ކުޑަކަމުދާތަކެތި ދޭން އިންކާރު ކުރިކަމުގެ ދައުވާ މަލްގެ މައްޗަށް އުފުލައިފި

ފިލްމީ ތަރި މަލް --

ކުޑަކަމުދާތަކެތި ދޭން އިންކާރު ކުރި ކަމުގެ ދައުވާ ފިލްމީތަރި މަލީހާ ވަހީދު (މަލް)ގެ މައްޗަށް އުފުލައިފި އެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ހުޅުމާލޭ ގެސްޓްހައުސް އަކުން މަލް އާއި އިތުރު 11 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެމީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ގެސްޓްހައުސްއެއްގައި ބަނގުރާ ބޭނުންކޮށް، ޕާޓީކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަމަށް ފުލުހުން އޭރު ބުންޏެވެ.

ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ މިދިޔަ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ހުޅުމާލޭ ގެސްޓްހައުސް އެއްގައި ބަނގުރާ ބޯންތިބި ކަމަށް ތުހުމަތު ކުރެވުނު މައްސަލާގައި އަންހެނެއްގެ މައްޗަށް ކުޑަކަމުދާ އެއްޗެހި ދިނުމަށް އިންކާރު ކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ކަމަށެވެ.

އަދި ހަ ފިރިހެނެއްގެ މައްޗަށް ކެނެބިސް ބޭނުންކުރުމުގެ ދައުވާ ވެސް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ ކަމަށާއި އެ މައްސަލާގައި އިތުރު ފިރިހެނެއްގެ މައްޗަށް ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ ޑްރަގް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ވެސް ޕީޖީ އިން ބުންޏެވެ.

މިދިޔަ އޮގަސްޓުމަހު އދ. މާމިގިލިން މަސްތުވާތަކެއްޗާއެކު ވެސް މަލް ވަނީ ހައްޔަރު ކޮށްފަ އެވެ. އެ މައްސަލާގައި އޭނާގެ މައްޗަށް ވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އުފުލައި، ކްރިމިނަލް ކޯޓުގައި ޝަރީއަތްވެސް ފަށާފަ އެވެ.

މަސްތުވާތަކެއްޗާއި ބެހޭ ގާނޫނު ބުނާ ގޮތުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ސާބިތުވެއްޖެނަމަ އުމުރު ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އަންނާނެ އެވެ. އަދި 100،000ރ. އާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ކެނެބިސް ބޭނުންކުރުމުގެ ދައުވާ ސާބިތުވެއްޖެނަމަ ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއްވެސް އަންނާނެ އެވެ.

comment ކޮމެންޓް