ރާއްޖެ ގެނެސް ބިކަކޮށްލި ބަންގްލަދޭޝް ކުއްޖާ މިއަދު ވަގަކަށް!

މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި އުމުރުން 17 އަހަރުގެ ބަންދަލަދޭޝް ކުއްޖަކު ޕާކެއްގައި އިނދެ ދިވެއްސަކަށް ކިޔައިދިން ވާހަކަތަކެއް ދިވެހިންގެ ސަމާލުކަމަށް އައެވެ. މި ވާހަކަތައް ވީޑިއޯއަށް އަރައި، ސޯޝަލް މީޑިއާގެ ވައިގައި ހިއްޕާލިއެވެ.

ދާނެ ތަނެއް، ކުރާނެ މަސައްކަތެއް، އެހީއަކަށް އެދޭނެ މީހެއް ނޭނގިފައި އިން އެކުއްޖާގެ ވާހަކަތައް ހިތްދައްޗެވެ. ގެސްޓްހައުސަކުން ވަޒީފާ ދޭނެކަމަށް ބުނި ބަންގްލަދޭޝް ބައެއްގެ ބަހަށް މާލެ އައުމާއެކު އެމީހުންނަށް ގުޅޭ ގޮތް ނުވީއެވެ. ހަމަ އެއްވެސް ޚަބަރެއް ނުވެއެވެ.

އެންމެ ފަހުން ހަދާނެ ގޮތް ހުސްވެ ކުޑަ ކުއްޖަކު ބީރައްޓެހި ގައުމެއްގައި އެކަނިވީއެވެ. މަސައްކަތެއް ނުލިބި، ހުރި ގެސްޓްހައުސްއަށް ފައިސާ ދައްކަން އަތުގައި އޮތް ފޯނު ވިއްކާލީއެވެ. އަތުގައި ފައިސާ ނެތި މަގުމަތިވީއެވެ.

އެފަދަ ހާލެއްގައި އުޅެނިކޮށް، އެކުއްޖާގެ ވީޑިއޯ އާންމުވެ މީހުންގެ ސަމާލުކަމަށް އެކަން އައުމުން، ދިވެހިންގެ ބަޔަކާއި ބަންގްލަދޭޝްގެ ބަޔަކު ވަނީ އޭނާއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. ފޯނަކާއި ފައިސާ އެހީގެ ގޮތުގައި ދިނުމުން، އެ ފައިސާ ގައުމުގައި ތިބި މައިންބަފައިންނަށް ފޮނުވައިދިނުމަށް އެދުނެވެ.

އަދި އެކުއްޖާ އަނބުރާ ގައުމަށް ފޮނުވައިދޭން ފައިސާ ހޯދަން ދިވެހިންގެ ބަޔަކު މަސައްކަތް ވެސް ކުރިއެވެ. އެ ހިސާބުން އެކަން ހިނދުނީއެވެ. އެކުއްޖާގެ ވާހަކައެއް ދެން ނީވެއެވެ. ގިނަ މީހުން ހީކޮށްގެން ތިބީ އެކުއްޖާ އަނބުރާ ގައުމަށް ފޮނުވާލީ ކަމަށެވެ.

ނަމަވެސް ރޭ އަނެއްކާވެސް އެކުއްޖާގެ އެހެން ވީޑިއޯއެއް ސޯޝަލް މީޑިއާއަށް ފެންމަތިވިއެވެ. މިފަހަރުވެސް ހަމަ އެހާމެ ހިތްދަތި ވީޑިއޯއެކެވެ.

ވީޑިއޯގައި ފެންނަނީ ބިސް ކޭހެއް ވަގަށް ނަގަން މަސައްކަތްކުރި ބިދޭސީއަކު ހިފަހައްޓައި އޭނާގެ ޓީޝާޓް ބާލުވައި، "ބަންގްލަދޭޝް ބޮޑު ވަގު" ޖަހާފައިވާ ބޯޑެއް ދީފައި ދިވެހިންގެ ބަޔަކު ގާނޫނު އަތްމައްޗަށް ލައިގެން އުޅޭ މަންޒަރެވެ.

ބިސް ކޭހެއް ވަގަށް ނަގަން އުޅެނިކޮށް ހިފަހައްޓާފައި މިވަނީ މިދިޔަ މެއި މަހު އާންމުވި ވީޑިއޯގައި ފެނުނު ބަންގްލަދޭޝްގެ ޒުވާނާއެވެ. ގައުމަށް ފުރުވާލި ކަމަށް ބެލެވުނު ޒުވާނާ މިއަދުވެސް އެހުރީ ހަމަ އެ ހާލުގައެވެ. ނުވަތަ އެއަށްވުރެ ދެރަ ހާލުގައެވެ. މިއަދު އެންމެފަހުން ވަގެއްގެ ގޮތުގައި ލޭބަލް ވެގެން ދިޔައީއެވެ.

ވީޑިއޯއިން ފެންނަނީ އޭނާ ހިފަހައްޓައި ދިވެހިންގެ ބަޔަކު އޭނާއާ ސުވާލުކުރާ މަންޒަރެވެ. ބިސް ކޭސް ވަގަށް ނެގީ ކީއްވެތޯ ސުވާލުކުރުމުން ފުރަތަމަ ބުނަނީ ކޮންމެސް މީހަކު ބުނެގެން ކަމަށެވެ. އަދި "ކަލޭ ހަކުރު ބޮން ދޯ" އޭ މީހަކު ބުނާ އަޑުވެސް އިވެއެވެ.

އެ ސުވާލަށް ނޫނެކޭ ބުނެ ޖަވާބު ދިނުމަށްފަހު ދެން ބުނަނީ ބިސް ކޭސް ވަގަށް ނެގީ "މަސައްކަތް ނެތީމަ" ކަމަށެވެ. މަސައްކަތް ނެތީމަ ކުރަނީ ވައްކަން ހެއްޔޭ ބުނުމުން ދެން ވައްކަން ނުކުރާނެކަމަށް ބުނެ އިސްޖަހާލައެވެ.

ވައްކަން ކުރަނިކޮށް ހިފާ ގިނަ މީހުންނާ ދޭތެރޭ މިގޮތަށް އަމަލުކުރުމަކީ މިހާރު އާންމު ކަމަކެވެ. ވަގު ހިފިއްޖެނަމަ ޓީޝާޓް ބާލުވާ، ވަގު ބޯޑު އަޅުވައިގެން ވީޑިއޯކޮށް އެމީހަކު ފަލީހަތްކޮށްލައެވެ. މި ޒުވާނާގެ ވީޑިއޯ ބެލި ބައެއް މީހުން ގަބޫލުކުރާ ގޮތުގައި މިއީ އޭނާއަށް ދޭންޖެހޭ އަދަބެވެ. ހެދީ ހަމަ ރަނގަޅަށެވެ.

ނަމަވެސް މި ވީޑިއޯގެ އަނެއް ފަރާތް ވަރަށް އަނދިރިއެވެ. އެހާމެ ބިރުވެރިއެވެ. މިފަދަ ކަންކަމުން މި ދައްކުވައިދެނީ ރާއްޖޭގައި އިންސާނީ ވަގުފާރި އޮތް މިންވަރާއި، ބިދޭސީންނަށް ރާއްޖޭގައި ކުރިމަތިވެފައިވާ ދެރަ ނިމަކެތި ހާލެވެ.

ރާއްޖެ އެތެރެވެ އަމިއްލައަށް ގަވާއިދާ ހިލާފުވާ ބިދޭސީން ވެސް އުޅެއެވެ. ނަމަވެސް ފޮނި ހުވަފެންތަކެއް ދައްކާ އޮޅުވާލައިގެން ރާއްޖެ ގެނެސް ނިކަމެތި ހާލު ޖައްސާފައިވާ ބިދޭސީންގެ އަދަދު ގިނައެވެ. އެތައް ހާސް ބިދޭސީންނެއް އިންސާނީ ހައްގުތަކުން މަހްރޫމްކޮށް، އެމީހުން މަގުމަތިކުރެއެވެ. މިކަމުގައި ދިވެހީންނާއި ބިދޭސީން ވެސް ޝާމިލުވެއެވެ.

މިކަމުގެ ނަތީޖާއަކަށް ވަނީ ބިދޭސީން ކުށްތަކަށް އަރައިގަންނަން މަޖުބޫރުވެ، އެމީހުންގެ ސަބަބުން ދިވެހި މުޖުތަމައުއަށް އޭގެ ނޭދެވޭ އަސަރު ކުރުމެވެ.

comment ކޮމެންޓް