އޮސްޓްރޭލިއާގެ އަލިފާންގަނޑުތަކުގެ ދުން ނިއުޒިލޭންޑަށް ފޯރައިފި

ނިއު ޒިލޭންޑުގެ އެންމެ އުސް ފަރުބަދަ ކަމަށްވާ މައުންޓް ކުކް، އާދައިގެ ދުވަހެއްގައި ފެންނަ ގޮތާއި (ކ) ފާއިތުވި ދުވަސްތަކުގެ ދުން ބޯވުމުގެ ސަބަބުން ފެންނަ ގޮތް -- ފޮޓޯ: އަލްޕައިން ގައިޑްސް

ވެލިންޓަން (ޖެނުއަރީ 2): އޮސްޓްރޭލިއާގައި ރޯވެފައިވާ އަލިފާންގަނޑުތަކުގެ ދުން އެގައުމާ 1،200 މޭލު ދުރުގައި އޮންނަ ނިއު ޒިލޭންޑަށް ފޯރައިފި އެވެ.

އޮސްޓްރޭލިއާގައި އާދަޔާ ހިލާފަށް ހޫނުގަދަވެ، ރޯވެފައިވާ އަލިފާންގަނޑުތަކުން އަރަމުންދާ ދުން ނިއު ޒިލޭންޑުން ފުރަތަމަ ފެންނަން ފެށީ މިދިޔަ އަންގާރަ ދުވަހުގަ އެވެ. އޭގެ ސަބަބުން އެގައުމުގެ ސައުތު އައިލެންޑުގައި ދުން ބޯވެ، އުޑުމަތި ރީނދޫ ކުލައަކަށް ބަދަލުވި އެވެ.

މީގެ އިތުރުން އެ ދުމުގެ ސަބަބުން ސައުތު އައިލެންޑުގެ ސަދަން އަލްޕްސް ފަރުބަދަތަކުގެ މަތިން ފެނިގެންދާ ސްނޯގެ ފަށަލަތައް ވަނީ ހުދު ކުލައިން މުޝި ކުލައަކަށް ބަދަލުވެފަ އެވެ.

ނަމަވެސް މާދަމާ ނިއު ޒީލެންޑުގެ އުޑުމަތި ސާފުވާނެ ކަމަށް އެގައުމުގެ މީޓިއޮރޮލޮޖިކަލް ސާވިސްއިން ވަނީ ބުނެފަ އެވެ.

އޮސްޓްރޭލިއާގެ ހޫނު މޫސުމުގައި އެކި ސަރަހައްދުތަކުގައި އަލިފާން ރޯވުމަކީ އާއްމު ކަމަކަށްވީ ނަމަވެސް މިއަހަރު އެ އަލިފާންގަނޑުތައް ވަނީ ކުރިން ނުފެތުރޭ މިންވަރަކަށް ފެތުރިފަ އެވެ. އަދި އޭގެ ސަބަބުން މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުން އެގައުމުގައި 18 މީހަކު މަރުވެ، ފަސް މިލިއަން ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއްގެ ބިން އަނދައި، 600އަށް ވުރެ ގިނަ ގެއަށް ވަނީ ގެއްލުން ލިބިފަ އެވެ.

އެ އަލިފާންގަނޑުތައް އެންމެ ބޮޑަށް ރޯވެފައިވާ ނިއު ސައުތު ވޭލްސް ސްޓޭޓުގައި ވަނީ މާދަމާއިން ފެށިގެން ހަތް ދުވަހަށް ކުއްލި ހާލަތު އިއުލާންކޮށްފަ އެވެ. މިދިޔަ މަހުގެ 19އިގައިވެސް އެ ސްޓޭޓުން ހަތް ދުވަސްވަންދެން ކުއްލި ހާލަތު އިއުލާން ކުރި އެވެ.

އޮސްޓްރޭލިއާގެ ސަރުކާރުން ދަނީ އަލިފާންގަނޑު ފެތުރިފައިވާ ސަރަހައްދުތަކަށް އަސްކަރިއްޔާގެ ކަނޑުގެ ބޯޓުތަކާއި މަތިންދާބޯޓުން ފެނާއި ކާނާ ފޯރުކޮށްދެމުންނެވެ. އަދި އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާ އޮފިޝަލުން ދަނީ ރޯވެފައިވާ ސަރަހައްދުތަކުން މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް