ތައުލީމީ އާ އަހަރު ފަށައިފި، ދަރިވަރުންނަށް ނަސޭހަތާއި ހިތްވަރު

މިއަހަރުގެ ދިރާސީ އަހަރު 73،000 އަށް ވުރެ ގިނަ ދަރިވަރުންނާއެކު މިއަދު ފަށައިފި އެވެ.

މިއަހަރުގެ ކިޔެވުން ފަށާއިރު 73،067 ދަރިވަރުން ސްކޫލުތަކުގައި ތައުލީމު ހާސިލުކުރަމުންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި އަހަރު ސަރުކާރުގެ 212 ސްކޫލެއްގައި ކިޔަވައިދޭނެ ކަމަށާއި އޭގެތެރެއިން 150 ސްކޫލްގައި އެއް ދަންފަޅިއަށް ކިޔަވައިދޭނެކަމަށެވެ.

ހެނދުނު ދަންފަޅީގެ ކިޔެވުން ފެށީ 7:30 އެހާކަންހާއިރު އެވެ.

ދޮޅު މަހަށްވުރެ ދިގު ޗުއްޓީ އަކަށްފަހު ތައުލީމީ އާ އަހަރު މިއަދު ފެށިއިރު ދަރިވަރުންނަށް ހިތްވަރު ދެއްވައި މަރުހަބާ ދެންނެވުމަށް ކެބިނެޓް މިނިސްޓަރުން 19 އަތޮޅަކަށް ވަޑައިގަތުމަށް ވަނީ ނިންމައިފަ އެވެ.

ދިރާސީ އަހަރުގެ ހެޔޮއެދުންތައް ފޮނުއްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ދިރާސީ އާ އަހަރުގެ ހެޔޮއެދުންތައް ފޮނުއްވާ ކަމަށެވެ. ސްކޫލުގައި އާ އެއްޗެހި ދަސްކޮށް، އާ ތަޖުރިބާތައް ކުރުމަށް މަސައްކަތް ކުރުމަށް ރައީސް ވަނީ ދަރިވަރުންނަށް އިލްތިމާސް ކުރައްވައިފަ އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިރާސިީ އަހަރަކީ ދަރިވަރުންނާއި މުދައްރިސުންނަށް، ބެލެނިވެރިންނާއި މުވައްޒަފުންނަށް ރަޙްމަތާއި ބަރަކާތުގެ އަހަރަކަށް ވުމަށް ދުއާ ކުރައްވާ ކަމަށެވެ.

ނައިބުރައީސް ފައިސަލް ނަސީމްވެސް ވަނީ ދިރާސީ އަހަރުގެ ހެޔޮ އެދުންތައް ފޮނުއްވައި، މިއަހަރަކީ އިލްމީ ގޮތުން އަލިގަދަ އަހަރެއް ކަމުގައި ލައްވައި ދަރިވަރުންނަށް ކާމިޔާބީ އަށް އެދިލައްވާ ކަމަށް ވިދާޅުވެފަ އެވެ.

ދިރާސީ އަހަރުގެ ކިޔެވުމާ ދަރިވަރުން ކުރިމަތިލިއިރު ހިތްވަރާއެކު ކިޔެވުމާގެން ކުރިއަށް ދިޔުމަށް ގިނަ އަދަދެއްގެ ބަޔަކު ދަނީ ދަރިވަރުންނަށް ހިތްވަރު ދެމުންނެވެ.

ތައުލީމީ އާ އަހަރާ އެކު ސަރުކާރުގެ ހުރިހާ ސްކޫލެއްގައި ހެނދުނުގެ ނާސްތާ ޕްރޮގްރާމް ވެސް ވަނީ ފަށައިފަ އެވެ.

comment ކޮމެންޓް