ޖޫރިމަނާގެ ގޮތުގައި މިދިޔަ އަހަރު 233 މިލިއަން ރުފިޔާ

ޓްރެފިކް ފުލުހަކު މާލޭގެ މަގުމަތީ ޓްރެފިކް ބަލަހައްޓަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އަހަރުގެ ނިޔަލަށް އެކިއެކި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 233.1 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މާލީ ތަފާސް ހިސާބުތަކަށް ބަލާއިރު ޖޫރިމަނާ އަދި ޕެނަލްޓީގެ ގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 197 މިލިއަން ރުފިޔާ އެވެ. ނަމަވެސް އަހަރު ނިމުނު އިރު ލަފާކުރި މިންވަރަށްވުރެ 36 މިލިއަން ރުފިޔާ ގިނައިން ވަނީ އާމްދަނީގެ ގޮތުގައި ލިބިފައެވެ.

މިއަހަރަށް ލަފާކޮށް ފާސްކޮށްފައިވާ ބަޖެޓުގައި ޖޫރިމަނާގެ ގޮތުގައި ޖުމްލަ 169.7 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މީގެ ތެރޭގައި ހިމެނެނީ ގާނޫނާ ހިލާފުވެގެން ކުރާ ޖޫރިމަނާގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ 83 މިލިއަން ރުފިޔާ އާއި ގަވައިދާ ހިލާފުވެގެން ކުރާ ޖޫރިމަނާގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ 30 މިލިއަން ރުފިޔާ އާއި އެގްރިމެންޓުތަކާ ހިލާފުވެގެން ކުރެވޭ ޖޫރިމަނާގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ 11 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން މުވައްޒަފުންގެ ގަޑީ ލާރިއާއި ޖޫރިމަނާގެ ގޮތުގައި އަށް ލައްކަ ރުފިޔާ، ދަރަންޏާއި ގަޒިއްޔާ ޖޫރިމަނާގެ ގޮތުގައި 166،869 ރުފިޔާ، ޓްރެފިކް ވަޔޮލޭޝަން ޗާޖުގެ ގޮތުގައި 31 މިލިއަން ރުފިޔާ އަދި އެހެން ޖޫރިމަނާގެ ގޮތުގައި ހަތަރު ލައްކަ ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައި ވަނީ 37.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 29.92 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

comment ކޮމެންޓް