އިންޑިއާޔާއި ލަންކާއަށް އިންތިހާބުގެ އަހަރެއް

އިންޑިއާގެ އާންމު އިންތިހާބުގައި ބަޔަކު ވޯޓްލާން ނުކުމެ --

މިއަހަރު ތެރޭ ސްރީލަންކާ އާއި އިންޑިއާގައި ވަނީ ގައުމުގެ ވެރިން އައްޔަން ކުރުމުގެ ގޮތުން އިންތިހާބުތައް ބާއްވާފަ އެވެ. އެގޮތުން އިންޑިއާގެ އާއްމު އިންތިހާބު 11 އޭޕްރިލް އިން 19މެއި އަށް ކުރިއަށްގެންދިޔަ އިރު 16 ނޮވެމްބަރުގައި ލަންކާގެ ރިޔާސީ އިންތިހާބު ވަނީ ބާއްވާފަ އެވެ.

އިންޑިއާ އިންތިހާބު: ޑިމޮކްރަސީގެ އެންމެ ބޮޑު ހަރަކާތް

ދުނިޔޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ގައުމުކަމަށްވާ އިންޑިއާގެ ޕާލިމެންޓުގެ ތިރީގެއަށް މެމްބަރުން ހޮވުމަށް ބޭއްވި އާއްމު އިންތިހާބުގައި ވޯޓުލުމަށް 900 މީހުން ރެޖިސްޓާ ކުރި އެވެ. އަދި އޭގެ ތެރެއިން 67 ޕަސެންޓު މީހުން ވޯޓުގައި ބައިވެރިވި އެވެ.

އިންޑިއާގެ އާންމު އިންތިހާބު ކުރުކޮށް --

އެ އިންތިހާބުގެ ވޯޓު ގުނަން ފެށީ މެއި 23ގަ އެވެ. އަދި ބޮޑު ތަފާތަކާއެކު އިންތިހާބު ކާމިޔާބު ކުރީ ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)އިންނެވެ. އެގޮތުން އެޕާޓީއަށް 303 ގޮނޑި ލިބުނު އިރު އިދިކޮޅު ކޮންގްރެސް ޕާޓީއަށް ލިބުނީ 86 ގޮނޑި އެވެ. އޭގެ ފަހުން ބީޖޭޕީން ވަނީ އަނެއްކާވެ ބޮޑުވަޒީރު ކަމަށް ނަރެންދުރަ މޯދީ އައްޔަންކޮށްފަ އެވެ. އަދި ކޮންގްރެސްގެ ރައީސް ރާހުލް ގާންދީ ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

ލަންކާ އިންތިހާބުން ރާޖަޕަކްސައަށް ބާރު

އިންޑިއާގެ އިންތިހާބާ ހިލާފަށް ލަންކާގެ ރިޔާސީ އިންތިހާބުން ކުރި ހޯދީ އިދިކޮޅު ޕާޓީންނެވެ. އެ އިންތިހާބުގައި އޭރުގެ ރައީސް މައިތިރިޕާލާ ސިރިސޭނާވެސް އަދި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަވެސް ވާދަ ނުކުރައްވަ އެވެ. އަދި ވިކްރަމަސިންހަގެ ޕާޓީން ސަޖިތު ޕްރޭމަދާސަ ވާދަ ކުރެއްވި އިރު ސިރިސޭނާގެ ޕާޓީން ތާއިދު ކުރީ އިދިކޮޅު ޕީޕަލްސް ފްރޮންޓް ޕާޓީ (އެސްއެލްޕީޕީ)ގެ ކެންޑިޑޭޓު ގޯޓާބަޔަ ރާޖަޕަކްސައަށެވެ.

ލަންކާގެ ރިޔާސީ އިންތިހާބުގައި ވޯޓްލާން ނުކުމެ.

އެ އިންތިހާބުގައި ވޯޓުލާން 15.9 މިލިއަން މީހުން ރެޖިސްޓާ ކުރި އެވެ. އަދި އޭގެ ތެރެއިން 83 ޕަސެންޓު މީހުން ވޯޓުގައި ބައިވެރިވި އެވެ.

އެ އިންތިހާބު 52.25 ޕަސެންޓު ވޯޓާ އެކު ކާމިޔާބު ކުރެއްވީ ގޯޓާބަޔަ އެވެ. އަދި ޕްރޭމަދާސައަށް ލިބުނީ 41.99 ޕަސެންޓު ވޯޓެވެ.

ސްރީލަންކާގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސައާއި ބޮޑުވަޒީރު މަހިންދަ ރަޖަޕަކްސަ -- ފޮޓޯ// ތާރަކަ ބަސްނަޔަކަ

ލަންކާގައި މީގެ ކުރިން ޑިފެންސް ސެކްރެޓަރީކަން ކުރައްވާފައިވާ ގޯޓާބަޔަގެ ބޮޑުވަޒީރު ކަމަށް އައްޔަން ކުރެއްވީ ކުރީގެ ރައީސް އަދި ބޭބޭފުޅު މަހިންދަ އެވެ. އެއީ ލަންކާގައި ކުރިން ރައީސްކަން ކުރެއްވި ބޭފުޅެއްގެ ކޮއްކޯފުޅު ވެރިކަމަށް އިސްވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އަދި ދެބެއިން ގައުމުގެ އެންމެ އިސް ދެ މަގާމު ފުރުއްވާ ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް