ވީއައިއޭ އަށް ބާރުބޮޑުވެ، ފުރުމުގެ ތިން ގަޑިއިރު ކުރިން ދިޔުމަށް އެދިއްޖެ

އެއާޕޯޓްގައި ޓޫރިސްޓުންތަކެއް --

މިދުވަސްވަރަކީ އެއާޕޯޓަށް ބާރުބޮޑު ދުވަސްވަރަކަށް ވާތީ ފުރުމުގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިޔުމަށް އެދިއްޖެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން މިއަދު ބުނީ މި ދުވަސްވަރަކީ އެއާޕޯޓު ޑިޕާޗާ އަށް ބާރުބޮޑު ދުވަސްވަރެއް ކަމަށެވެ.

އެހެން ކަމުން ވީއައިއޭ އިން ދަތުރުކުރާ ފަސިންޖަރުންނަށް ފަސޭހަ އަކަށް، ފަސިންޖަރުން ފުރަން ހަމަޖެހިފައިވާ ވަގުތުގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިޔުމަށް އިލްތިމާސް ކުރާކަމަށް އެމްއޭސީއެލްއިން ބުންޏެވެ.

ޓޫރިޒަމް ސީޒަނާއި ބޮޑު ޗުއްޓީ އާއި ދިމާކޮށް ވީއައިއޭ އަށް ބާރުބޮޑުވެފައިވާއިރު މިދިޔަ މަހު އެމްއޭސީއެލް އިން ވަނީ ރަންވޭ މޫމަންޓް ރިކޯޑު އާކޮށްފައެވެ.

އެގޮތުން ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހު 239 ރަންވޭ މޫމަންޓްސް ރިކޯޑު ކުރެވިފައިވާކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

އެއާޕޯޓު ތަރައްގީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ތެރޭގައި ހިމެނޭ އާ ފަސެންޖާ ޓާމިނަލްގެ މަސައްކަތް ނިމުމާއެކު އެއާޕޯޓު ޓާމިނަލްތައް ތޮއްޖެހުމުގެ މައްސަލައަށް ހައްލު ލިބޭނެއެވެ. އާ ޓާމިނަލް ތަރައްގީކުރަނީ އަހަރަކު ތިން މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށެވެ.

އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އާ ރަންވޭ އެއްވެސް ގާއިމްކޮށްފައިވާއިރު ރަންވޭ އަށް ބޭނުންވާ ކްލިއަރެންސް ސްޕޭސް އަދި ނުލިބޭތީ ރަންވޭ ބޭނުންކުރާކަށް ނުފަށައެވެ. ރަންވޭ އަށް ކްލިއަރެންސް ލިބެން އަންނަނީ އެ ސަރަހައްދުގައި ހުރި ސީޕްލޭން ޓާމިނަލް ހުންނަ ބިން ހުސްކޮށްގެންނެވެ. އާ ސީޕްލޭން ޓާމިނަލް ބޭނުން ކުރަން ފެށުމުން އެކަމަށްވެސް ހައްލެއް އަންނާނެއެވެ.

comment ކޮމެންޓް