އީޔޫއިން ވަކިވުމުގެ ބިލު ހައުސް އޮފް ކޮމަންސްއިން ފާސްކޮށްފި

އިނގިރޭސި ޕާލަމަންޓުގައި ބޮޑުވަޒީރު ބޮރިސް ޖޯންސަން ----

މި މަހުގެ 31 ވަނަ ދުވަހު އިނގިރޭސިވިލާތް، ވިލާތުގެ އިއްތިހާދުން ވަކިވުމަށް ތާވަލުކޮށްފައިވާ އިރު، އެ އިއްތިހާދުން އެ ގައުމު ވަކިވުމާ ބެހޭ އެއްބަސްވުން އެކުލަވާލުމުގެ ގާނޫނުގެ ބިލު އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެއިން ފާސްކޮށްފިއެވެ.

އިނގިރޭސި ހައުސް އޮފް ކޮމަންސްއިން އީޔޫ ވިތުޑްރޯވަލް ބިލު ފާސްވެގެން ދިޔައީ 330 މެމްބަރުންގެ ތާއީދާއެކުއެވެ. އެ ބިލާ ދެކޮޅަށް ވޯޓުދެއްވީ 231 މެމްބަރުންނެވެ.

ބޮޑުވަޒީރު ބޮރިސް ޖޯންސަން ހުށަހެޅުއްވި މި ބިލު ހައުސް އޮފް ކޮމަންސްއިން ފާސްވި އިރު، ބްރެގްޒިޓާ ބެހޭގޮތުން ކުރީގެ ބޮޑުވަޒީރު ތެރީސާ މޭ އެ މަޖިލީހަށް ހުށަހެޅުއްވި އެއްވެސް ހުށަހެޅުމެއް ހައުސް އޮފް ކޮމަންސްއިން ފާސް ވާގޮތެއް ނުވިއެވެ. ބޮޑުވަޒީރުކަމުން މޭ އިސްތިއުފާދެއްވީ އެކަމުގެ ސަބަބުންނެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އިނގިރޭސި ޕާލަމެންޓު ރިސެސްއަށް ދިއުމުގެ ކުރިންވެސް ބޮޑުވަޒީރު ޖޯންސަންގެ މި ބްރެގްޒިޓް ޑީލަށް ޕާލަމެންޓުން ވަނީ ތާއީދު ދީފައެވެ.

މި ބިލުގެ ހުރިހާ ކަމަކަށް ހައުސް އޮފް ކޮމަންސްއިން މިހާރު ތާއީދުކޮށް، ތިރިގެއިން ބިލު ފާސްކޮށްފައިވާ އިރު، އޭގައިވާ ގޮތުން ޖެނުއަރީ 31 ގައި އިނގިރޭސިވިލާތް ޔޫރަޕިއަން ޔޫނިއަނުން ވަކިވާ އިރު އެދުވަހުން ފެށިގެން 11 މަސް ދުވަހުގެ އިންތިގާލީ މަރުހަލާއެއް ފެށޭނެއެވެ. އެގޮތުން، އިއްތިހާދުގެ މެމްބަރަކަށް ނުވި ނަމަވެސް އިނގިރޭސިވިލާތުން ވިލާތުގެ އިއްތިހާދުގެ ގަވައިދުތަކަށް އެ މުއްދަތުގައި އަމަލުކުރަމުން ދާނެއެވެ.

މި އިންތިގާލީ މަރުހަލާގެ ބޭނުމަކީ މުސްތަގުބަލުގައި ޔޫކޭ އަދި އީޔޫއާ ދެމެދު އޮންނާނެ ގުޅުމަކާ ބެހޭގޮތުން މަޝްވަރާކޮށް، ގޮތެއް ނިންމުމެވެ. މީގެ ތެރޭގައި ޔޫކޭއާ އެ އިއްތިހާދާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުންވެސް ހިމެނެއެވެ.

ބޮރިސް ޖޯންސަންގެ ސަރުކާރުން ހުށަހަޅުއްވައި އަދި ހައުސް އޮފް ކޮމަންސްއިން ފާސްވި ވިތުޑްރޯވަލް އެގްރިމެންޓާ ބެހޭ ބިލުގައި ޔޫކޭއިން އީޔޫއަށް ދައްކަންޖެހޭ ސެޓްލެމަންޓުތަކާޢި، ރައްޔިތުންގެ ހައްގުތަކާއި، އަދި އިނގިރޭސިވިލާތުގައި ހިމެނޭ ނޮދަން އަޔަލެންޑަށް ތަންފީޒުކުރާނެ ކަސްޓަމްސް ނިޒާމުތަކުގެ ވާހަކަތައް ހިމެނެއެވެ.

ހައުސް އޮފް ކޮމަންސްއިން ބިލު ފާސްކުރުމާއެކު، ދެން މި ބިލު ދާނީ އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ މަތިގެ، ހައުސް އޮފް ލޯޑްސްގެ ރިވިއުއަށެވެ.

comment ކޮމެންޓް