ޕާކިސްތާނު މިސްކިތަށް ދިން ހަމަލާއާ ގުޅިގެން ފޮރިން މިނިސްޓަރުގެ ތައުޒިޔާ

ޕާކިސްތާނުގެ ގުއެތާގެ މިސްކިތަކަށް ދިން ބޮމުގެ ހަމަލާ---

ޕާކިސްތާނުގެ ގުއެތާގެ މިސްކިތަކަށް ދިން ބޮމުގެ ހަމަލާގައި ގިނަ ބަޔަކު މަރުވުމާއި ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ޕާކިސްތާނުގެ މިނިސްޓާ އޮފް ފޮރިން އެފެއާޒް މަހްދޫމް ޝާހް މަހްމޫދު ގުރޭޝީއަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.

މިނިސްޓަރު ޝާހިދުގެ މެސެޖްގައި، ޕާކިސްތާނުގެ ހުޅަނގު ދެކުނުގައި އޮންނަ ގުއެތާގެ މިސްކިތެއްގައި އެއްޗެއް ގޮއްވާލުމާއި ގުޅިގެން މިސްކިތުގައި އެވަގުތު ތިބި ކުށެއް ނެތް އެތައް ބަޔަކު މަރުވި ހަބަރު އެއްސެވީ ފުން ހިތާމަޔާއެކުގައި ކަމަށް ވިދާޅުވިއެވެ.

ރާއްޖެއިން ޓެރަރިޒަމްގެ ހުރިހާ އަމަލަކާއި ދެކޮޅުކަމަށާއި މިސްކިތަކަށް ދިން މި ނުރައްކާތެރި ހަމަލާ ކުށްވެރި ކުރައްވާކަމަށް ވިދާޅުވެ ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ ޓެރަރިޒަމާއި ދެކޮޅަށް ބައިނަލްއަގުވާމީ މުޖްތަމައާ ގުޅިގެން ސަރުކާރުން މަސައްކަތްކުރާނެ ކަމަށެވެ.

ޕާކިސްތާނަށް ދިމާވެފައިވާ ހިތާމައިގެ މިދަނޑިވަޅުގައި ރާއްޖެއިން ޕާކިސްތާނުގެ ސަރުކާރާއި ރައްޔިތުންނާއި އެކުގައިވާކަމަށް މިނިސްޓަރު ޝާހިދުގެ މެސެޖްގައި ވިދާޅުވިއެވެ.

އަދި ހަމަލާގައި މަރުވި ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ރައްދުކޮށްދެއްވުމަށްވެސް މިނިސްޓަރު ޝާހިދުގެ މެސެޖުގައި އެދިވަޑައިގެންފައި ވެއެވެ.

comment ކޮމެންޓް