ސޮއި ފޯޖްކުރި މައްސަލައަކާ ގުޅިގެން އިސް މެޖިސްޓްރޭޓަކު ސަސްޕެންޑުކޮށްފި

ޖޭއެސްސީގެ މެމްބަރުން --- ފޮޓޯ/ ޖޭއެސްސީ

ދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގް މުހައްމަދުގެ ސުލޫކީ މައްސަލައެއް ބެލުމަށް، އޭނާ ފަނޑިޔާރުކަމުގެ މަސައްކަތުން ސަސްޕެންޑްކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގް މުހައްމަދުގެ ސުލޫކީ މައްސަލައެއް ބަލަން ނިންމާފައި ވަނީ ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން ބަލަމުންދާ މައްސަލައެއްގެ ޝަރީއަތަށް އޭނާ ހުށަހަޅާފައިވާ އެއްބަސްވުމެއްގައިވާ ސޮޔަކީ ފޯޖުކޮށްފައިވާ ސޮއިއެއް ކަމަށް ތުހުމަތުވާ މައްސަލައެއް ފުލުހުން ބަލަމުން ދާތީ ކަމަށެވެ.

އެ މައްސަލަ ތަހުގީގު ކުރަމުންދާކަން އަންގައި މޯލްޑިވްސް ޕޮލިސް ސާވިސް އިން ވަނީ ޖޭއެސްސީއަށް ސިޓީއެއް ފޮނުވައިފައެވެ.

އެހެންކަމުން އޭނާގެ ސުލޫކީ މައްސަލަ ބެލުމަށާއި، ޖޭއެސްސީގެ ގާނޫނުގެ ދަށުން ދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ފަނޑިޔާރުކަމުގެ މަސައްކަތުން މިއަދުން ފެށިގެން ވަގުތީގޮތުން ދުރުކުރަން ކޮމިޝަނުން ވަނީ ނިންމައިފައެވެ.

comment ކޮމެންޓް