ކަޝްމީރުން އިންޓަނެޓު ކަނޑާލުން ގާނޫނާ ހިލާފުކަމަށް ސުޕްރީމްކޯޓުން ނިންމައިފި

ކަޝްމީރުން އިންޓަނެޓް ކަނޑާލުމުން ޒުވާނުންގެ ބަޔަކު ނުރުހުން ފާޅުކުރަނީ --- ފޮޓޯ : ދަ ގާޑިއަން

ކަޝްމީރުގައި މިދިޔަ އަހަރުގެ އޯގަސްޓު މަހުން ފެށިގެން އިންޓަނެޓުގެ ހިދުމަތް ކަނޑާލާފައި އޮތުމަކީ ގާނޫނާ ހިލާފުކަމެއް ކަމަށް އިންޑިއާގެ ސުޕްރީމްކޯޓުން ނިންމައިފިއެވެ.

ސުޕްރީމް ކޯޓުން މިއަދު ބުނެފައިވަނީ ވަކި މުއްދަތެއް ނޭނގޭގޮތަށް ކަޝްމީރުން އިންޓަނެޓް ހިދުމަތް ސަސްޕެންޑްކުރުމަކީ އިންޑިއާގެ ޓެލެކޮމިއުނިކޭޝަންގެ ގަވާއިދުތަކަށް ހިލާފުވާ އަމަލެއް ކަަމަށެވެ. އަދި ހަފްތާއެއްގެ ތެރޭގައި އެ މައްސަލަ އަލުން ރިވިއުކުރުމަށް ސުޕްރީމްކޯޓުން ވަނީ އަމުރުކޮށްފައެވެ.

ސުޕްރީމްކޯޓުގެ ފަނޑިޔާރު އެންވީ ރާމަނާ ވިދާޅުވީ އިންޓަނެޓް ހިދުމަތް ހޯދައި އަދި ލިބިގަތުމަކީ ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ އަސާސީ ހައްގެއް ކަމަށެވެ.

ސަލާމަތީ ފިޔަވަޅެއްގެ ގޮތުގައި ކަޝްމީރުގައި ވަނީ ޓެލެކޮމިއުނިކޭޝަންގެ ހިދުމަތްތައް އާންމުންގެ ހުރިހާ ފަރާތްތަކަށް މެދުކަނޑާލާފައެވެ. އެއީ ކަޝްމީރުގެ ތެރޭގައި ހަމަޖެހުން ދެމެހެއްޓުމަށް ކަމަށް ވަނީ ބުނެފައެވެ.

މޯބައިލް ފޯނުގެ ހިދުމަތްތައްވެސް މީގެ ކުރީން ކަނޑާލާފައިވާއިރު ބައެއް ފަރާތްތަކަށް އަދިވެސް އެ ހިދުމަތް ނުލިބެއެވެ. ކަޝްމީރުގެ ހިމާލިޔާ ސަރަހައްދަށް އިންޓަނެޓްގެ ހިދުމަތް އެއްވެސް ވަރަކަށް ނުލިބޭ ކަމަށް ބައެއް ނޫސްތަކުން ބުނެއެވެ. އެއީ ޕާކިސްތާނުގެ ބާރު އޮންނަ ސަރަހައްދެވެ.

އިންޓަނެޓްގެ ހިދުމަތް ކެނޑުމާ ގުޅިގެން ކަޝްމީރުގެ ގިނަ ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަނީ ކުރިމަތިވެފައެވެ. އެގޮތުން ކޮލެޖް އެޑްމިޝަން ފަދަ މަސައްކަތްތަކަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ނޫސްވެރިންނާއި މަދަނީ ޖަމިއްޔާތަކުގެ ފަރާތުން އަޑުއުފުލާ ވްރިންދާ ގްރޯވާ ބުނި ގޮތުގައި އިންޓަނެޓް ކަނޑާލުމަކީ ނޫސްވެރިކަމުގެ މިނިވަން ކަމަށްވެސް ބުރޫ އަރާނެކަމެއް ކަމަށް ސުޕްރީމްކޯޓުން މިއަދު ފާހަގަކުރި ކަމަށެވެ.

"މިއީ ނަހަމަގޮތުގައި ބާރުގެ ބޭނުން ކުރުމުގެ މިސާލެއް،" އޭނާ ފާހަގަކުރިއެވެ.

އިންޑިއާ ސަރުކާރުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި، ކަޝްމީރަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް އުވާލައި، އިންޑިއާގެ ޔޫނިއަން ޓެރިޓަރީއަކަށް އެ ސަރަހައްދު ބަދަލުކުރިއެވެ. އެއާއެކު ކުރިން "ޖައްމޫ އެންޑް ކަޝްމީރު"ގެ ނަމުގައި ސްޓޭޓެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް، ޖައްމޫ އެންޑް ކަޝްމީރު ކިޔާ ޔޫނިއަން ޓެރިޓަރީއަކާއި ލަޑާކްވެސް ވަކި ޔޫނިއަން ޓެރިޓަރީއަކަށް ބަދަލުކުރިއެވެ.

އިންޑިއާގެ ސްޓޭޓުތަކާ ހިލާފަށް ޔޫނިއަން ޓެރިޓަރީތަކުގެ އިސްވެރިއަކަށް ހުންނާނީ މަރުކަޒީ ސަރުކާރުން އައްޔަނުކުރާ ލިއުޓެނަންޓް ގަވަރުނަރެކެވެ.

comment ކޮމެންޓް