ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ދިރާގުގެ މުވައްޒަފުންތަކެއް -- ފޮޓޯ: ދިރާގު

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ މަގްސަދަކީ ދިވެހި ޒުވާނުން ވަޒީފާގެ މާހައުލަށް އަހުލުވެރި ކުރުވައި، ތަފާތު ފަންނީ އަދި އަމަލީ ހުނަރު ދަސްކޮށްދިނުން ކަމަށް ދިރާގުން ބުންޏެވެ.

އެޕްރެންޓިސްޝިިޕް ޕްރޮގްރާމުގައި ބައިވެރިވާ ޒުވާނުންނަށް ތަމްރީނުދޭ ދާއިރާތަކުގެ ތެރޭގައި މާކެޓިން، ސޭލްސް، ފައިނޭންސް، ޕްރޮކިއުމެންޓް، ހިއުމަން ރިސޯސަސް، އިންފޮމޭޝަން ސިސްޓަމްސް، އިންޖިނިއަރިން އަދި ނެޓްވޯކްސް ފަދަ ދާއިރާތައް ހިމެނެއެވެ. މި ޕްރޮގްރާމުގައި ބައިވެރިވާ ކޮންމެ ކުއްޖަކަށް ދިރާގުން މެންޓާ އެއް ހަމަޖައްސާނެއެވެ.

ދިރާގުގެ ސީއެސްއާރުގެ ދަށުން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ވޯކް އިން އިންޓަވިއުތައް ކުރިއަށް ގެންދަން ނިންމާފައިވަނީ އަންނަ ޖެނުއަރީ ހަތްވަނަ ދުވަހު ދިރާގު ހެޑް އޮފީސް އަދި ރީޖަނަލް އޮޕަރޭޝަން ސެންޓަރު ތަކުގައި މެންދުރު ދޭކުން ހަވީރު ފަހަކަށެވެ.

އުމުރުން 18 އަހަރާ 30 އަހަރާ ދެމެދުގެ ޒުވާނުންނަށް މި ޕްރޮގްރާމުގައި ބައިވެރިވެވޭއިރު ބައިވެރިވާ ފަރާތުގައި ހުންނަންޖެހޭ ޝަރުތުތަކަކީ އޭލެވެލް އިމްތިހާނު ނުވަތަ އެއާ އެއްފެންވަރެއްގެ ސެޓްފިކެޓެއް އޮތުމާއި ފުލްޓައިމް ވަޒީފާއެއްގައި ނޫޅޭ ފަރާތަކަށް ވުމެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާ ކުދިންނަށް މާލޭގެއިތުރުން ދިރާގު އޮޕަރޭޝަން ސެންޓަރުތައް ހުންނަ ރަށްރަށުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެއެވެ.

ދެހާސް ނުވަ ވަނަ އަހަރުން ފެށިގެން މި ޕްރޮގްރާމު ކުރިއަށް ގެންދާއިރު ފާއިތުވި އަހަރުތަކުގައި ޖުމްލަ 200 އަށް ވުރެ ގިނަ ޒުވާނުން މި ޕްރޮގްރާމުގެ ދަށުން ވަނީ ތަމްރީނުވެފައެވެ.

comment ކޮމެންޓް