލުއި ލިބޭ މިންވަރަކަށެވެ.

ހައްލެއް ހޯދަން ސަރުކާރުގެ ޒިންމާ ބޮޑު

އޮބިނޯންނަ ވަރަށް އާ ސައިކަލު އިތުރުވަމުންދާއިރު، އުޅަނދުތަކުގެ "ކެޕެއް" ލުމާ ގުޅޭ ވާހަކަތަކެއް ވެސް ދޭތެރެއަކުން އަޑުއިވެ އެވެ. ނޫނީ ރާއްޖެއަށް އެތެރެކުރާ އެއްގަމު އުޅަނދުފަހަރު (ހާއްސަކޮށް ސައިކަލު)ގެ އަދަދު ކޮންޓްރޯލު ކުރަން އުޅޭ ކަހަލަ އަޑުތަކެއް ވެސް ފެތުރުނެވެ.

ކެޕެއް ކަނޑައަޅައިގެން ވަކި މުއްދަތަކަށް ވުރެ ގިނަ ދުވަސްވެފައިވާ އުޅަނދު ނުދުއްވޭ ގޮތަށް ކަނޑައަޅައިފިނަމަ އެ އުޅަނދެއް ގަންނަން ކުރި ހަރަދުގެ ބަދަލު ލިބޭނެތޯ މިއީ ވެސް އުފެދޭ ސުވާލެކެވެ. ބަދަލު ދޭނަމަ އެއީ ދައުލަތަށް އުފުލަން ޖެހޭ ބުރައެކެވެ. ދައުލަތުން ބަދަލެއް ނުދޭނަމަ ދެން ޖެހޭނީ ބާދަގަނޑަށް ކިރާލަން ހެއްޔެވެ؟

ދެން އޮތީ އެތެރެ ކުރުން ކޮންޓްރޯލު ކުރާ ވާހަކަ އެވެ. ސައިކަލަކީ މިހާރު ވެސް ނުހަނު ޑިމާންޑު އޮތް އެއްޗަކަށް ވެފައި، އެތަކެތި އެތެރެ ކުރުން ކޮންޓްރޯލު ކޮށްފިނަމަ، ދެން ފެންނާނީ ރާސްލާފައި ސައިކަލުތަކުގެ އަގުތައް މައްޗަށް އަރައިގެންދާ ތަނެވެ. އިކޮނޮމިކްސްގައި އޮންނަ "ޑިމާންޑް އެންޑް ސަޕްލައި" ޗާޓުގައި ބުނާ ގޮތަށެވެ.

މިހާރު ވެސް ޑިއުޓީގެ ގޮތުގައި ސައިކަލަށް ބޮޑު ޕަސެންޓެއް ނަގަމުން އަންނައިރު، އެތެރެ ކުރުން ކޮންޓްރޯލު ކުރުމުގެ ކުރިން ނުވަތަ އެފަދަ ވިސްނުމެއް ސަރުކާރުން ގެންގުޅޭ ނަމަ، އެކަން ކުރަން ވާނީ ސައިކަލުގެ އަގުތަކަށް އަތުވެދާނެ ބަދަލުތަކާ މެދު ދިރާސާއެއް ހެދުމަށް ފަހު އެވެ.

އިލްތިމާސެއް؛ މުވައްޒަފުންނަށް ޕާކިންގް ޒޯނެއް ހަދައިދީ!

މާލޭ ސިޓީ ކައުންސިލުން ބުނާ ގޮތުގައި މަގުތަކުގައި އުޅަނދު ދުއްވަން ލިބެނީ 45 ޕަސެންޓުގެ ޖާގައެކެވެ. އަދި ޕާކް ކުރަން 52 ޕަސެންޓުގެ ޖާގައެއް ދާއިރު، ހިނގާ މީހުންނަށް އޮންނަނީ އެންމެ ތިން ޕަސެންޓެވެ.

މި ހާލަތަށް މާލެ ވެއްޓިފައި އޮތަސް ސިޓީ ކައުންސިލުން ދޭ ޔަގީންކަމަކީ ކިރިއާ ޖާގައެއް ލިބުނަސް ސައިކަލް ޕާކް ކުރާނެ ޒޯނެއް ހަދާނެ ކަމެވެ. މިހާރު ވެސް، މާލޭގައި އިތުރު 10 ޕާކިންގް ޒޯން ތަރައްގީ ކުރަން ބިން ހަމަޖެހިފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ. ނަމަވެސްު މި މައްސަލައަށް އެހެން ހައްލުތަކެއް އޭގެ ކުރިން ހޯދަން ޖެހެ އެވެ.

"އަޅުގަނޑުމެން ވަރަށް ފަހުން ބޮޑެތި ކުންފުނިތަކާ ވެސް ބައްދަލުކޮށްފިން. ކުންފުނިކުގެ ސީއެސްއާރު ބަޖެޓުން ކަނޑައަޅައިގެން ވިޔަސް، އެ ކުންފުނިތަކުގެ އިމާރާތުގައި މުވައްޒަފުންނަށް ޕާކިންގް ސްޕޭސްތަކަށް ހަމަޖައްސައިދޭން ރިކުއެސްޓު ކުރިން. ބޮޑެތި ކުންފުނިތަކުގެ އިމާރާތް ހުންނަ ސަރަހައްދުތަކުގެ ޕާކިން ޒޯނުތަކުން ބޮޑު ބައެއް ދަނީ އެ ކުންފުނިތަކުގެ މުވައްޒަފުން ޕާކު ކުރަން. ދެން އާންމުން ޕާކު ކުރާނެ ޖާގައެއް ނޯވޭ." ސިޓީ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވި އެވެ.

މިހާރު ވެސް ބައެއް ކުންފުނިތަކުގެ އިމާރާތުގައި މުވައްޒަފުންނަށް ޕާކު ކުރެވޭ ގޮތަށް ކޮންމެވެސް ވަރެއްގެ ޖާގައެއް ހުރެ އެވެ. ނަމަވެސް ކުންފުނިތަކުން ވެސް ޒިންމާ ނަގައިގެން ކުރިއަށް އޮތް ތަނުގައި އިމާރާތްތައް ތަރައްގީ ކުރާއިރު، ޕާކިންގް ޒޯނަކާއެކު ތަރައްގީ ކުރާ ހިސާބަށް މި މައްސަލަ މިއޮތީ ބޮޑުވެފަ އެވެ.

އެމްޓީސީސީ ޓަވަރުގައި އެކުންފުނީގެ މުވައްޒަފުންނަށް ހާއްސަކޮށްފައިވާ ޕާކިން އޭރިއާ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބޮޑު ސުވާލު: ހައްލަކީ ސްޓިކާތަ؟

މާލޭގައި ޕާކް ކުރުމުގެ ދަތިކަމާއި ސްޓިކާ ޖެހުމުގެ މައްސަލައަކީ ވަރަށް ފުޅާ ދާއިރާއެއްގައި ބަހުސް ކުރެވިދާނެ މައްސަލަތަކެވެ. ސުވާލަކީ މި މައްސަލައަށް އޮތް ހައްލަކީ މިއީތޯ އެވެ. ނަމަވެސް ޔަގީންވާ އެއް ކަމެއް އެބައޮތެވެ. ސްޓިކާ ޖެހުން މިހާރަށް ވުރެ ހަރުދަނާ ކުރެވިދާނެ އެވެ.

ފުރަތަމަ ކަމަކަށް އާންމުން ސްޓިކާއާއި ޖޫރިމަނާގެ "ދަންތުރައިގައި" ޖެއްސުން ހުއްޓާލަންވީ އެވެ. ކޮންމެހެން ދާން ޖެހިގެން ވެލާނާގެ ފަދަ ސަރަހައްދުތަކުގައި ސްޓިކާ ޖެހުން ހުއްޓާލެވިދާނެ އެވެ. އޭގެ ބަދަލުގައި ޕާކިންގް ޒޯނުތައް ތަރައްގީކޮށްފައި ހުންނަ ސަރަހައްދުތަކުގައި ގަވާއިދާ ހިލާފަށް ޕާކް ކުރާ ސައިކަލުތަކުގައި ސްޓިކާ ޖެހިދާނެ އެވެ.

އަނެއް ގޮތަކީ ޖޫރިމަނާ ކުރާ އަދަދު މިހާރަށް ވުރެ ދަށް ކުރުމެވެ. ޕާކު ކުރުމުގެ ގަވާއިދުތަކާ ހިލާފުވުމުން ޖޫރިމަނާ ކުރަނީ ފުރަތަމަ ފަހަރު ނަމަ 250 ރުފިޔާ، ދެވަނަ ފަހަރު ނަމަ 500 ރުފިޔާ އަދި އިތުރުވާ ކޮންމެ ފަހަރަށް 750 ރުފިޔާގެ ރޭޓުންނެވެ.

މާލެ-ހުޅުމާލެ ހައިވޭގައި ޓްރެފިކް ބަލަހައްޓާ ފުލުހުން ހަރަކާތްތެރިވަނީ-- ފޮޓޯ: ޕޮލިސް

ޓްރެފިކް ޖޫރިމަނާތަކުން ލިބޭ ފައިސާ، ޕާކިންގް މައްސަލައަށް ހައްލެއް ހޯދަން ވެސް ބޭނުން ކުރެވިދާނެ އެވެ. ގްރީން ފަންޑުގެ ކޮންސެޕްޓް ވެސް އޮންނަނީ މިފަދަ ގޮތަކަށެވެ. ހަމަ އެ ގޮތަށް ޓްރެފިކް ޖޫރިމަނާ ފައިސާއިން ޕާކު ކުރާނެ ވަސީލަތްތައް ބަހައްޓަން ހަރަދު ކުރުމަކީ އެ ފައިސާ އެންމެ އުފެއްދުންތެރި ގޮތުގައި ބޭނުން ކުރެވޭނެ އެއް ގޮތެވެ.

މާލޭގެ ޕާކިންގް މައްސަލައަށް އަވަސް އަދި ހަރުދަނާ ހައްލެއް ނުހޯދިއްޖެ ނަމަ ދެން އެންމެ އަވަހަށް ފެންނާނީ މާލޭގެ މި މައްސަލަ ކައިރީގައި އޮތް ހުޅުމާލެއަށް "ވާރުތަ"ވާ މަންޒަރެވެ. މިހާރު ވެސް އެކަމުގެ ކޮޅުމަތި ފެންނަން ފަށައިފި އެވެ. މިކަން އެންމެ ރަނގަޅަށް އިހުސާސް ކުރެވޭނީ ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށެވެ. ބުރިޖުން ގުޅުވާލި ފަހުން މާލޭގައި ކުލީކާރު ދުއްވާ ގިނަ އަދަދެއްގެ މީހުން މާލޭން ޕާކު ކުރާނެ ތަންކޮޅެއް ނުލިބުމުން ޖާގަ ހޯދަނީ، ހުޅުމާލެއިންނެވެ.

ޖޫރިމަނާގެ މާނަ އޮޅުވައި ނުލައްވާށެވެ. ޖޫރިމަނާއަކީ "ކުރާ ކުށެއްގެ އަދަބެއްގެ ގޮތުން ކުށް ކުރާ މީހާގެ އަތުން އަތުލާ ފައިސާ" އެވެ. އެއީ ހައްލެއް ކަމަކަށް ބެލެވޭނެ ގޮތެއް ނެތެވެ.

މި ކުށަށް އަރައިގަތުމަށް އާންމުންނަށް އޮތް މަޖުބޫރީ ހާލަތު ނައްތާލައި، ހައްލެއް ހޯދައި ދިނުން މުހިންމެވެ. ކިތަންމެ ވަރަކަށް ޖޫރިމަނާ ކުރިޔަސް ޕާކިންގް މައްސަލައަށް ހައްލެއް ހޯދޭނެހެން ހިއެއް ނުވެ އެވެ. ޖޫރިމަނާގެ ފައިސާއިން ދައުލަތް ބަރުކުރި ވަރަކަށް އާންމުންގެ ނުރުހުން ވެސް ދާނީ އިތުރުވަމުންނެވެ.

comment ކޮމެންޓް