ރަހީނު ކުރި ކަމަށް ބުނި ސްވިސް އެމްބަސީގެ މުވައްޒަފު ކަފާލާތުގެ ދަށުން ދޫކޮށްލައިފި

ކޮލަމްބޯގެ މަގެއްމަތިން ރަހީނު ކުރި ކަމަށް ބުނާ މުވައްޒަފު ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފައި -- ފޮޓޯ: އީޕީއޭ

ކޮލަމްބޯ (ޑިސެމްބަރު 30): ސްރީލަންކާގައި ހުންނަ ސުވިޒަލޭންޑުގެ އެމްބަސީގެ މުވައްޒަފަކު ކޮލަމްބޯގެ މަގުމަތިން ރަހީނު ކުރި ކަމަށް އޭނާ ބުނި މައްސަލައިގައި ފުލުހުން އޭނާ ހައްޔަރުކުރުމަށް ފަހު، މިއަދު ކަފާލާތު ދަށުން ދޫކޮށްލައިފި އެވެ.

ސްވިސް އޮފިޝަލުން ބުނި ގޮތުގައި އެގައުމުގެ އެމްބަސީގައި މަސައްކަތް ކުރަމުން ދިޔަ ލަންކާގެ އަންހެނަކު ބަޔަކު ގާތްގަނޑަކަށް ދެ ގަޑި އިރުވަންދެން ރަހީނު ކުރީ މިދިޔަ މަހުގެ 25ގަ އެވެ. އަދި އެމީހުން ވަނީ އެމްބަސީއާ ގުޅުން ހުރި މައުލޫމާތު ހިއްސާ ކުރަން އޭނާއަށް މަޖޫބުރުކޮށްފަ އެވެ.

ނަމަވެސް ލަންކާގެ އޮފިޝަލުން ވަނީ އެހާދިސާ ތަހުގީގު ކުރުމަށް ފަހު، އެމުވައްޒަފު ރަހީނު ކުރި ކަމުގެ އެއްވެސް ހެއްކެއް ފެނިފައި ނުވާ ކަމަށް ބުނެފަ އެވެ. އަދި މި މަހުގެ 16ގައި އޭނާ ހައްޔަރުކޮށްފަ އެވެ.

ނަމަވެސް މިއަދު ކޮލަމްބޯގެ މެޖިސްޓްރޭޓު ކޯޓުން ވަނީ އެ މުވައްޒަފު ކަފާލާތުގެ ދަށުން ދޫކޮށްލާފަ އެވެ.

ނިއު ޔޯކް ޓައިމްސްގައިވާ ގޮތުން އެ އަންހެން މީހާ ގަދަކަމުން ކާރަކަށް އެރުވި މީހުން ވަނީ އޭނާގެ ފޯނު ހުޅުވަން މަޖުބޫރުކޮށްފަ އެވެ. އަދި އެ ފޯނުގައި ސްވިޒަލޭންޑުން ހިމާޔަތް ހޯދި ލަންކާ މީހުންގެ މައުލޫމާތާއި އެމީހުންނަށް އެހީވި މީހުންގެ މައުލޫމާތު ވެސް ހުއްޓެވެ.

އެހާދިސާ ހިނގީ މިދިޔަ މަހު ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ކުރީގެ ޑިފެންސް ސެކްރެޓަރީ ގޯޓާބަޔަ ރާޖަޕަކްސައާ ގުޅުން ހުރި މައްސަލަތަކެއް ތަހުގީގު ކުރި ފުލުހަކު، ސްވިޒަލޭންޑުން ހިމާޔަތް ހޯދި ކަމަށް ރިޕޯޓު ކުރި ދުވަހުގެ ފަހުންނެވެ.

އެ މައްސަލައާ ގުޅިގެން ރައީސް ގޯޓާބަޔަ ވެސް ވަނީ އެއީ މުޅިން ވެސް ހަދަހަދައިގެން ދައްކާ ވާހަކަތަކެއް ކަމަށް ވިދާޅުވެފަ އެވެ.

comment ކޮމެންޓް