އާ އަހަރާ ދިމާކޮށް ބާއްވާ ހަފްލާތަކުގައި ގަވައިދާ ހިލާފު ކަންތައްތައް ރާވަމުންދޭ: ފުލުހުން

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--- ފޮޓޯ: އަހުމަދު އަވުޝަން

އާ އަހަރާ ދިމާކޮށް ބޭއްވުމަށް ތައްޔާރުވަމުންދާ ހަފްލާތަކުގައި ގަވައިދާ ހިލާފު ކަންތައްތައް ކުރަން ރާވަމުންދާ ކަަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރިޓެންޑަންޓް އޮފް ޕޮލިސް ހުސައިން ސަމީރު ވިދާޅުވީ އެފަދަ ކަންތައްތައްކުރަން އުޅޭތީ އެކަމަށް ފުލުހުން ފާރަވެރިވަމުންދާ ކަމަށެވެ.

"އާ އަހަރު ފެށުން ފާހަގަކުރަށް ފެށުމުގެ ގޮތުން މާލެ ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ ފަރާތްތަކުން ބޭއްވުމަށް ހަމަޖެހިފައިވާ ބައެއް ހަފްލާތައް ތާއްޔާރުކުރުމުގެ ގޮތުން ބާއްވަން ބައެއް ފަރާތްތަކުން ރާވައިފައިވާ ހަފްލާތަކުގައި ގަވައިދާ ހިލާފު ކަންތައްތަކެއް ކުރުމަށް ރާވާކަމުގެ މައުލޫމާތު މި ސާވިސްއަށް ވަނީ ލިބިފައި." ސަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލެ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި އަދި އެކި ބޭނުންތަކުގައި ޒިޔާރަތްކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން މިމަހުގެ 22 އިން ފެށިގެން " އޮޕަރޭޝަން ރިވެލި" ކުރިއަށް ގެންދަމުންދާ ކަމަށެވެ.

އެ އޮޕަރޭޝަންގެ ދަށުން މިހާތަނަށް 6867 އުޅަނދަކާއި 908 މީހަކު ބަލައި ފާސްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފޭރުމަށް ބޭނުންކުރާ އާލާތްތަކާއި އަހަރު ފާހަގަކުރުމަށް ހިންގާ ހަރަކާތްތައް ފަންޑު ހޯދުމަށް ފޭރިފައިވާ ފާއިސާއާއި ބަނގުރަލާއި މަސްތުވާތަކެތި ބޭނުންކުރާ އާލާތްތަކާއި މަސްތުވާތަކެތި ފުލުހުން މިހާރު ހިންގަމުންދާ އޮޕަރޭޝަންތަކުގައި ވަނީ އަތުލައިގަނެވިފައި." ސަމީރު ވިދާޅުވި އެވެ.

ކުށުގެ މާހައުލު ހިންގާ ތަންތަންކަމަށް ބެލެވޭ ތަންތަން ބަލައި ފާސްކޮށް ކުށުގެ އަމަލުތައް ހަނިކުރުމުގެ ގޮތުން ދަނީ މަސައްކަތްތަކެއް ކުރަމުން ދާ ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ.

ޕެޓްރޯލް ކުރަން ފުލުހުން އިތުރުކޮށް ޕެޓްރޯލް ކުރާ ޕެޓާން ބަދަލުކޮށް އަދި ކުށްތައް ހިނގާނެކަމަށް ބެލެވޭ ސަރަހައްދުތަކަށް ހާއްސަ ސަމާލުކަމެއް ދީގެން އިތުރަށް ބަލަމުންގެންދާ ކަމަށް ސަމީރު ވިދާޅުވި އެވެ.

comment ކޮމެންޓް