ބަލި މީހަކު ގޮވައިގެން ދިޔަ ސީ އެމްބިއުލާންސެއް އެކްސިޑެންޓްވެ ފަޅައިގެން ހިނގައްޖެ

ނ. މާޅެންދޫ އިން ބަލި މީހަކު ގޮވައިގެން އެ އަތޮޅު މަނަދޫއަށް ދަތުރުކުރަމުން ދިޔަ ސީ އެމްބިއުލާން ބަނޑުން ޖަހާލަަފަ. ފޮޓޯ/ ސަން ކިއުންތެރިއެއް

ނ. މާޅެންދޫ އިން ބަލި މީހަކު ގޮވައިގެން އެ އަތޮޅު މަނަދޫއަށް ދަތުރުކުރަމުން ދިޔަ ސީ އެމްބިއުލާންސެއް އެކްސިޑެންޓުވެ، ފަޅައިގެން ހިނގައްޖެ އެވެ.

މާޅެންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޝާހް މޫސާ "ސަން" އަށް ވިދާޅުވީ އެ ހާދިސާ ހިނގާފައި ވަނީ ރޭ ފަތިހު 5:20 އެހާކަންހާއިރު ކަމަށެވެ.

އެ ހާދިސާ ހިނގި އިރު ލޯންޗުގައި ހަތް މީހުން ތިއްބެވެ. އެއިން އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެ އެވެ.

ލޯންޗު އެކްސިޑެންޓުވީ މާޅެންދޫ އިން ނުކުންނަން އުޅެނިކޮށް ބާނި ބޮޑުވެ ޖެހި ރާޅަކާ އެކީ ހިލަ ތޮށީގެ ކޮޅުގައި ޖެހިގެންނެވެ. ތޮށިގަނޑުގެ ޖެހުމުގެ ސަބަބުން ލޯންޗުގެ ދަށުން ވަނީ ފަޅައިގެން ގޮސްފަ އެވެ.

ލޯންޗު ފަޅައިގެން ދިއުމުން، އެވަގުތު ބަނދަރުމަތީގައި ތިބި މީހުންގެ އެހީތެރިކަމާ އެކު ލޯންޗު ހިލަ ތޮށްޓާ ކައިރިކޮށް މީހުން ވަނީ ތޮށިގަނޑު މައްޗަށް ބާލައިފަ އެވެ.

މިހާރު ފުލުހުންގެ ލޯންޗެއްގައި ބަލިމީހާ މަނަދު އަށް ވަނީ ފޮނުވާލައިފަ އެވެ.

ލޯންޗު ފަޅުތެރެއަށް ވެއްދި ފަހުން، ލޯންޗު ބަންޑުން ޖަހާލައި ފަޅުތެރެއަށް ވަނީ އަޑިއަށް ގޮސްފަ އެވެ.

އެމްއެންޑީއެފް އިން ބުނީ މި ހާދިސާގެ މައުލޫމާތު ފަތިހު 5:30 ހާއިރު ލިބުނު ކަމަށާއި، މިހާރު ލޯންޗު ނެގުމަށް ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް