މެޑަމް ޓުސޯޑްސްގެ ޝާހީ އާއިލާގެ ސެކްޝަނުން ހެރީއާއި މޭގަންގެ ސްޓެޗޫ ނަގައިފި

ހެރީއާއި މޭގަން މެޑަމް ޓުސޯޑްސްގައި---

މަޝްހޫރު ގިނަ ފަންނާނުންގެ ވެކްސް ސްޓެޗޫތައް ހިމަނާފައިވާ މިއުޒިއަމް، މެޑަމް ޓުސޯޑްސްގައި ހިމެނޭ އިނގިރޭސިވިލާތުގެ ޝާހީ އާއިލާގެ ސެކްޝަނުން އިނގިރޭސި ރާނީ އެލިޒަބަތު ދެވަނައިގެ މާމަދަރިކަލުން ޕްރިންސް ހެރީއާއި އަނބިކަނބަލުން މޭގަން މާކަލްގެ ސްޓެޗޫތައް ނަގައިފިއެވެ.

މިއުޒިއަމްގެ ޝާހީ އާއިލާގެ ސެކްޝަނުން ޕްރިންސް ހެރީގެ ދެމަފިރިކަނބަލުން ސްޓެޗޫ ނެގިއިރު ހެރީއާއި މޭގަން ޝާހީ އާއިލާއިން "އެކަހެރިވުމަށާއި" އަދި ޝާހީ އާއިލާއަށް މާލީ ގޮތުން ބަރޯސާ ނުވާ، މިނިވަން ބަޔަކަށް ވުމަށް ނިންމާފައިވާކަން މި ހަފްތާގައި އިއުލާނުކުރެއްވިއެވެ.

މެޑަމް ޓުސޯޑްސްއިން ބުނީ ޕްރިންސް ހެރީއާއި މޭގަންގެ ސްޓެޗޫ ދެން ބަހައްޓާނީ އެ މިއުޒިއަމްގެ އެހެން ސެކްޝަނެއްގައި ކަމަށެވެ. ޝާހީ އާއިލާގެ ސެކްޝަންގައި ރާނީ އެލިޒަބަތާއި، ޕްރިންސް ފިލިޕްއާއި ޕްރިންސް ޗާލްސްއާއި ޕްރިންސް ވިލިއަމްސް އަދި އޭނާގެ އަނބިކަނަބަލުން ކޭޓް މިޑިލްޓަންގެ ސްޓެޗޫ ހުރެއެވެ.

"ހެރީއާއި މޭގަން ޝާހީ އާއިލާއިން އެކަހެރިވާން ނިންމި ނިންމުމާމެދު އަޅުގަނޑުމެންވެސް މި ހުރީ ހައިރާންވެފައި. އެހެންނަމަވެސް ދެ ބޭފުޅުންނަކީވެސް މި މިއުޒިއަމްގެ ވަރަށް ހާއްސަ ބޭފުޅުން. އެ ދެބޭފުޅުން އަދިވެސް މިތަނުގައި ތިބޭނެ" މެޑަމް ޓުސޯޑްސްގެ މެނޭޖަރު ސްޓީވް ޑޭވިސް ވިދާޅުވިއެވެ.

ޝާހީއާއިލާއާއި އެކެހެރިވެ، މާލީ ގޮތުން ދައުލަތަށް ބަރޯސާނުވާ ބަޔަކަށް ވުމަށް ހެރީގެ ދެކަނބަލުން ނިންމެވިއިރު އެ ދެކަނބަލުން ވަނީ އެދެކަނބަލުންގެ ދަރިކަލުން އާޗީ ހެރިސަން ތަރުބިއްޔަތުކުރައްވާނީ އިނގިރޭސިވިލާތުގެ އިތުރުން މޭގަން ނިސްބަތްވެވަޑައިގަންނަވާ އެމެރިކާގައި އެއް ވަރަކަށް ވަގުތު ހޭދަކުރައްވައިގެން ކަމަށްވެސް އިއުލާނުކުރެއްވިއެވެ.

ހެރީއާއި މޭގަން ކައިވެނި ބައްލަވައިގެންނެވީ 2018 ވަނަ އަހަރު މޭ މަހުއެވެ. ދެ ބޭފުޅުން ކައިވެނި ބައްލަވައިގެންނެވިފަހުން އިނގިރޭސި ޓެބްލޮއިޑް ނޫސްތަކުން އައީ މޭގަން މާކަލްއަށް އެކި ގޮތްގޮތަށް ފާޑު ކިޔައި، އަދި ނަސްލީ ގޮތުން ދިމާވެސް ކުރަމުންނެވެ. އެ މައްސަލައިގައި ހެރީ ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވެސް ވިދާޅުވެފައެވެ.

comment ކޮމެންޓް