ފިހާރައަށް ގޮސް ގިނައިރު ވަނީ ކޮންބައެއް؟

ސެޕްޓެމްބަރ 9 2016: އީދު ހެދެންގަތުމަށް މީހުން ހަރަކާތް ތެރިވަނީ---ސަން ފޮޓޯ: މުހައްމަދު އަފްރާހް

ފިހާރައަށް ދިއުމަކީ ޔަގީނުންވެސް އެއްބަޔަކު ވަރަށް ކުރާހިތްވާ ކަމެކެވެ. އަނެއްބަޔަކީ ކޮންމެހެން މާބޮޑަށް ފިހާރައަށް ދާހިތުން ދާބަޔަކަށް ނުވިޔަސް، ފިހާރައަކަށް ވަދެއްޖެ ނަމަ، ގަޑިދާ ނުދާގޮތެއް ނޭނގެ އެވެ. އެއީ އަދި ކަމާކަންފަށާ ފިހާރައަށް ދާ ދިއުމެއް ނަމަވެސް، ނުވަތަ އުނދުންމައްޗަށް ފިޔާމީރުކުރަން އަރުވާ ކާށިކިރު ޕެކެޓެއް ގަންނަން ފޮނުވިޔަސް ބައެއް މީހުންގެ ފަދަ އެވެ. ގިިނައިރު ވާ މީހުން ހަމަ ގިނައިރު ވަނީ ކަންނޭނގެ އެވެ.

މިކަމުގައި އަންހެނެއް ފިރިހެނެއް ތަފާތެއް ނެތް!

ފިހާރައިގައި ގިނައިރު ވާކަމަށް އަބަދުވެސް ނަންވާނީ އަންހެނުންނެވެ. އެހެންނަމަވެސް ވަކި ފިރިހެނުންނަކީ ގިނައިރު ނުވާބައެކޭވެސް މުޅިއަކުން ނުބުނެވޭނެ އެވެ.

އާންމުންނަށް ސުވާލާއި ޖަވާބުދިނުމަށް ހުޅުވާލެވިފައިވާ އެމެރިކަން ވެބްސައިޓެއްކަމުގައިވާ ކުއޯރާ.ކޮމް ގައިވެސް ޝޮޕިންއަށް ދިއުމާއި، ޝޮޕިންގައި ގިނައިރުވުމާޢި ބެހޭގޮތުން އެތަށް ސުވާލެއްކޮށް، އެއްބަޔަކު އަނެއްބަޔަކަށް ބޮޑެތި ރައްދުތައް ދީފައިވާއިރު، ފިހާރައިގައި ގިނައިރުވަނީ އަންހެނުންތޯ ފިރިހެނުންތޯ މި ބަހުސްއަށް އެދެވޭ ޖަވާބެއް ލިބިފައެއް ނުވެއެވެ.

މިގޮތުން އަންހެނުން ފިހާރައިގައި އެހާގިނައިރުވަނީ ކީއްވެތޯ މީހަކު ކޮށްފައި އޮތް ސުވާލަކަށް ޖަވާބުދެމުން ސައުދީ އަރަބިއްޔާގައި ދިރިއުޅޭ ޒުވާނެއް ކަމުގައިވާ ސަނާ ޚާން ބުނެފައިވަނީ، އެއީ އަންހެނުންނަށް އެޕިއަރެންސް މުހިންމުވެ، ގަންނަ ހެދުމާއި މެދު ވިސްނާލެއް ބޮޑުވުމާއި، ޚަރަދު ކުޑަކުރަން ވިސްނާތީ ކަމަށެވެ. އެހެންކަމުން ހުރިހާ ކަމަކަށް ފިޓުވާ އެކަތި ހޯދަން ގިނައިރުވަނީކަމަށް ސަނާ ބުނެފައިވެއެވެ.

އަދި ކްރިސްޓީން ބައިރަންޓް ނަމަކަށް ކިޔާ އިންޖިނައަރަކު ޖަވާބު ދީފައިވަނީ އަންހެނުން ޝޮޕިންގައި ގިނައިރުވާއިރު، ފިރިހެނުން ފުޓުބޯޅައާއި ގޮލްފްއާއި މަހަށް ދިއުން ފަދަ ކަންކަމުގައި ގިނައިރު ވަނީ ކީއްވެތޯ ސުވާލުކޮށްފައެވެ. އޭނާ ބުނާގޮތުން ގިނަ އަންހެނުންނަކީ ޝޮޕިން ދެކެ ލޯބިވާ، އަދި ނިކަން ގަޔާވެގެން އެކަން ކުރާ ބައެކެވެ. އެހެންކަމުން ގިނަ ވަގުތު ހޭދަކުރެވެނީ އެވެ.

ބޭނުންވާ އެންމެ ރަނގަޅު އެތި ހޯދަން ވަގުތު ނަގާނެ!

ފެންނަ ފެނުމަށް އަދި ކިތަންމެ ރަނގަޅުހެން ހީވިއަސް، އަސްލު އެ އެއްޗެއްގެ ކޮލިޓީއާއި ހުރި މޮޅުކަމެއް އެނގޭނީ ތަންކޮޅެއް ކައިރިން ބަލާލާ، އެފަދަ އެހެން ދެތިން އެއްޗެއްގެ އަގާއި ކޮލިޓީއާއި އަޅާކިޔާލުމުން ތާއެވެ.

އެހެންކަމުން ފެންނައިރަށް އަވަސްއަވަސްކޮށްލައިގެންގޮސް އެ އެއްޗެއް ގަތުމަކީ ގިނަ ފަހަރުތަކުގައި އެންމެ ބުއްދިވެރި ގޮތެއް ނޫންކަމަށް ވެދާނެ އެވެ. ފިހާރައަށް ދިއުމަކީވެސް ނިކަން ކެތްތެރި މީހުންނަށް ވާނެ ކަމެކެވެ. ކުޑަކޮށް ހަމަޖެހިލާށެވެ. ބާޒާރުމަތީގެ ވާދަވެރިކަން ބޮޑުވެ އެކިއަގުތަކުގައި އެކައްޗެއް ހުންނަ މި ޒަމާނުގައި ދެތިން ތަނެއް ބަލާލުމަކުން މައްސަލައެއް ނެތްތާއެވެ. ބޭނުމީ އަގުހެޔޮ އެހެނަސް އެންމެ މޮޅު ގޮތްތާއެވެ.

އެކަމަކުވެސް ވަގުތާ ހާލަތަށް ބަލައި މިކަމުގައި ކޮންމެވެސް ވަރެއްގެ މިންގަނޑެއް ނުވަތަ ލިމިޓެއް ގެންގުޅުމަކީވެސް ނެތްކަމެއް ނޫނެވެ. ކަންމަތީ ފިހާރައަށް ލޮނުކޮޅެއް ބަލާ ފޮނުވާއިރު، ވިހި ތިރީސް މިނިޓު ވުމުން ބަދިގޭގައި އަވަދިނެތި އުޅޭ އަންހެންވެރިންގެ ކެތްތެރިކަންވެސް ކޮޅުންލާނެ ތާއެވެ. އަނެއްކޮޅުން ފޮތިގަނޑެއް ގަންނަންގޮސް މާލޭގެ ހުރިހާ ފޮތި ފިހާރައެއް ހުސްވާއިރުވެސް ފޮތިގަނޑެއް ނުލިިބި ދުއްވަން އިންނަ މީހާވެސް ކޮންމެވެސް ހިސާބަކުން ފޫހިވާނެކަންވެސް ދަންނަންވާނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު