ޑިންގީއިން ގެއްލުނު މީހާ ހޯދަން ޑައިވް ރޮބަޓާއި ހެލިކޮޕްޓަރު ބޭނުން ކުރަން ފަށައިފި

ގެއްލުނު ނަސްރުﷲ ހޯދުމަށް ސިފައިންގެ އުޅަނދު، ޝަހީދު އަލީ ހަރަކާތްތެރިވަނީ -- ފޮޓޯ/ އެމްއެންޑީއެފް

ބ. ދޮންފަނާއި އެއަތޮޅު ހަނިފަރާ ދެމެދު ދަތުރު ކުރަމުން ދިޔަ ލޯންޗެއް އެ ސަރަހައްދުގައި މަސްވެރިކަން ކުރަން އުޅުނު ޑިންގީއެއްގައި ޖެހި ރޭ ހިނގި އެކްސިޑެންޓުގައި، ޑިންގީއިން ގެއްލުނު މީހާ އަދިވެސް ނުފެންނަ ކަމަށް ކޯސްޓް ގާޑުން މިއަދު ބުނެފި އެވެ.

ރޭ 7:06 އެހާއިރު ހިނގި އެ އެކްސިޑެންޓްގައި ގެއްލިފައި ވަނީ، ބ. އޭދަފުށީ މުޝްތަރީގޭ، ނަސްރުﷲ އަބްދުﷲ، 41 އ. އެވެ.

އޭނާ ހޯދުމަށް އެމްއެންޑީއެފްގެ ނޮދަން އޭރިއާއިން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަނާ ގުޅޭ ގޮތުން އެމްއެންޑީއެފްގެ ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް މިއަދު ވިދާޅުވީ، އެކްސިޑެންޓް ހިނގި ހިސާބުގެ ކަނޑުގެ ބޮޑު ސަރަހައްދެއް ބެލުމަށް ކޯސްޓް ގާޑުގެ ލޯންޗަކުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ކަނޑުގެ އަޑި ބެލުމަށް ގިނަ އަދަދެއްގެ ޑައިވަރުންނާއި އެކު ޑައިވް ރޮބަޓް ވެސް މިހާރު ބޭނުން ކުރަމުން އަންނަ ކަމަށެވެ. އަދި ގެއްލުނު މީހާގެ އެއްވެސް ނިޝާނެއް ފެނޭތޯ ހެލިކޮޕްޓަރު ބޭނުންކޮށްގެން ވެސް ކަނޑުގެ ސަރަހައްދު ބަލަމުން އަންނަ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

ޑިންގީ އެކްސިޑެންޓްގައި ގެއްލުނު އޭދަފުށީ މުޝްތަރީގޭ ނަސްރުﷲ އަބްދުﷲ 41: ކަނޑުގެ ބޮޑު ސަރަހައްދެއް ބެލުނު އިރުވެސް އޭނާ ފެނިފައެއް ނުވޭ --- ފޮޓޯ/ އޭދަފުށީ ޓައިމްސް

މި އޮޕަރޭޝަންގައި ކޯސްޓް ގާޑްގެ އުޅަނދު ޝަހީދު އަލީ ވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި މަސައްކަތުން މީހާވެސް އަދި، އަޑިއަށް ދިޔަ ޑިންގީވެސް ފެނިފައެއް ނުވޭ. އެހެން ނަމަވެސް ސިފައިން ގެންދަނީ ހުއްޓާނުލާ ހާއްސަ އޮޕަރޭޝަނެއް ހިންގަމުން މީހާ ފެނޭތޯ،" އާޒިމް ވިދާޅުވި އެވެ.

ކޮމިޔުނިޓީ ނޫހެއް ކަމަށްވާ، އޭދަފުށީ ޓައިމްސްއިން ބުނި ގޮތުގައި، އެކްސިޑެންޓްވީ، ބ. ދަރަވަންދޫއިން ފުރައިގެން މަހަށް ނުކުމެ އުޅުނު ޑިންގީއަކާއި، ބ. އޭދަފުށިން ފުރައިގެން ދަތުރުކުރި ލޯންޗެކެވެ.

ގެއްލުނު ނަސްރުﷲގެ އިތުރުން ޑިންގީގައި، އުމުރުން 42 އަހަރުގެ މީހަކާއި 38 އަހަރުގެ މީހަކު ވެސް ހުރި ކަމަށް އޭދަފުށީ ޓައިމްސްއިން ބުންޏެވެ. ދަރަވަންދޫ ސިއްހީ މަރުކަޒާ ހަވާލާދީ އެ ނޫހުން ބުނީ، އެތަނުން އެކެއްގެ ބޯ ފަޅައިގެން ގޮސް އަތާއި ފައި ޒަހަމްވެފައިވާ ކަމަށެވެ. އެ ދެ މީހުންނަށް ވެސް ދަރަވަންދޫ ސިއްހީ މަރުކަޒުގައި އެޑްމިޓްކޮށް ފަރުވާދީފައިވާ ކަމަށް ވެސް ބުންޏެވެ.

އަޑިއަށް ދިޔަ ޑިންގީގެ މަސްބާނާ ކަންވާރުތަކެއް ރޭ ކަނޑުމަތިން ފެނިފައިވާ ކަމަށް ވެސް އެމްއެންޑީއެފްއިން ވަނީ ބުނެފަ އެވެ. އެމްއެންޑީއެފްއިން ބުނި ގޮތުގައި ގެއްލުނު މީހާ ހޯދުމަށް، އެމްއެންޑީއެފްގެ ހުރިހާ ވަސީލަތްތަކެއް ބޭނުން ކުރާނެ އެވެ.

މީގެ އިތުރުން، އެ ސަރަހައްދުގައި އޮންނަ ޑުސިޓް ތާނީ ރިސޯޓުން ޑައިވިން ޓީމަކާއި ދަރަވަންދޫއިން ޑައިވިން ޓީމެއް ވެސް އެ އޮޕަރޭޝަންގައި އަންނަނީ ބައިވެރިވަމުން އެވެ. ޖުމްލަ 15 އުޅަނދަކުން ނަސްރުﷲ ހޯދުމުގެ މަސައްކަތް ކުރާ ކަމަށް ރޭ އެމްއެންޑީއެފްއިން ހާމަކޮށްފައިވެ އެވެ.

comment ކޮމެންޓް