ޕްރިންސް ހެރީގެ ދެކަނބަލުން ޝާހީ އާއިލާއާ ދުރަށް!

ޕްރިންސް ހެރީ އަދި މޭގަން މާކަލް -- ފޮޓޯ/ ރޮއިޓާސް

އިނގިރޭސި ރާނީ އެލިޒަބަތު ދެވަނައިގެ މާމަދަރިކަލުން ޕްރިންސް ހެރީއާއި އަނބިކަނބަލުން މޭގަން މާކަލް ޝާހީ އާއިލާއާ ދުރަށް ވަޑައިގަތުމަށް ނިންމަވާފައިވާކަން އިއުލާނުކުރައްވައިފިއެވެ.

އިނގިރޭސި ވަލީއަހުދު ޕްރިންސް ޗާލްސްގެ ހަގު ދަރިކަލުން ހެރީގެ ދެކަނބަލުން ރޭ ނެރުއްވި ކުރު ބަޔާނެއްގައި ވިދާޅުވީ އެ ދެމަފިރިކަނބަލުން ޝާހީ އާއިލާއިން "އެކަހެރިވުމަށާއި" އަދި އެ ދެމަފިރިކަނބަލުންގެ ވަގުތުތައް އިނގިރޭސިވިލާތާއި އެމެރިކާގައި އެއްވަރަކަށް ހޭދަކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. އެމެރިކާއަކީ މޭގަން މާކަލް ނިސްބަތްވެވަޑައިގަންނަވާ ގައުމެވެ.

އާއިލާއިން ދެ ބައްރުގައިވެސް ވަގުތު ހޭދަކުރުމަށް ނިންމި ނިންމުމުގެ ސަބަބުން އެ ދެމަފިރިކަނބަލުންގެ ތުއްތު ދަރިކަލުން ޕްރިންސް އާޗީ ތަރުބިއްޔަތުވުމުގައި ޝާހީ އާއިލާގެ އާދަކާދައާ އަހުލުވެރިވެވޭނެކަމަށް ވިދާޅުވިއެވެ. އަދި އެ އާއިލާއަށް ދިރިއުޅުމަށް ފަސޭހަވުމުގެ އިތުރުން، ދަރުމަވެރި މަސައްކަތެއް ކުރަން ފަށަން ނިންމާފައިވާތީ އެކަން ކުރުމަށްވެސް ފަސޭހަވެގެން ދާނެކަމަށް ވިދާޅުވިއެވެ.

މިކަމުގެ އިތުރުން، އެ ދެމަފިރިކަނބަލުންގެ މާލީ ގޮތުން އިނގިރޭސި ދައުލަތަށް ބަރޯސާވުންވެސް ނިމުމަކަށް ގެންނެވުމަށް ނިންމަވާފައިވާ ކަމަށްވެސް އިއުލާނުކުރެއްވިއެވެ.

"އަޅުގަނޑުމެން ގަސްތުކުރަނީ ޝާހީ އާއިލާގެ 'އިސް' މެމްބަރުންތަކެއްގެ ހައިސިއްޔަތާ ދުރަށް ޖެހުމަށް، އަދި މާލީ ގޮތުން މިނިވަން ބަޔަކަށް ވުމަށް،" ބަޔާނުގައި ބުނެފައެވެ.

އެ ދެމަފިރިކަނބަލުން ވިދާޅުވީ މިއީ އެތައް މަސްދުވަހެއް ވަންދެން ވިސްނަވާ ފިކުރުކުރެއްވުމަށްފަހު، މި އަހަރުގެ ތެރޭގައި އެޅުއްވުމަށް ނިންމެވި ފިޔަވަޅުތަކެއް ކަމަށެވެ.

މި ފިޔަވަޅުތައް އެޅުއްވި ނަމަވެސް އިނގިރޭސި ރާނީއަށް އެ ދެމަފިރިކަނބަލުންގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

ޕްރިންސް ހެރީއާއި މޭގަން މާކަލްގެ ދެކަނބަލުންގެ ފަރާތުން އިންސްޓަގްރާމުގައި އާންމުކުރެއްވި ބަޔާން ވެގެން ދިޔައީ އިނގިރޭސި ޝާހީ އާއިލާއަށް ސިހުމަކަށެވެ. ޝާހީ ގަނޑުވަރު ބަކިންގަމް ޕެލެސްއިން ރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ދެމަފިރިކަނބަލުންނާ ޝާހީ އާއިލާއިން މަޝްވަރާކުރަމުންދާ ކަމަށެވެ.

އަދި އެ ދެމަފިރިކަނބަލުން ވަޑައިގަންނަވަން އެދިލައްވާ ރާސްތާ ވަރަށް ތަފާތުކަން އެނގޭކަމަށް އެ ބަޔާނުގައި ވެއެވެ. ނަމަވެސް މިއީ ހައްލުކުރަން އުނދަގޫ މައްސަލައެއް ކަމުން، މިކަމަށް ވަގުތުތަކެއް ނަގާނެކަމަށް ޝާހީ އާއިލާއިން ބުނެފައިވެއެވެ.

ޕްރިންސް ހެރީއާއި އަނބިކަނބަލުން ކުރީގެ ފިލްމީތަރި މޭގަން މާކަލް ޝާހީ އާއިލާއާ ދުރަށް ވަޑައިގަތުމަށް ނިންމަވާފައިވާކަން އިއުލާނުކުރެއްވި އިރު، އިނގިރޭސި ޓެބްލޮއިޑް ނޫސްތަކުން އައީ މޭގަން މާކަލްއަށް އެކި ގޮތްގޮތަށް ފާޑު ކިޔައި، އަދި ނަސްލީ ގޮތުން ފުރައްސާރަކުރަމުންނެވެ. އަދި މޭގަން އޭނާގެ ބައްޕައަށް ލިޔުނު އަމިއްލަ ސިޓީއެއް އިނގިރޭސި ނޫހަކުން މިދިޔަ އަހަރުގެ ތެރޭގައި އާންމުކުރި މައްސަލައެއްވެސް ފެންމަތިވިއެވެ.

މިކަންކަމާ ޕްރިންސް ހެރީ ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައި، އިނގިރޭސި މީޑިއާއިން މޭގަންއާ މެދު އަމަލުކުރަމުން ދަނީ އޭނާގެ މަންމާފުޅު ޕްރިންސެސް ޑަޔާނާއާ މެދުވެސް އަމަލުކުރި ދެރަ އަދި ނަފުރަތު އުފެދެނިވި ގޮތްތަކަށް ކަމަށް ސިފަކުރައްވައިފައެވެ.

comment ކޮމެންޓް