އެންމެފަހުން "ނިއު މިއުޓެންޓް"ގެ ޓްރެއިލާ އާންމުކޮށްފި

ނިއު މިއުޓަންޓްސްގެ ޓްރެއިލަރުން މަންޒަރެއް ---

ފިލްމަށް ހަދާނެ ގޮތެއް ނޭނގި އެތައް އަހަރުތަކެއް ވޯލްޓުގައި ބާއްވާފައިވާ އެކްސް މެންގެ ސްޕިން އޮފް ފިލްމު "ދަ ނިއު މިއުޓެންޓްސް" ނެރެން ތައްޔާރުކޮށް އެންމެ ފަހުން ޓްރެއިލާ އާންމުކޮށްފި އެވެ.

ޓްވެންޓިއެތު ސެންޗުރީ ފޮކްސް ޕްރޮޑަކްޝަންގެ ދަށުން ނެރުމަށް ތައްޔާރުވެފައިވާ ބިރުވެރި ސުޕަހީރޯ ފިލްމަކޫ 2017 ވަނަ އަހަރުގައި ޝޫޓުކޮށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ. އެހެންނަމަވެސް ޑިޒްނީ އާއި ފޮކްސްގެ ދެމެދުގެ މުއާމަލާތްތަކާއި ޑިޒްނީއިން އެކުންފުނި ގަތުމާ ގުޅިގެން، ނިއު މިއުޓަންޓްސްއަށް ހަދާނެ ގޮތެއް ނެތިގެން އޮތީ "ބޮޑު ފޮށްޓަށް"ލައި ތަޅު އަޅުވައިފަ އެވެ.

މާވެލް ސިނެމޭޓިކް ޔުނިވާސްގެ ތެރޭގައި އެކްސްމެންގެ ޔުނިވާސް ހިމެނުނަސް މީގެކުރީން އެކްސްމެން އޮތީ ފޮކްސްގެ ދަށުގަ އެވެ. އެހެންނަމަވެސް މާވެލްގެ އެހެން ޕްރޮޑަކްޓްތައް އޮތީ ޑިޒްނީ އަތުގައެވެ. ހުރިހާ އުފެއްދުންތަކެއް އެއް ކުންފުންޏެއްގެ ދަށަށް ގެނައުމުން މިހާރު ތައްޔާރުވަމުން ދަނީ އަންނަ އޭޕްރިލް މަހުގައި ނިއު މިއުޓަންޓް ދައްކަން ފަށާށެވެ.

އެ ފިލްމު އެންމެ ފުރަތަމަ ދެއްކުމަށް ނިންމީ 2018 ވަނަ އަހަރުގަ އެވެ. ނަމަވެސް އެކަން ކާމިޔާބުވާގޮތެއް ނުވި އެވެ.

ޑިޒްނީއިން ވަނީ އެ ފިލްމުގެ މުޅީން އާ ޓްރެއިލަރެއް ދާދި ފަހުން އާންމުކޮށްފަ އެވެ. އެގޮތުން އެ ޓްރެއިލަރުން ފެންނަ ގޮތުގައި އެކްސްމެންގެ ޔުނިވާސްއަށް އާ ކެރެކްޓަރުންތަކެއް ތައާރަފުކުރާނެއެވެ. އަދި އެ ފިލްމަކީ ބެލުންތެރިން ބިރުގަންނަވާލާނެ ފިލްމެއް ކަމުގެ ޔަގީންކަން ވަނީ ޓްރެއިލަރުން ފެނިގެންގޮސްފަ އެވެ.

ނިއު މިއުޓަންޓް ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ މެއިސީ ވިލިއަމްސް އާއި ޗާލީ ހީޓަން އާއި އާންޔާ ޓޭލާ ޖޯއި އަދި ހެންރީ ޒާގާ އެވެ.

comment ކޮމެންޓް