އެކްސްޕޯޓު ދަށްވެ އިމްޕޯޓު އިތުރު ވެއްޖެ

ކަސްޓަމްސް ސަރަހައްދު --- ސަން ފޮޓޯ/ޖަޒްލާން މުހައްމަދު

މިއަހަރުގެ ނޮވެމްބަރު މަހު ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރި މުދާ މިދިޔަ އަހަރާ އަޅާ ބަލާއިރު 27 ޕަސެންޓް ދަށްވެފައިވާކަމަށް މަރުކަޒީބޭންކް އެމްއެމްއޭ އިން ބުނެފިއެވެ.

އެމްއެމްއޭ އިން މިއަދު އާންމުކުރި އިކޮނޮމިކް އަޕްޑޭޓުގައި ވާގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރާ އަޅާ ބަލާއިރު މިއަހަރުގެ ނޮވެމްބަރު މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ ނިސްބަތް މިދިޔަ އަހަރާ އަޅާބަލާއިރު ތިން ޕަސެންޓު އިތުރެވެ.

އެމްއެމްއޭ އިން ބުނީ ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރި މުދަލުގެ ނިސްބަތް ދަށްވެފައިވަނީ ގަނޑުކުރި މަސް ބޭރުކުރާ މާކެޓުތައް ދަށް ވުމުން ކަމަށެވެ މީގެ އިތުރުން ކަންނެލި އެކްސްޕޯޓުކުރާ މާކެޓުތައްވެސް ދަށްވުމާއި ދަޅުމަހުގެ އެކްސްޕޯޓު ދަށްވުމަކީވެސް ސަބަބެއް ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

ރާއްޖެއަށް އެތެރެކުރި މުދަލުގެ ނިސްބަތް އިތުރުވެފައިވަނީ ޓްރާންސްޕޯޓު ހިދުމަތަށް އެތެރެކުރި މުދާ އިތުރުވުމުންކަމަށް އެމްއެމްއޭ އިން ބުންޏެވެ. ދަތުރުފަތުރާ ގުޅޭ މުދަލުގެ އިތުރުން އިލެކްޓްރޯނިކް ސާމާނާއި މެޝިނަރީ އަދި އިކުއިޕްމެންޓު އެތެރެކުރި މިންވަރުވެސް މިއަހަރު އިތުރުވެފައިވާކަމަށް އެމްއެމްއޭ އިން ބުންޏެވެ.

ނޮވެމްބަރު މަހުގެ އެކްސްޕޯޓު ދަށްވި ނަމަވެސް މިއަހަރުގެ ޖެނުއަރީ އިން ނޮވެމްބަރަށް ބަލާއިރު އެކްސްޕޯޓު ހަތް ޕަސެންޓަށް އިތުރުވި ކަމަށާއި ނަމަވެސް އިމްޕޯޓު ތިން ޕަސެންޓަށް ދަށްވި ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

comment ކޮމެންޓް