މޭރީބްރައުން ކުރިމަތީ ޕާކިން ޒޯނެއް ހަދަނީ

މޭރީބްރައުން ކުރިމަތީ ހަދާ ޕާކިން ޒޯންގެ މަސައްކަތް ކުރިއަށް ދަނީ -- ފޮޓޯ: ސިޓީ ކައުންސިލް

މޭރީބްރައުން ކުރިމަތީގައި ހަދާ ޕާކިން ޒޯންގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި، ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އެތަން ހުޅުވާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލެ ސިޓީ ކައުންސިލްގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ މިހާރު ކުރިއަށް ދަނީ ޖާގަތައް ކުރެހުމުގެ މަސައްކަތް ކަމަށާއި، ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި މަސައްކަތް މުޅިން ނިމި އެ ޒޯން ބޭނުން ކުރަން ފެށޭނެ ކަމަށެވެ.

މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ މޭރީބްރައުން ކުރިމަތީގައި ހަދާ ޒޯނުގައި ޕާކު ކުރެވޭނީ ސައިކަލް އެކަނި ކަމަށެވެ.

އަދި ޕާކިން ޒޯންގެ މަސައްކަތް ކުރިއަށް ދަނީ ޕްލޭނިން މިނިސްޓްރީގެ ކުރެހުމަކާ އެއްގޮތަށް ކަމަށާއި ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތަކީ މިނިސްޓްރީގެ ކުރެހުމާ އެއްގޮތަށް ޕާކިން ޖާގަ އަންގައިދޭ ގޮތަށް ރޮނގުތައް ކުރެހުން ކަމަށެވެ.

ޕްލޭނިން މިނިސްޓްރީގެ މީޑިއާ އޮފިޝަލާ ނުގުޅޭތީ މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުވާގޮތް ވަނީ ނުވެފައެވެ.

ފާއިތުވި އަހަރުގެ ތެރޭގައި 80-400އާ ދެމެދުގެ އުޅަނދުތައް ޕާކްކުރެވޭނެ ޖާގަ ހުރި 11 ޕާކިން ޒޯން ހަދާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން އިއްޔެ ވަނީ ބުނެފައެވެ. އަދި މިހާރު މޭރީބްރައުން ކުރިމަތީގައި ހަދާ ޕާކިން ޒޯނަކީ 12 ވަނަ ޒޯން ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ސިޓީ ކައުންސިލުން "ސަން" އަށް ބުނީ، މާލޭގައި ޕާކިން ޒޯން ހެދުމަށް ލިބިފައި ވަނީ 21 ޖާގަ ކަމަށާއި، ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި އެ 21 ޕާކިން ޒޯންގެ މަސައްކަތް މުޅިން ނިންމާލެވޭނެ ކަމަށެވެ.

މާލޭގައި ޕާކްކުރާނެ ޖާގަ ނެތް ކަމަށާއި އެކަމަށް ހައްލެއް ހޯދަން ޖެހިފައިވާކަމަށް މާލޭ ސިޓީ ކައުންސިލުން މީގެކުރިން ވަނީ ބުނެފައެވެ.

އަދި މާލޭގައި ޕާކް ކުރާނެ ޖާގަ ނެތިގެން ގިނަ ބައެއް ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ. އަދި ޕާކްކުރާނެ ތަން ނެތިގެން ބައެއް ފަހަރު ނުގަވައިދު ތަންތަނުގައި ޕާކްކުރާތީ ސްޓިކާ ޖަހާތީވެސް އާންމުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެއެވެ.

މިދިޔަ އޮކްޓޫބަރު މަހު ސްޕްރީމް ކޯޓު ކުރިމަތީގައި އަލަށް ހެދި ޕާކިން ޒޯންގައި އަގު ދީގެން ޕާކުރުމުގެ ހުއްދަ 40 އުޅަނދަކަށް ވަނީ ދީފަ އެވެ. އެތަނުގައި ޕާކްކުރުމުގެ ހުއްދަ ދީފައިވަނީ މަހަކު 3000 ރުފިޔާ ދައްކާގޮތަށެވެ. އޭގެ އިތުރުން ސޯސަންމަގުގައި ކުރީގެ ނާސަރީ ހުރި ބިމުގައި ވެސް ޕާކިން ޒޯނެއް ހެދިއެވެ.

ޕާކިންގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ނިމިގެން ދިޔަ ސަރުކާރުން މެކޭނިކަލް ޕާކިން ސިސްޓަމްތަކެއް ގާއިމްކުރުމަށްވެސް މަސައްކަތް ކުރި އެވެ. ނަމަވެސް އެކަމުގެ ނަތީޖާއެއް ނުފެނި އެތަކެތި ބާ ދަނގަޑެއްގެ އުކާލަން ޖެހުނީ އެވެ.

comment ކޮމެންޓް