އަހަރު ކުރީކޮޅު ތިން އެއާޕޯޓެއް ހުޅުވަނީ

ޅ. މަޑިވަރު އެއާޕޯޓު -- ސަން ފޮޓޯ: އަހުމަދު ހަސަން

މިހާރު ތަރައްގީ ކުރަމުންދާ ސަރަހައްދީ އެއާޕޯޓުތަކުގެ ތެރެއިން ތިން އެއާޕޯޓެއް އަހަރު ކުރީކޮޅު ހުޅުވޭނެ ކަމަށް ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ވީޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ ސަރުކާރުން އެންމެ އިސްކަންދޭ އެއްކަމަކީ ވައިގެ ދަތުރުފަތުރުގެ ނިޒާމުން ރާއްޖެ ގުޅާލުމަށް ކަމަށެވެ.

މިހާރު ތަރައްގީ ކުރަމުންދާ އެއާޕޯޓުތަކުގެ ތެރެއިން ށ. ފުނަދޫ އެއާޕޯޓު މިމަހު ތެރޭ ހުޅުވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ގދ މާވާރުލުގައި ތަރައްގީ ކުރާ އެއާޕޯޓު މާޗު މަހު ހުޅުވޭނެ ކަމަށާއި ޅ. މަޑިވަރު އެއާޕޯޓު އޭޕްރީލް މަހު ހުޅުވޭނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު ވިދާޅުވިއެވެ.

https://sun.mv/128600

މީގެ އިތުރުން ހއ ހޯރަފުށި އެއާޕޯޓު މި އަހަރުގެ އޮގަސްޓު މަހު ހުޅުވޭނެ ކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެއާޕޯޓުތަކާއެކު ދަތުރުފަތުރު ކުރުމުގައި ލުއިތައް ލިބޭނެ ކަމަށެވެ. އަދި ވިދާޅުވީ ހދ. ކުޅުދުއްފުށީ އެއާޕޯޓު 2019 ވަނަ އަހަރު ހުޅުވާ ހިދުމަތް ދޭން ފެށި ނަމަވެސް އެ އެއާޕޯޓަށް ބަދަލުތައް ގެނެސް އެއާޕޯޓު އަޕްގުރޭޑު ކުރަން ޖެހޭ ކަމަށެވެ.

"ހުޅުވާފައި އޮތަސް އަޅުގަނޑުމެން ބޭނުންވާ ފެންވަރެއްގައެއް ނޫން އެއާޕޯޓު ހިންގަމުން ދަނީ. ރައްޔިތުންނަށް ހިދުމަތް ދެމުން ދަނީ. އެހެންވީމާ މި އަހަރު ތެރޭ އެކަންތައް ރަނގަޅުވެގެން ދާނެ ކަމަށް ގަބޫލު ކުރަނީ،" މިނިސްޓަރު ވިދާޅުވިއެވެ.

ގދ ފަރެސްމާތޮޑާ އެއާޕޯޓުގެ ރަންވޭގެ މަސައްކަތަށް ބަދަލެއް އައި ނަމަވެސް ކަނޑައަޅާފައިވާ މުއްދަތަށް އެ އެއާޕޯޓުގެ މަސައްކަތްވެސް ނިމޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ބައެއް އެއާޕޯޓުތައް ހުޅުވުމަށް ކަނޑައަޅާ ތާރީހަށް ނުހުޅުވި ލަސްވަނީ، އެތަނަށް ބޭނުންވާ މުވައްޒަފުން ލިބުން ދަތިވާތީ ކަމަށާއި އެއާޕޯޓުތަކަށް ބޭނުންވާ ޓްރެއިންޑް މުވައްޒަފުން ލިބުމުގައި ދަތިތައް ހުރިކަމަށް ނަހުލާ ވިދާޅުވި އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އަޕްގްރޭޑު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ޓްރާންސްޕޯޓު މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް