ކަދުރު ފޮށިތަކެއްގައި ކެނެބިސް އެތެރެކުރި މީހަކު އުމުރަށް ޖަލަށް

ޕޯސްޓުން އަތުލައިގަތް ކެނެބިސް --

ކެނެބިސް ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި މީހަކު އުމުރަށް ޖަލަށްލައި، އޭނާ އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މިދިޔަ އާދީއްތަ ދުވަހު އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ އަހުމަދު އާސިފް، ލ.ގަން/މުކުރިމަގު، މުރިނގު، ގެ މައްޗަށެވެ.

އާސިފްގެ މައްޗަށް ކެނެބިސް ޓްރެފިކްކުރުމުގެ ދައުވާ އުފުލާފައި ވަނީ އޭނާ އެއާޕޯޓުގެ ކާގޯ ސަރަހައްދުން ހިފަހައްޓައި ވެލި އިރު އޭނާ ގެންގުޅުު ކަރުދާސް ފޮށިގަނޑަކުން ކެނެބިސް ފެނުނު މައްސަލައާ ގުޅިގެންނެވެ.

ދައުލަތުން އާސިފްގެ މައްޗަށް ކުރި ދައުވާގައި ބުނެފައިވަނީ އެއާޕޯޓު ކާގޯ ސަރަހައްދުން ފުލުހުން އެނާ ގެންގުޅުނު އަށް ފޮށިގަނޑެއް ބަލާ ފާސްކުރި އިރު އަށް ފޮށިގަނޑުގެ ތެރޭގައި ހުރި އޮމާނީ ޑޭޓްސް ބްރޭންޑުގެ ކަދުރު ޕެކެޓުތަކުގެ ތެރެއިން ފެނުނު 42 ރަބަރުގަނޑުގައި 14519.852 ގްރާމްގެ ކެނެބިސް ހުރިކަމަށް އެތަކެތީގެ ތަހުލީލު ރިޕޯޓުތަކުން ދައްކާފައިވާކަމަށެވެ.

މައްސަލައިގެ އިބްތިދާއީ މަރުހަލާގައި އާސިފް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. އެހެންކަމުން ދައުވާ ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ވަނީ ހެކީންގެ ގޮތުގައި ހަ ފުލުހެއްގެ ނަން ހުށަހަޅައިފައެވެ.

ޝަރީއަތުގައި ހެކިބަސް ދެމުން އެއް ފުލުހަކު ބުނެފައި ވަނީ އެ ފޮށިގަނޑުތަކުގައި އާސިފްގެ ނަން ޖަހާފައި އޮތް ކަމަށާއި، އަދި އެއީ އޭނާގެ އެއްޗެހި ކަމަށް އާސިފް ކުރިން ބުނެފައިވާ ކަމަށެވެ.

ނަމަވެސް އޭނާގެ ހާޒިރުގައި ފޮށިގަނޑުތައް ކަނޑައި އޭގެތެރެއިން މަސްތުވާތަކެތި ފެނުމުން، އެއީ އޭނާގެ ފޮށިގަނޑުތަކެއް ނޫން ކަމަށާއި، އެއީ ސްރޭސް ކިޔާ މީހަކު އޭނާއަށް ފޮނުވި އެއްޗެހިތަކެއް ކަމަށް ބުނެފައިވާ ކަމަށެވެ.

އެހެން ނަމަވެސް ސްރޭސް އަކީ ކާކުމަކެއް ނުވަތަ އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އާސިފް އަށް ސާބިތުކޮށްދެވިފައި ނުވާކަމަށް ހުކުމްގައިވެއެވެ.

މީގެ އިތުރުން އޭނާގެ ހަށިގަނޑު ބަލައިފާސްކުރި އިރު އޭނާ ލައިގެން ހުރި ޓްރެކްސޫޓުގެ ޖީބުން ކަސްޓަމްސްގެ މުދާ ކްލިއަރެންސް ޑޮކިއުމެންޓުތަކެއް ފެނިފައިވާ ކަމަށާއި، ކަސްޓަމްސް އިން މުދާ ކްލިއާކޮށް އެތަކެއްޗާ ހަވާލުވެފައި ވަނީ ވެސް އާސިފް ކަމާއި އެ ފޮށިތަކަށް ފައިސާ ދައްކާފައި ވަނީ ވެސް އޭނާކަން އެ ލިޔެކިޔުންތަކުން އެނގެން އޮންނަކަން ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

މައްސަލައާ ގުޅިގެން އާސިފް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އޭނާގެ ކުޑަކަމުދާތަކެތި ތަހުލީލުކުރި އިރު ކެނެބިސްއަށް ޕޮޒިޓިވް ވެފައިވާކަން ވެސް ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން، އާސިފް ދައުވާއަށް އިންކާރު ކުރި ނަމަވެސް، ދެ ފަރާތުން ޝަރީއަތުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައިގައި ހުށަހަޅާފައިވާ ހެކިތަކަށް ރިއާޔަތްކުރާއިރު، އާސިފްގެ މައްޗަށް ދައުލަތުން ކުޅަ ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާ އެއްވެސް ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާކަމަށް ހުކުމުގައިވެއެވެ.

އަދި އެ ކުށުގެ އުގޫބާތެއްގެ ގޮތުން އާސިފް އުމުރަށް ޖަލަށް ލުމާއެކު، އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، ޖޫރިމަނާ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކާ ހަލާސްކުރުމަށް އޭނާގެ މައްޗަށް ވަނީ ހުކުމް ކޮށްފައެވެ.

comment ކޮމެންޓް