ޓެކްސީ ހޯދަން "އެއައީ" އެޕް ތައާރަފްކޮށްފި

އެއައީ ---

ޓެކްސީގެ ހިދުމަތް އޮންލައިންކޮށް ދިނުމަށް "އެއައީ" ގެ ނަމުގައި އެޕްލިކޭޝަނެއް ތައާރަފުކޮށްފި އެވެ.

އޮންލައިން އެޕްލިކޭޝަން މެދުވެރިކޮށް ޓެކްސީގެ ހިދުމަތް ހޯދާ މީހުން އިތުރުވެފައިވާއިރު، އެއައީ އެޕްލިކޭޝަނަކީ ޓެކްސީ ސެންޓަރު 3323132 (ޑައިލް ކެބް) އާއި 3325757 (ނިއު ޓެކްސީ) ގުޅިގެން ހިދުމަތް ދިނުމަށް ތައާރަފުކުރި އެޕްލިކޭޝަނެކެވެ.

މި އެޕްލިކެޝަން މެދުވެރިކޮށް ފަސޭހައިން ޓެކްސީ ހޯދޭނެ ކަމަށް ހިދުމަތްދޭ ފަރާތުން ބުންޏެވެ.

"މިހާރު އެބައުޅޭ 60 އަށް ވުރެ ގިނަ ކާރު މި އެޕްލިކޭޝަނުގައި ހިދުމަތްދޭ. އެހެން ސެންޓަރުތަކުގެ ޑްރައިވަރުންނަށްވެސް އެޕްލިކޭޝަން މެދުވެރިކޮށް ހިދުމަތް ދެވޭނެ. ޕްރައިވެޓް ކާރުތަކަށްވެސް އެޕްލިކޭޝަނުގައި ރެޖިސްޓްރީ ވެގެން ހިދުމަތް ދެވޭނެ،" އޭނާ ބުންޏެވެ.

އެއައީ އެޕްލިކޭޝަން މެދުވެރިކޮށް ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ޓެކްސީ ހޯދަން އިތުރު ފަސޭހައަކަށް ވާނެ އެވެ.

"މިހާރު ހުޅުމާލެއިން ގުޅައިގެން ޓެކްސީ ހޯދަން އެބަ އުނދަގޫވޭ އެންޓަނާގެ މައްސަލަ އުޅޭތީ. އެކަމަކު އެޕްލިކޭޝަން އާއެކު ހުޅުމާލޭގައި އުޅޭ މީހުންނަށް ފަސޭހަ ވާނެ. މީގެ އިތުރުން މާލެ އިންވެސް ޓެކްސީ ހޯދަން ފަސޭހަވާނެ،" ޓެކްސީ ސެންޓަރުން ބުންޏެވެ.

"މިއީ ޒަމާނީ ސޮލިއުޝަންއެއްގެ އިތުރުން ސޭފްޓީގެ ގޮތުން ބަލާއިރުވެސް ރަނގަޅު އޮޕްޝަންއެއް. މިސާލަކަށް ކަސްޓަމަރަށް ކާރުގައި އެއްވެއް ބާއްވާފައި ދެވުނަސް ޑްރައިވާއި ކާރުގެ މައުލޫމާތު އެނގޭނެ. އެ ބޭއްވުނު އެއްޗެއް ހޯދަން ކުރާ މަސައްކަތަށްވެސް ފަސޭހަ ވާނެ،"

ޒަމާނީ އެޕްލިކޭޝަން އަކާއެކު ނިއު ޓެކްސީ އަދި ޑައިލް ކެބުން ހިދުމަތް ދޭން ފެށިނަމަވެސް ފޯނުން ގުޅިއިގެން ޓެކްސީގެ ހިދުމަތް ހޯދާ ފަރާތްތަކަށް އެ ފުރުސަތު އަދިވެސް އޮންނާނެއެވެ. މި ދެ ސެންޓަރުގެ ހިދުމަތް މިހާރު ދެނީ އެއް ފުރާޅެއްގެ ދަށުންނެވެ. ނަމަވެސް ދެ ސެންޓަރުގެ ނަންބަރަށް ގުޅައިގެންވެސް ޓްކްސީ ލިބޭނެއެވެ

އެއައީ އެޕްލިކޭޝަން އެޕްސްޓޯރާއި ޕްލޭ ސްޓޯރުން މިހާރު ޑައުންލޯޑު ކުރެވޭނެ އެވެ.

https://sun.mv/124481

comment ކޮމެންޓް