ކަނޑައެޅި އަދަދަށްވުރެއް ގިނައިން އާސަންދައާއި ސަބްސިޑީއަށް ހަރަދުކޮށްފި

އޮކްޓޯބަރ 1، 2019: މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިދިޔަ އަހަރު ނިމުނު އިރު އާސަންދަ އަދި ސަބްސިޑީ އަށް ކަނޑައަޅާފައިވާ ބަޖެޓަށްވުރެ ކުރި ހޭދަ އިތުރުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު އާސަންދަ އަށް ކަނޑައަޅާފައިވަނީ އެއް ބިލިއަން ރުފިޔާއެވެ. ނަމަވެސް އަހަރު ނިމުނު އިރު އާސަންދަ އަށް 1.2 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ތަފާސް ހިސާބުތައް ދައްކައެވެ.

މި ތަފާސްހިސާބުތަކަށް ބަލާއިރު، ސަބްސިޑީ އަށް ކަނޑައަޅާފައިވާ 1،262.7 މިލިއަން ރުފިޔާ އަށްވުރެ އިތުރަށް ވަނީ ހަރަދުކޮށްފައެވެ. އެގޮތުން ސަބްސިޑީގެ ގޮތުގައި ސަރުކާރުން މިދިޔަ އަހަރުގެ ނިޔަލަށް 1،281.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

ދަތުރުތަކަށް މިދިޔަ އަހަރު 142.1 މިލިއަން ކަނޑައަޅާފައި ވީނަމަވެސް ދަތުރުތަކަށް އަހަރު ނިމުނު އިރު 223.8 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

މުވައްޒަފުންގެ މުސާރައަށް މިދިޔަ އަހަރު ކަނޑައަޅާފައިވަނީ 4353.5 މިލިއަން ރުފިޔާ ނަމަވެސް އަހަރު ނިމުނު އިރު މުވައްޒަފުންގެ މުސާރައަށް 4641.2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

ފިނޭންސްގެ ތަފާސް ހިސާބުތަކަށް ބަލާއިރު ޓެކްސް އާމްދަނީގެ ގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް 16.56 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރި ނަމަވެސް ޓެކްސް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 16.4 ބިލިއަން ރުފިޔާ އެވެ. މުދަލާއި ހިދުމަތުގެ އަގުން ނެގޭ ޓެކުހުގެ ގޮތުގައި 8038.4 މިލިއަން ރުފިޔާ މިދިޔަ އަހަރު ލިބޭނެ ކަމަށްލަފާކުރި ނަމަވެސް ޖީއެސްޓީ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 7،731 މިލިއަން ރުފިޔާ ކަމަށް ފިނޭންސް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކައެވެ.

comment ކޮމެންޓް