ގްރޫޕަކުން މާލޭ މަގުމަތީގައި މީހަކަށް އަނިޔާކުރި މައްސަލަ އަންނަނީ ބަލަމުން: ފުލުހުން

މާލޭގައި ގްރޫޕަކުން މީހަކަށް ހަމަލާ ދޭ މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީން ޝޮޓެއް ---

މާލޭ މަގުމަތީގައި، ގްރޫޕަކުން މީހަކަށް އަނިޔާކުރި ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ސޯޝަލް މީޑީއާގައި އާންމުވެފައިވާ 49 ސިކުންތުގެ އެ ވީޑިއޯ ފެށޭ އިރު، މީހަކު ބުނާ އަޑު އިވެނީ މާލޭގައި ހަރަކާތްތެރިވާ 'ގޭންގް' އެއްގެ ނަން ބުނުމަށްފަހު އެ މީހުން ގޮސް "އެހެން" ތަނެއްގައި އުޅުމަށެވެ. އަދި އެއަށްފަހު މަގުމަތީގައި އިން ޒުވާން ފުރައިގެ ފިރިހެނެއްގެ ގައިގައި 10 ވަރަކަށް މީހުންގެ ގްރޫޕަކުން ފައިންނާއި އަތުން ތަޅައި ހަދައެވެ. އަދި ސައިކަލެއްގައި އައި ދެ މީހަކު ވެސް އެ މީހާގެ ގައިގައި ސައިކަލުން ޖެއްސުމުން އެ ގުރޫޕް އެއްކޮށް ކަހަލަ ގޮތަކަށް އެ މީހާގެ ގަޔަށް ބޮލަށް އަރައިގަނެ އެވެ.

ހަމަލާ ދިން ގުރޫޕު އެ ސަރަހައްދު ދޫކޮށް ގޮސްފައިވަނީ އެ ތަނަށް ފުލުހަކު އައުމުންނެވެ. އަދި އެއްފަހު ހަމަލާ އަމާޒުވި ޒުވާނާ ވެސް މަޑުމަޑުން ކޮޅަށް ތެދުވެ ހިނގާލާފައި ދާ މަންޒަރު އެ ވީޑިއޯ އިން ފެނެއެވެ.

އެކަމާއި ގުޅިގެން ފުލުހުން ބުނީ އިއްޔެ ރޭ 12:36 ގައި، ބޮޑުތަކުރުފާނު މަގުގައި ހުންނަ ބޭންކް އޮފް ސިލޯން ކުރިމަތީގައި ބަޔަކު މާރާމާރީއެއް ހިންގައިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ފުލުހުން ބަލަމުން ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ އިން ފެންނަ މާރާމާރީގެ މައްސަލަ އެވެ.

މާލޭގައި ގްރޫޕް މާރާމާރީތައް ހުއްޓިފައި އޮންނަތާ ގިނަ ދުވަސްތަކަކަށްފަހު އަނެއްކާ ވެސް މިފަހުން ވަނީ ކޮންމެވެސް ވަރެއްގެ މާރާމާރީތަކެއް ފެށިފަ އެވެ.

comment ކޮމެންޓް