ލަންކާއިން 12 ދިވެހިން ހިފެހެއްޓި، ހަތް މީހުން އަދިވެސް ހައްޔަރުގައި

ލަންކާ މަގުމަތީގައި ފުލުހުން ހަރަކާތްތެއި ވަނީ -- ފޮޓޯ/ އޭޕީ

އިއްޔެ ލަންކާ އިން 12 ދިވެހިން ހިފެހެއްޓި ކަމަށާއި އޭގެ ތެރެއިން ފަސް މީހަކު ރޭ ދޫކޮށްލާފައިވާ ކަމަށާއި ބާކީ ތިބި މީހުން ހައްޔަރަށް ގެންގޮސްފައިވާ ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެފި އެވެ.

ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ އަވައްޓެރި ސްރީކަންކާ އިން ދިވެހިންތަކެއް ހައްޔަރުކުރީ، ވިސާގެ މުއްދަތު ހަމަވެ އޯވަ ސްޓޭވުމާއި، ޕާސްޕޯޓްގެ މުއްދަތު ހަމަވެފައި އޮތުން ފަދަ އިމިގުރޭޝަންގެ ގަވާއިދުތަކާ އުސޫލުތަކާ ހިލާފުވުމުގެ މައްސަލަތަކުގަ އެވެ.

ހައްޔަރު ކުރި މީހުންނަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީ އިން ދަނީ ކޮންސިއުލާ އެހީ ފޯރުކޮށްދެމުން ކަމަށް ވެސް ފޮރިން މިނިސްޓްރީއިން ބުންޏެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށްފަހު ރޭ ދޫކޮށްލި މީހުންގެ ތެރޭގައި ހިމެނެނީ ތިން ކުޑަކުދިންނާއި އެކުދިންގެ މަންމަގެ އިތުރުން އިތުރު އެހެން ދިވެއްސެކެވެ.

ހައްޔަރުކުރި ދިވެހިންގެ ތެރެއިން ފަސް މީހަކު އެ މީހުންގެ ބަންދުގެ މުއްދަތާ މެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރު ކުރާނެ ކަމަށް ފޮރިން މިނިސްޓްރީއިން ބުންޏެވެ. މިނިސްޓްރީއިން ބުނި ގޮތުގައި، އެމީހުން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅައި، ދައްކަން ޖެހޭ ޖޫރިމަނާއެއް ވާނަމަ އެ ޖޫރިމަނާ ދެއްކުމުން އެމީހުންވެސް ދޫކޮށްލާނެ ކަމަށް ބެލެވެ އެވެ.

މީގެ އިތުރުން ވިސާގެ މުއްދަތު ހަމަވުމުންވެސް ވިސާ އާ ނުކޮށް ލަންކާގައި ތިބި އެހެން ދެ ދިވެއްސަކުވެސް މިއަދު ކޯޓަށް ހާޒިރު ކުރާނެ ކަމަށް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.

އެނގިފައިވާ ގޮތުގައި ހައްޔަރުގައި ހުރި އެއް ދިވެއްސަކު ޕާސްޕޯޓްގެ މުއްދަތު ހަމަވެ އަދި، ވިސާ ވެސް އ ާނުކޮށް ލަންކާގައި އުޅެމުން އަންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސްވަނީ ވެފަ އެވެ.

ރާއްޖެއިން ބޭރުގައި އުޅޭއިރު އަބަދުވެސް އަތުގައި ޕާސްޕޯޓު ބޭއްވުމަށް ފޮރިން މިނިސްޓްރީ އިން އިލްތިމާސް ކުރެ އެވެ. އަދި ޕާސްޕޯޓު އިމިގްރޭޝަން ނުވަތަ އެމްބަސީގައި ވާނަމަ އެ އިދާރާތަކުން ދޫކޮށްފައިވާ ރިސިޓްކޮޅު ނުވަތަ ކާކުކަން އަންގައިދޭ ލިޔުމެއް އަބަދުވެސް އަތުގައި ބޭއްވުމަށް ވެސް ފޮރިން މިނިސްޓްރީ އިން އިލްތިމާސް ކުރެ އެވެ. މީގެ އިތުރުން، ނަގަން ޖެހޭ ވިސާ ނެގުމާއި ވިސާ ގަވާއިދުން އާ ކުރަމުން ގެންދިޔުމަށް ވެސް ފޮރިން މިނިސްޓްރީއިން ވަނީ ހަނދާންކޮށްދީފަ އެވެ.

comment ކޮމެންޓް