މިިދޔަ އަހަރު އެންމެ ބޮޑު ކުރިއެރުމެއް އިންޑިއާ މާކެޓުން

ރާއްޖެ އައި ޓޫރިސްޓުންތަކެއް އެއާޕޯޓްގައި -- ސަން ފޮޓޯ

ރާއްޖެއައި ފަތުރުވެރިން މިދިޔަ އަހަރު އެންމެ ބޮޑަށް އިތުރުވެ، އެންމެ ބޮޑު ކުރިއެރުމެއް ހޯދިފައި ވަނީ އިންޑިއާ މާކެޓުން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އިމިގްރޭޝަނާއި ޓޫރިސްޓް ފެސިލިޓީތަކުގެ ތަފާސް ހިސާބުތަކުގެ މައްޗަށް ބިނާކޮށް ޓޫރިޒަމް މިނިސްޓްރީ އިން މިއަދު ބުނީ މިދިޔަ އަހަރު އިންޑިއާ އިން 166،015 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށެވެ. މިއީ 2018 ވަނަ އަހަރާ އަޅާ ބަލާއިރު 83.5 ޕަސެންޓުގެ ކުރިއެރުމެކެވެ.

އިންޑިއާ އަކީ މިދިޔަ އަހަރު ދެވަނަ އަށްް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި ގައުމަށް ވަނީ ވެފަ އެވެ. މީގެ ކުރިން އިންޑިއާ މާކެޓަކީ ފަސް ވަނައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމެވެ.

މިދިޔަ އަހަރު ރާއްޖެ އައި ފަތުރުވެރިންގެ 9.7 ޕަސެންޓު ހިއްސާ ކުރަނީ އިންޑިއާ މާކެޓެވެ.

ރާއްޖެ އާއި އިންޑިއާ އާއި ދެމެދު އޮންނަ ހާރިޖީ ގުޅުން ވަރުގަދަވެ، އިންޑިއާ އިން ރާއްޖެ އަންނަ ފަތުރުވެރިން އިތުުރުވެފައިވާއިރު އިންޑިއާގެ ގޯ އެއާ އިން ވަނީ ފަތުރުވެރިކަމުގެ ސީޒަނާ ދިމާކޮށް ރާއްޖެ އަށް ދަތުރު ފަށައިފަ އެވެ. މީގެ އިތުރުން އިންޑިގޯ، އެއާ އިންޑިއާ އަދި ސްޕައިސް ޖެޓްގެ އިތުރުން މޯލްޑިވިއަން އަކީވެސް އިންޑިއާގެ ފަތުރުވެރިން ރާއްޖެ އުފުލާ އެއާލައިންތަކެވެ.

މިދިޔަ އަހަރު އެއް ގައުމަކުން އެންމެ ގިނައިން ރާއްޖެއަށް ޓޫރިސްޓުން އައީ، ޗައިނާއިންނެވެ. އެއީ ރާއްޖެ ޒިޔާރަތް ކުރި، ފަތުރުވެރިންގެ 16.7 ޕަސެންޓެވެ. ތިންވަނަ އަށް އެންމެ ގިނައިން އައިސްފައިވަނީ އިޓަލީ ފަތުރުވެރިންނެވެ. އެއީ ޖުމްލަ ފަތުރުވެރިންގެ އަށް ޕަސެންޓެވެ. ހަތަރުވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައި ޖަރުމަނުުން އައިސްފައިވަނީ ޖުމްލަ ފަތުރުވެރިންގެ 7.7 މީހުންނެވެ. އިނގިރޭސިވިލާތުން އައި ފަތުރުވެރިންގެ އަދަދު ޖުމްލަ ފަތުރުވެރިންގެ 7.4 ޕަސެންޓް ހިއްސާ ކުރެއެވެ.

ވަކިވަކި ބައްރުތަކުން ރާއްޖެއަށް ފަތުރުވެރިން އައި ގޮތުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޔޫރަޕުންނެވެ. އެއީ ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 49 ޕަސެންޓެވެ. ދެން އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ އޭޝިއާ ސަރަހައްދުންނެވެ. އެއީ ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 41 ޕަަސެންޓެވެ. ދެން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ އެމެރިކާ ސަރަހައްދުންނެވެ. އެ ފަތުރުވެރިންނަކީ ޖުމްލަ ފަތުރުވެރިންގެ ފަސް ޕަސެންޓު ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުންޏެވެ.

މިދިޔަ އަހަރުގެ ފަތުރުވެރިކަމުގެ ޓާގެޓުގެ ގޮތުގައި ކަނޑައެޅީ 1.5 މިލިއަނެވެ. ނަމަވެސް މި ޓާގެޓު އަހަރު ނިމުމުގެ 38 ދުވަސް ކުރިން ހާސިލްކޮށްފައިވާ އިރު ޑިސެމްބަރު މަސް ދެބައިވި އިރު 1.6 މިލިއަން ފަތުރުވެރިން ވަނީ ހަމަވެފަ އެވެ.

އެކެއް ޕޮއިންޓް ހަތެއް މިލިއަން ވަނަ ފަތުރުވެރިޔާ 31 ޑިސެމްބަރު ވަނަ ދުވަހު ރާއްޖެ އައިސްފައިވާ އިރު ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކާ އެއްކޮށް ސްޓްރެޓެޖިކް އެކްޝަން ޕްލޭނަށް އަމަލު ކުރަން ފަށައި މިއަަހަރަކީ 2019 ވަނަ އަހަރަށް ވުރެ ފަތުރުވެރިކަމުގެ ދާއިރާގައި ކާމިޔާބު އަހަރަކަށް ވާނެ ކަމަށެވެ.

"އަޅުގަނޑުމެން ހަގީގަތުގައި މިތިބީ 2020 އާއި 2021 އާ ދޭތެރޭ ނުވަތަ 2021 ނިމޭއިރު ދެ މިލިއަން ފަތުރުވެރިން ގެންނަން ޓާގެޓު ކޮށްގެން. ހަގީގަތުގައި މި އަހަރު އަޅުގަނޑުމެންނަށް އެއްވެސް ޕްރެޝަރެއް ނެތް." މިނިސްޓަރު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން ބުނި ގޮތުގައި މިދިޔަ ޑިސެމްބަރު މަހު އެކަނި، 171،292 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރި އެވެ. މިއާއެކު މިދިޔަ އަހަރު ނިމުނު އިރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.7 މިލިއަން މީހުންނަށް އަށް އަރާކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ބުންޏެވެ.

އެ މިނިސްޓްރީ އިން ބުނީ މިއީ 2018 ވަނަ އަހަރާ އަޅާބަލާ އިރު 14.7 ޕަސެންޓުގެ ކުރިއެރުމެއް ކަމަށެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް މިހާގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރި އަހަރެވެ.

comment ކޮމެންޓް