ރާއްޖޭގައި ގޮލްފް ކުޅެން ގާޑިއޯލާ އަށް ދައުވަތު

މެންޗެސްޓަ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ-- ފޮޓޯ: އޭޕީ

ރާއްޖޭގައި ގޮލްފު ކުޅެން އައުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރެޝަން (އެމްއެމްޕީއާރުސީ) އިން، މެންޗެސްޓާ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ އަށް ދައުވަތު ދީފި އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާޑިއޯލާ ބުނެފައިވަނީ މެންޗެސްޓާ ޔުނައިޓެޑަށް ކޯޗުކަން ކޮށްދިނުމަށްވުރެ، ރާއްޖޭގައި ދިރިއުޅެން އައުން ވެސް އޭނާއަށް މާ ރަނގަޅުވާނެ ކަމަށް ދެކޭ ކަމަށެވެ.

އޭނާ ބުނީ، ސިޓީއަށް ފަހު އޮފާއެއް ނެތިއްޖެ ނަމަ އޭނާ އަންނާނީ ރާއްޖެއަށް ކަމަށެވެ. އެކަމަކު ރާއްޖޭގައި ގޮލްފް ކޯހެއް ނެތްކަން ގާޑިއޯލާ ވަނީ ފާހަގަކޮށްފަ އެވެ.

ނަމަވެސް ރާއްޖޭގެ ބޮޑެތި ބައެއް ރިސޯޓުތަކުގައި ގޮލްފް ކޯސްތައް ހުރެ އެވެ.

އެމްއެމްޕީއާރުސީގެ ރަސްމީ ޓްވިޓާ އެކައުންޓް، "ވިޒިޓް މޯލްޑިވްސް" އިން ކުރި ޓްވީޓެއްގައި ބުނީ ރާއްޖެ އަންނަން ގާޑިއޯލާގެ ޝައުގުވެރިކަން ހުރިކަމަށް ބުނި ބުނުމަށް މަރުހަބާ ކިޔާ ކަަމަށާއި ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަށް އައުމަށް ދައުވަތުދޭ ކަމަށެވެ.

"ރާއްޖޭގެ ރިސޯޓުތަކުން ކޮންމެވެސް އެއް ރިސޯޓެއްގެ ގޮލްފް ކޯހެއްގައު ގޮލްފު ކުޅެކަން އައުމަށް ދައުވަތު ދެން،" ގާޑިއޯލާ އަށް ދައުވަތު ދެމުން އެމްއެމްޕީއާރުސީގެ ވިޒިޓް މޯލްޑިވްސް އެކައުންޓުން ކުރި ޓްވީޓުގައި ބުންޏެވެ.

ގަޑިއޯލާ ވަނީ މިދިޔަ އޮކްޓޫބަރު އިނގިރޭސި ޕްރިމިއާ ލީގު މެދުކަނޑާލުމުން ލިބުނު ކުރު ޗުއްޓީގައި ރާއްޖެ އައިސްފަ އެވެ.

comment ކޮމެންޓް