އިންޑިއާގެ ޖަވާހަރުލާލް ނެހުރޫ ޔުނިވާސިޓީއަށް ބަޔަކު ވަދެ، ހަމަނުޖެހުން ހިންގައިފި

ޖޭއެންޔޫއަށް ބަޔަކު ވަދެ ދިން ހަމަލާތަކަށް ފަހު ފުލުހުން ޔުނިވާސިޓީގައި ހަރަކާތްތެރި ވަނީ -- ފޮޓޯ: އޭއެފްޕީ

ދިއްލީ (ޖެނުއަރީ 6): އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ހުންނަ ޖަވާހަރުލާލް ނެހުރޫ ޔުނިވާސިޓީ (ޖޭއެންޔޫ)އަށް ބަޔަކު ވަދެ، ޓީޗަރުންނާއި ދަރިވަރުންނަށް ހަމަލާ ދީފި އެވެ.

މަންޒަރު ދުށް ފަރާތްތަކުން ބުނި ގޮތުގައި އިއްޔެ އެ ހަމަނުޖެހުންތައް ހިނގީ ޖޭއެންޔޫގެ ހޮސްޓެލް ފީ އަގުބޮޑު ކުރުމާ ބެހޭ ގޮތުން އެ ޔުނިވާސިޓީގެ ޓީޗާސް އެސޯސިއޭޝަނުން ބައްދަލުވުމެއް ބާއްވަމުން ދަނިކޮށެވެ.

ޖޭއެންޔޫގެ ވާތު ފިޔައިގެ ގުރޫޕުތަކުން އިސްކޮށް ތިބޭ ސްޓޫޑެންޓްސް ޔޫނިއަންއިން ބުނި ގޮތުގައި އެ ހަމަލާތައް ދިނީ ކަނާތު ފިޔައިގެ ދަރިވަރުންގެ ގުރޫޕު އަދި ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީއާ ގުޅުން ހުރި އޭބީވީޕީންނެވެ. ނަމަވެސް އޭބީވީޕީން ވަނީ ހަމަލާތަކުގެ ފަހަތުގައި ވަނީ ސްޓޫޑެންޓްސް ޔޫނިއަންގެ މެމްބަރުން ކަމަށް ތުހުމަތުކޮށްފަ އެވެ.

ޖޭއެންޔޫގެ ޕްރޮފެސަރު އަތުލް ސޫދު ވިދާޅުވި ގޮތުގައި މޫނު ފޮރުވައިގެން ތިބި ބަޔަކު ކެމްޕަސް ތެރެއަށް ވަތް އިރު އެތަނުގައި ބާއްވަމުން ދިޔަ ބައްދަލުވުމުގައި 50 ޓީޗަރުންނާއި ގާތްގަނޑަކަށް 200 ދަރިވަރުން ތިއްބެވެ. އަދި އެމީހުން ހަމަލާ ދިނީ ގަލާއި ދަނޑިބުރިންނެވެ.

އިއްޔެ ދިން ހަމަލާތަކުގައި ޖޭއެންޔޫގެ ސްޓޫޑެންޓް ޔޫނިއަންގެ ރައީސް އައިޝާ ގޯޝްއަށް އަނިޔާވެފައި -- ފޮޓޯ: އެންޑީޓީވީ

އެ ހަމަނުޖެހުންތަކުގައި 19 ދަރިވަރުންނާއި ފަސް ޓީޗަރުންނަށް އަނިޔާވި ކަމަށް އެންޑީޓީން ރިޕޯޓު ކުރި އެވެ. އަދި އެހަމަލާތަކަށް ފަހު ބައެއް ދަރިވަރުން ވަނީ ނުރުހުން ފާޅު ކުރުމުގެ ގޮތުން ދިއްލީ ފުލުހުންގެ މައި އޮފީސް ކުރިމަތީގައި މުޒާހަރާކޮށްފަ އެވެ.

އެ ހަމަލާތަކުގައި އަނިޔާވި މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ އިރު ޖޭއެންޔޫގެ ސަލާމަތީ ހާލަތު ވަނީ ވަރުގަދަކޮށްފަ އެވެ. އަދި ފުލުހުން ވަނީ ހަމަލާ ތަހުގީގު ކުރަން ފަށާފަ އެވެ.

ޖޭއެންޔޫގެ ހޮސްޓެލް ފީ އަގުބޮޑު ކުރުމުން މިދިޔަ ނޮވެމްބަރު މަހު ކުރިއަށްގެންދިޔަ ވަރުގަދަ މުޒާހަރާތަކުގައި ފުލުހުންނާއި ދަރިވަރުންނާ ދެމެދު ހަމަނުޖެހުންތައް ހިނގާފައިވެ އެވެ. އެ ޔުނިވާސިޓީން އޭރު ނިންމީ ހޮސްޓެލް ފީ 1800 ރުޕީސް (25 ޑޮލަރު) އާއި 3600 ރުޕީސް (50 ޑޮލަރު)އާ ދެމެދުގެ އަދަދަކަށް އިތުރު ކުރާށެވެ. މީގެ ކުރިން ހޮސްޓެލް ފީ އަކީ 120 ރުޕީސް (1.6 ޑޮލަރު) އާއި 240 ރުޕީސް (ތިން ޑޮލަރު)އާ ދެމެދުގެ އަދަދެކެވެ. އަދި އެނިންމުމާ ދެކޮޅަށް ކުރި މުޒާހަރާތަކުގެ ސަބަބުން ޖޭއެންޔޫން ވަނީ އެ ނިންމުން މުރާޖައާ ކުރާނެ ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން މިދިޔަ މަހު އިންޑިއާގެ ޕާލިމެންޓުން ފާސްކުރި ރަށްވެހިކަމުގެ ގާނޫނާ ދެކޮޅަށް އެގައުމުގައި ކުރިއަށްދާ މުޒާހަރާތަކުގައިވެސް އެ ޔުނިވާސިޓީގެ ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވެ އެވެ.

އެ ގާނޫނުގައި ވަނީ ބަންގުލަދޭޝް، ޕާކިސްތާނު އަދި އަފްޣާނިސްތާނުން އިންޑިއާއަށް ގަވާއިދާ ހިލާފަށްދާ މުސްލިމު ނޫން މީހުންނަށް ރަށްވެހިކަން ދެވޭނެ ގޮތް ހަދާފަ އެވެ. އަދި އެ ގާނޫނާ ދެކޮޅު މީހުން ވަނީ އެއީ މުސްލިމުންނާ މެދު ތަފާތު ކުރާ ގާނޫނެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް