ފުލުހުން ދޭ ތަމްރީނެއް ފުރިހަމަ ކުރުމުން، އެއްގަމު ލައިސަންސް ލިބޭގޮތް ހަދަނީ

ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

އެއްގަމުގައި ދުއްވާ އުޅަނދު ފަހަރަށް ލައިސަންސް ދޫކުރާ އިރު، ފުލުހުން ހިނގާ ހާއްސަ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރަން ޖެހޭ ގޮތަށް ބަދަލު ގެންނަން ޓްރާންސްޕޯޓް މިނިސްޓްރީއިން ނިންމައިފި އެވެ.

އެއްގަމު ލައިސަންސް މިހާރު ދޫކުރަނީ ޓްރާންސްޕޯޓް މިނިސްޓްރީއިން ދޫކުރާ ޓެސްޓެއް ހެދުމުންނެވެ.

މިރޭ ވީޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ މަގުމަތީގެ ރައްކާތެރި ކަމަށް މި އަހަރު ތެރޭގައި ގިނަ ކަންތައްތަކެއް ކުރުމަށް އެ މިނިސްޓްރީއިން ރާވާފައިވާ ކަމަށެވެ. އެގޮތުން އެއްގަމުގައި ދުއްވާ އުޅަނދު ފަހަރުގެ ލައިސަންސް ދޫކުރާއިރު މިނިސްޓްރީއިން ދޭ ޓެސްޓުގެ އިތުރުން ފުލުހުން ދޭ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރަން ޖެހޭ ގޮތަށް ބަދަލު ގެނައުމަށް މިނިސްޓްރީއިން ނިންމާފައިވާ ކަމަށްވެސް ނަހުލާ ވިދާޅުވި އެވެ.

"އޭގެ ސަބަބުން ރައްކާތެރިވުމުގެ ގޮތުން އެމީހަކަށް ނޫނީ އެބަޔަކަށް އެކަމަށް ވިސްނަން މަޖުބޫރު ކުރުވާނެ. ހާއްސަކޮށް މިކަން ކުރުމުގެ މަގްސަދަކީ މިހާރު ހިނގަމުންދާ އެކްސިޑެންޓްތައް މަދުކޮށްފައި ދަތުރުފަތުރުގެ ނިޒާމުގެ ތެރެއަށް މީހުން އަހުލުވެރި ކުރުވުން. އެހެންވީމަ އަޅުގަނޑު ގަބޫލު ކުރަނީ މިއީ ވަރަށް މުހިންމު މަސައްކަތެއް ކަމުގައި ވާނެ ކަމަށް." މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ.

ފުލުހުން ދޭ ތަމްރީނެއް ފުރިހަމަ ކުރަން ޖެހެނީ އަލަށް ލައިސަންސް ހައްދާ ފަރާތްތަކަށް ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. މިހާރު ލައިސަންސް ނަގާފައިވާ ފަރާތްތަކުން އެ ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރާކަށް ނުޖެހެ އެވެ.

އޭގެ އިތުރުން މިއަހަރުގެ ތެރޭގައި މަގުމަތީގައި ބޭނުންކުރާ ސައިން ބޯޑުތައް ތައާރަފް ކުރުން ހިމެނޭ ކަމަށް ނަހުލާ ވިދާޅުވި އެވެ. އެއީ މަގުމަތީގެ ރައްކާތެރި ކަމާއި ހާއްސަކޮށް ލިންކް ރޯޑާއި ބްރިޖްމަތީގެ ރައްކާތެރި ކަމަށް ބޭނުން ކުރުމަށް ނަހުލާ ވިދާޅުވި އެވެ.

މިއަހަރު ކުރަން ނިންމާފައިވާ އިތުރު ކަމެއްގެ ގޮތުގައި ނަހުލާ ފާހަގަ ކުރެއްވީ ވެހިކަލްތަކުގައި ނަމްބަރު ޕްލޭޓް ޖެހުމެވެ. އެގޮތުން ހާއްސަ ފީޗާއަކާއެކު ތައްޔާރުކުރާ އެ ނަމްބަރު ޕްލޭޓްގައި ހިމެނޭ ނަމްބަރަކީ މެޝިނަކަށް ރީޑް ކުރާ ގޮތަށް ތައްޔާރުކުރެވޭ ނަމްބަރު ޕްލޭޓެއް ކަމަށް ވިދާޅުވި އެވެ. އޭގެ ސަބަބުން ސައިކަލެއް ނުވަތަ ވެހިކަލެއް ގެއްލިގެން ހޯދަން ފަސޭހަވެގެން ދާނެ ކަމަށް ވިދާޅުވި އެވެ.

މިހާރު ދުއްވާ ޓެކްސީތަކުގެ ތެރެއިން 15 އަހަރު ވެގެން އުޅަނދު ނައްތާލަން ވެރިފަރާތުން ބޭނުންވެއްޖެ ނަމަ އުޅަނދު ނައްތާލުމާއި އާ އުޅަނދެއް ރެޖިސްޓްރީ ކޮށްދިނުމުގައި ލުއިފަސޭހަ ގޮތްތަކެއް ހަދައިދޭން ނިންމާފައިވާ ކަމަށްވެސް މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ.

"ރާއްޖެއަކީ ޓުއަރިޒަމްގެ ސިނާއަތަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމަކަށް ވާތީވެ. ރާއްޖެއަށް އަންނަ ޓުއަރިސްޓުންނަށް މިތަން އެބަ ރީތިތަކެއްގެ ގޮތުގަިއ ފެންނަން ޖެހޭ. މިހާރު އަޅުގަނޑުމެންގެ ބައެއް ޓެކްސީތައް މި ހުންނަނީ ވަރަށް ބޮޑަށް ވަސްއަރާ ވަރަށް ނޭދެވޭ ހާލަތެއްގައި. އެހާ ސާފެއް ނޫނޭ އަޅުގަނޑު ދަންނަވާނީ." މިނިސްޓަރު ވިދާޅުވި އެވެ.

އެހެންކަމުން ވެހިކަލްތަކުގެ ވެރިފަރާތުން އެތަކެތީގެ ބަދަލުގައި އާ ވެހިކަލް ބޭނުންވެއްޖެ ނަމަ ފަސޭހައިން އެކަން ކުރެވޭ ގޮތަށް އޮތުމަކީ ޓެކްސީތަކުގެ ހާލަތަށް ބަދަލު އަންނާނެ ކަމެއްގެ ގޮތުގައި ނަހުލާ ފާހަގަ ކުރެއްވި އެވެ.

comment ކޮމެންޓް