ސަފާރީތައް ނަގަން މާފުށިން ނެރުނު ނޯޓިސް ބާތިލުކުރަން އެލްޖީއޭއިން އަންގައިފި

މަފުއްޓަށް ދިވެހިންތަކެއް ޒިޔާރަތް ކުރަނީ --- ސަން ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ގެސްޓްހައުސް ޓޫރިޒަމްގެ ހަރަކާތްތައް އެންމެ ބޮޑަށް ހިނގާ ކ. މާފުށި އޮންނަ ސަރަހައްދުން ސަފާރީ އުޅަނދުތައް ނެގުމަށް އެ ރަށުގެ ކައުންސިލުން ނެރުނު ނޯޓިސް ބާތިލުކުރުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީން އަންގައިފިއެވެ.

ލާމަރުކަޒީ ގާނޫނަށް ދާދި ފަހުން ގެނައި އިސްލާހެއްގައި، ރަށު ކައުންސިލެއްގެ އިހުތިސާސަކީ އެ ރަށުގެ އުރަފަތުން ފެށިގެން 700 މީޓަރު ކަމަށް ބުނެފައިވާ އިރު، މާފުށި ކައުންސިލުން ބުދަ ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ކައުންސިލުގެ އިހްތިސާސް ހިނގާ ސަރަހައްދުގައި ބަނދަރުކޮށްފައިވާ ސަފާރީތައް ނެގުމަށް އަންގާ ކަމަށެވެ.

އަދި މި މަހުގެ 10 ވަނަ ދުވަހުގެ (މިއަދުގެ) މެންދުރުފަހު 14:00 ގެ ކުރިން ސަފާރީތައް ނުނަގައިފި ނަމަ އެތަކެތި ނައްތާލާނެ/ނީލަން ކިޔައި ވިއްކާލާނެކަމަށްވެސް ކައުންސިލުން ބުންޏެވެ.

މި ނޯޓިސްއާ ގުޅިގެން ސަފާރީ އުޅަނދާއި ލިވްއަބޯޑު އޮޕަރޭޓަރުން ކަންބޮޑުވުމާއި ނުރުހުން ފާޅުކުރަމުން ދިޔަ އިރު، ލޯކަލް ގަވަމަންޓް އޮތޯރިޓީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ލާމަރުކަޒީ ގާނޫނުގެ ދަށުން ރަށު ކައުންސިލުގެ އިހްތިސާސް ކަނޑައެޅުމުގެ ބާރު ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާއަށް ކަމަށާއި، ނަމަވެސް އެ ގާނޫނުން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އެއްވެސް ކައުންސިލެއްގެ އިހްތިސާސް މިހާތަނަށް ކަނޑައަޅުއްވާފައި ނުވާކަމާށެވެ.

ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ، ރަށު ކައުންސިލުތަކުގެ އިހްތިސާސް ކަނޑައަޅުއްވަން ޖެހޭނީ ގާނޫނު ތަސްދީގުކުރެވޭތާ ހަ މަސް ދުވަހުގެ ތެރޭގައި ކަމަށެވެ.

https://sun.mv/129916

މީގެ އިތުރުން ގާނޫނުގައި ކަނޑައެޅި ބަޔާންކޮށްފައިވާ ގޮތެއްގެ މަތިން ނުވަތަ ކޯޓަކުން ކުރާ ހުކުމަކުން ނޫނީ އެއްވެސް މީހެއްގެ މުދަލެއް އެމީހެއްގެ ރުހުމެއް ނެތި ދައުލަތަށް ނަގައިގެން ނުވާނެކަމަށް ގާނޫނު އަސާސީގެ 40 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށާއި، އެ ނޫންގޮތަކަށް އެއްވެސް މީހެއްގެ މުދަލެއް ނަގައި އެތަކެތި ނައްތާލައި ނުވަތަ ނީލަމުގައި ވިއްކުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫންކަމަށް އެލްޖީއޭއިން ބުންޏެވެ.

އަދި މި ކަންކަން މާފުށި ކައުންސިލަށް މިހާރު ވާނީ އަންގާފައި ކަމަށްވެސް ބުންޏެވެ.

އެހެންކަމުން މާފުށީގެ ކައިރީގައި އަޅާފައި ހުރި ސަފާރީ އުޅަނދުތަކަށް ފޮނުވި ނޯޓިސް ބާތިލުކުރުމަށް މާފުށި ކައުންސިލަށް އެލްޖީއޭއިން މިހާރު އަންގާފައިވާނެކަމަށް އެލްޖީއޭއިން ނެރުނު ބަޔާނުގައި ބުންޏެވެ.

https://sun.mv/129941

comment ކޮމެންޓް