މޯދީގެ ވައުދުގެ ދެވަނަ ޓްރެއިނިންނަށް ފުލުހުން ފުރަން ފަށައިފި

އިންޑިއާއަށް ފުރާ ފުލުހުން އެމްބަސީގައި --- ފޮޓޯ : އިންޑިއާ އެމްބަސީ

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ވައުދުފުޅު ދަށުން ދިވެހި ފުލުހުންނަށް މަގުފަހިކޮށްދެއްވާފައިވާ ޓްރެއިނިން ޕްރޮގްރާމްގެ ދެވަނަ ބެޗަށް ދިވެހި ފުލުހުން ފުރައިފި އެވެ.

އިންޑިއަން އެމްބަސީ އިން މިއަދު ބުނެފައިވަނީ ފުލުހުންގެ ޓްރެއިނިންގެ ދެވަނަ ބެޗުގައި 20 ފުލުހުން ހިމެނޭ ކަމަށެވެ.

އިންޑިއާގެ ގުޖުރާތުގައި ހުންނަ ފޮރެންސިކް ސައިންސް ޔުނިވާސިޓީ (ޖީއެފްއެސްޔޫ)އިން އެ ފުލުހުން ހަދާނީ ކްރައިމް ސީން މެނޭޖްމެންޓް ތަމްރީނުގެ ކޯހެކެވެ. އެ ޓްރެއިނިން ކުރިއަށްދާނީ އަންނަ ހޯމަ ދުވަހުން ފެށިގެން މިމަހުގެ 24ގެ ނިޔަލަށް ކަމަށް އެމްބަސީއިން ބުނެއެވެ.

އެ ޕްރޮގްރާމްގެ ފުރަތަމަ ބެޗުގެ ފުލުހުންނަށް ވަނީ ފިންގަރޕްރިންޓް ޑީއެންއޭ އާ ގުޅޭގޮތުން ތަމްރީންކޮށްފައެވެ. އެ ފުލުހުންގެ ތަމްރީން ޕްރޮގްރާމް ނިމޭނީ ހުކުރު ދުވަހުގައެވެ.

އެމްބަސީއިން ބުނެފައިވަނީ ކުރިއަށް އަދި އިތުރު ދެ ޓްރެއިނިން ޕްރޮގްރާމް ކުރިއަށްދާނެ ކަމަށެވެ. އެއީ "ކޮމްޕިއުޓާ ފޮރެންސިކް އެންޑް ސައިބާ ސެކިއުރިޓީ" އާއި "ފޮރެންސިކް ކެމިސްޓްރީ"އެވެ.

ބޮޑު ވަޒީރު މޯދީ މިދިޔަ އަހަރުގެ ޖޫން މަހުގައި ރާއްޖެ ވަޑައިގެން ވިދާޅުވެފައިވަނީ ދިވެހި ފުލުހުންނަށް ތަމްރީނުކުރުމަށް 100 ސްލޮޓު ކަނޑައަޅާފައިވާ ކަމަށެވެ.

comment ކޮމެންޓް